Ads by Farudhun

ޚަބަރު

މިފްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ޕީސީބީގެ ކުރީގެ ރައީސް އަނަސް އައްޔަންކުރައްވައިފި

މިފްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ޕީސީބީގެ ކުރީގެ ރައީސް އަނަސް އައްޔަންކުރައްވައިފި

މުހައްމަދު އަނަސް -- ފޮޓޯ : ޕީސީބީ ޓުވިޓާ

މުހައްމަދު ނާފިޒް

މުހައްމަދު ނާފިޒް

30 އޭޕްރީލު 2026، 11:05

30 އޭޕްރީލު 2026، 11:05

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) ގެ މެނޭޖިން ޑިރެކްޓަރު އަދި ޗީފް އެގްޒެކްޓިވް އޮފިސަރުގެ މަގާމަށް، ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) ގެ ކުރީގެ ރައީސް މުހައްމަދު އަނަސް މިއަދު އައްޔަންކުރައްވައިފިއެވެ.

ޕީސީބީން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، މިފްކޯގެ އެންމެ އިސް ހިންގުންތެރިޔާގެ މަގާމަށް މިއަދުން ފެށިގެން އަނަސް އައްޔަންކުރުމަށް ނިންމާފައިވާ ކަމަށެވެ. މިފްކޯގެ އެމްޑީގެ މަގާމު ހުސްވީ، އެ މަގާމުގައި ކުރިން ހުންނެވި ބްރިގޭޑިއާ ޖެނެރަލް (ރިޓަޔާޑް) ފަރުހަތު ޝަހީރު މި މަހުގެ މެދުތެރޭގައި މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ފަރުހަތު އެ މަގާމަށް އައްޔަންކުރެއްވީ 2025 ވަނަ އަހަރުގެ މާރިޗު މަހުގެ ތެރޭގައެވެ.

މިފްކޯގެ ހިންގުމާ އަލަށް ހަވާލުވެވަޑައިގަތް މުހައްމަދު އަނަސްއަކީ މާލީ ދާއިރާއާއި ދައުލަތުގެ ސިޔާސަތުތައް އެކުލަވައިލުމުގެ ރަންގަޅު ތަޖުރިބާތަކެއް ލިބިވަޑައިގެން ހުންނެވި ފަންނީ ބޭފުޅެކެވެ. ޕީސީބީގެ ރައީސްގެ މަގާމުގައި ހުންނެވި ދުވަސްވަރު، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ހަރުދަނާކޮށް މޮނިޓަރުކުރުމުގައި އޭނާ ވަނީ އިސް ދައުރެއް އަދާކުރައްވާފައެވެ.

މީގެ އިތުރުން، ފިނޭންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމުގައި ހުންނަވައި، ރާއްޖޭގެ ދަރަނި މެނޭޖުކުރުމުގެ ސިޔާސަތުތައް އެކުލަވައިލުމާއި ސޮވެރިން ބޮންޑު ދޫކުރުމުގެ މުހިންމު މަސައްކަތްތަކެއް އޭނާ ކުރެއްވިއެވެ. އަދި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ އޮޑިޓް މެނޭޖަރުގެ މަގާމުގެ އިތުރުން، މޯލްޑިވްސް ބިޒްނަސް ސްކޫލްގެ އެސޯސިއޭޓް ޕްރޮފެސަރެއްގެ ގޮތުގައި ވެސް އަނަސް ވަނީ މަސައްކަތް ކުރައްވާފައެވެ.

ތައުލީމީ ގޮތުން ބަލާއިރު، އަނަސް ވަނީ އިނގިރޭސިވިލާތުގެ ޔުނިވަސިޓީ އޮފް ހާޓްފޯޑްޝަޔަ އިން އެކައުންޓިން ދާއިރާއިން ފަސްޓް ކްލާސް އޮނަސްއާއެކު ބެޗްލާސް ޑިގްރީ ހާސިލުކުރައްވައި، ރާއްޖޭގެ ގައުމީ ޔުނިވަސިޓީން މާސްޓާސް އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން (އެމްބީއޭ) ފުރިހަމަކުރައްވާފައެވެ.

1993 ވަނަ އަހަރު އުފެއްދި މިފްކޯގެ ހިންގުމަށް ފާއިތުވި ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. އެގޮތުން، މި ސަރުކާރުން އެންމެ ފުރަތަމަ އައްޔަންކުރި ސަމާހު ރަޝީދާއި، އޭގެ ފަހުން އައްޔަންކުރި ބިދޭސީ ސީއީއޯ ޑރ. ވިޓާލީ ލިއުބިމޮވް ވެސް ވަނީ މަގާމުން ވަކިކުރައްވާފައެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން މިފްކޯގެ ހިންގުން ހަރުދަނާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ދަނޑިވަޅެއްގައި، މާލީ ދާއިރާގެ ތަޖުރިބާކާރަކު އެ ކުންފުނީގެ އެންމެ އިސް މަގާމަށް އައްޔަންކުރުމަކީ ކުންފުނީގެ މުސްތަގުބަލަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި ގިނަ ބަޔަކު ދެކެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450