Ads by Farudhun

ޚަބަރު

ސުމޫދު ފްލޮޓިލާއަށް ހުރަސް އެޅުމުން ދިވެހި ރާއްޖެ އާއި އިތުރު ޤައުމުތަކަކުން އެކަން ކުށްވެރިކޮށްފި

ސުމޫދު ފްލޮޓިލާއަށް ހުރަސް އެޅުމުން ދިވެހި ރާއްޖެ އާއި އިތުރު ޤައުމުތަކަކުން އެކަން ކުށްވެރިކޮށްފި

ރާއްޖޭގެ ހާރިޖީ ވުޒާރާ---

01 މޭ 2026، 07:00

ޣައްޒާއަށް އިންސާނީ އެހީ ހިފައިގެން ދަތުރުކުރަމުންދިޔަ ގްލޯބަލް ސުމޫދު ފްލޮޓިލާގެ ބޯޓުތަކަށް ބައިނަލްއަޤްވާމީ ކަނޑުގެ ސަރަޙައްދުން އިސްރާއީލުގެ އަސްކަރިއްޔާއިން ހުރަސްއެޅުމާ ގުޅިގެން ދިވެހިރާއްޖެ އާއި އިތުރު ޤައުމުތަކަކުން މިކަން ކުށްވެރިކޮށްފިއެވެ.

އިސްރާއީލްގެ އަސްކަރިއްޔާގެ މި ޢަމަލު ކުށްވެރިކޮށްފައި ވަނީ ރާއްޖެއާއި އިތުރު 10 ޤައުމެއް ގުޅިގެން މިއަދު ނެރުނު ބަޔާނެއްގައެވެ. މި ބަޔާން ނެރުނީ ދިވެހިރާއްޖޭގެ އިތުރުން ބްރެޒިލް، އުރުދުން، ޕާކިސްތާން، ސްޕެއިން، މެލޭޝިއާ، ބަންގްލަދޭޝް، ކޮލަމްބިއާ، ދެކުނު އެފްރިކާ، ތުރުކީ އަދި ލީބިޔާއިން ގުޅިގެންނެވެ.

މި ޤައުމުތަކުގެ ހާރިޖީ ވަޒީރުން ގުޅިގެން ނެރުނު ބަޔާނުގައި ބުނެފައި ވަނީ، ގްލޯބަލް ސުމޫދު ފްލޮޓިލާއަކީ ޣައްޒާގައި ހިނގަމުންދާ އިންސާނީ ކާރިސާއަށް ބައިނަލްއަޤުވާމީ މުޖުތަމައުގެ ސަމާލުކަން ގެނައުމަށް މަދަނީ ޖަމިއްޔާތަކުން އިސްނަގައިގެން ކުރިއަށް ގެންދިޔަ ސުލްހަވެރި ހަރަކާތެއް ކަމަށެވެ. އެހެންކަމުން މިފަދަ ހަރަކާތަކަށް ހުރަސް އެޅުމަކީ ބަލައިގަނެވޭނެކަމެއް ނޫންކަމަށް މި ބަޔާނުގައި ބުނެފައި ވެއެވެ.

މި ބަޔާނުގައި އިތުރަށް ބުނެފައި ވަނީ އިންސާނީ އެހީތެރިން ޤާނޫނާ ޚިލާފަށް ހައްޔަރު ކުރުމަކީ، ބައިނަލްއަޤުވާމީ ޤާނޫނުތަކާއި ބައިނަލްއަޤުވާމީ އިންސާނީ ޤާނޫނުތަކާ ކަނޑައެޅިގެން ޚިލާފު އަމަލެއްކަމަށާއި، މިއީ ޖެނީވާ މުއާހަދާތަކުގެ ދަށުން އިންސާނީ އެހީތެރިންނަށް ލިބިދޭންޖެހޭ ޙިމާޔަތާއި ރައްކާތެރިކަން ނިގުޅައިގަތުން ކަމަށެވެ.

އަދި މި ބަޔާނުގައި، އެ އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވާ އިންސާނީ އެހީތެރިން ދޫކޮށްލުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް އިސްރާއީލުގެ ކަމާބެހޭ ފަރާތްތަކަށް ވަނީ ގޮވާލާފައެވެ. ބައިނަލްއަޤުވާމީ ޤާނޫނުތައް ނެގެހެއްޓުމަށާއި، އާންމުން ޙިމާޔަތް ކުރުމަށާއި، މިފަދަ ޚިލާފުވުންތަކަށް ޖަވާބުދާރީ ކުރުވުމަށް ބައިނަލްއަޤުވާމީ މުޖުތަމައުގެ މައްޗަށް އޮތް އަޚުލާގީ އަދި ޤާނޫނީ ވާޖިބު އަދާކުރުމަށްވެސް ވަނީ ގޮވާލާފައެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުވެސް އިސްރާއީލުން ވަނީ މި ފްލޮޓިލާގެ 40 ބޯޓަކަށް ހުރަސްއަޅައި، 450 އަށްވުރެ ގިނަ މީހުން ހައްޔަރުކޮށްފައެވެ. އޭގެ ތެރޭގައި ނެލްސަން މަންޑޭލާގެ ކާފަ ދަރިކަލުންނާއި، ތިމާވެށީގެ އެކްޓިވިސްޓް ގްރެޓާ ތުންބާގް އަދި ޔޫރަޕްގެ ޕާލަމެންޓް މެންބަރު ރީމާ ހަސަން ހިމެނެއެވެ. ހައްޔަރުކުރި މީހުން އިސްރާއީލުގެ ބަންދުގައި ތިބިއިރު ޖިސްމާނީ އަދި ނަފްސާނީ އަނިޔާ ކުރި ކަމަށް އެމީހުން ތުހުމަތުކޮށްފައިވެއެވެ.

އިޓަލީން މިދިޔަ އާދީއްތަ ދުވަހު ފުރި މި ފްލޮޓިލާއަކީ ޣައްޒާއަށް އެހީ ފޯރުކޮށްދިނުމަށް މިހާތަނަށް ފޮނުވި އެންމެ ބޮޑު އިންސާނީ އެހީގެ ގާފިލާއެވެ. އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ގަތުލުއާންމުގައި މިހާތަނަށް 72,599 މީހުން ޝަހީދުވެ، 172,411 މީހުން ވަނީ ޒަހަމްވެފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450