Ads by Farudhun

ޚަބަރު

"ނޫސްވެރިކަމުގެ އިންޑެކްސް ފަހަތަށް ދަނީ ސަރުކާރުގެ ސަބަބަކުން ނޫން، މިއީ އެންމެންގެ ޒިންމާއެއް" - މުންދު

"ނޫސްވެރިކަމުގެ އިންޑެކްސް ފަހަތަށް ދަނީ ސަރުކާރުގެ ސަބަބަކުން ނޫން، މިއީ އެންމެންގެ ޒިންމާއެއް" - މުންދު

މުހައްމަދު ހުސައިން ޝަރީފް (މުންދު)-- ފޮޓޯ : ރައީސް އޮފީސް

މުހައްމަދު ނާފިޒް

މުހައްމަދު ނާފިޒް

30 އޭޕްރީލު 2026، 05:20

30 އޭޕްރީލު 2026، 05:20

ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ އިންޑެކްސްގައި ދިވެހިރާއްޖެ ފަހަތަށް ސޮއްސާލުމަކީ ހަމައެކަނި ސަރުކާރުގެ ސަބަބުން ވާކަމެއް ނޫން ކަމަށާއި، އެކަމުގައި ނޫސްވެރިންނާއި އެހެނިހެން ފަރާތްތަކުގެ ޒިންމާވެސް އޮތް ކަމަށް ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު) މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މުންދު ވިދާޅުވީ، ނޫސްވެރިކަމުގެ މިނިވަންކަމުގެ ރޭންކިންގްގައި ރާއްޖެ ހަތަރު ދަރަޖަ ފަހަތަށް ދިއުމަކީ ސަރުކާރުން ކުރި ކަމެއްގެ ސަބަބުން ވީކަމެއްތޯ ބައެއް ފަރާތްތަކުން ސުވާލު އުފައްދާ ކަމަށެވެ. ހާއްސަކޮށް މަޖިލީހަށް ހުށަހެޅުނު ބިލުތަކާއި، އަލަށް އުފެއްދި މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނާ މިކަމާ ގުޅުމެއްވޭތޯ ނޫސްވެރިން ވަނީ ސުވާލުކޮށްފައެވެ.

މި ސުވާލުތަކަށް ޖަވާބު ދެއްވަމުން މުންދު ވިދާޅުވީ، ޕްރެސް ފްރީޑަމް އިންޑެކްސް ކަނޑައަޅާއިރު ބަލަނީ ހަމައެކަނި ސަރުކާރާއި މީޑިއާއާ ދެމެދު އޮންނަ ގުޅުމަށް އެކަނި ނޫން ކަމަށެވެ.

"ޕްރެސް ފްރީޑަމް އިންޑެކްސް އެބޭފުޅުން މިނަ ކިރަނީ ހަމަ އެކަނި ސަރުކާރަކުން ނޫނޭ. ސަރުކާރުގެ ޕަފޯމެންސް ނުވަތަ ސަރުކާރަކުން މީޑިއާއާއި އޮންނަ ގުޅުން އޮންނަނީ ރަނގަޅަށްތޯ ގޯސްކޮށްތޯ އެކަންޏެއް ނޫން ބަލަނީ. އޭގެ ޒިންމާ ތިބޭފުޅުން ނޫސްވެރިން ގެ ވެސް އޮވޭ،" މުންދު ވިދާޅުވިއެވެ.

މުންދު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، އިންޑެކްސްގައި ރާއްޖެ ފަހަތަށް ދިއުމަކީ ސަރުކާރަށް ވެސް އަދި ނޫސްވެރިންނަށް ވެސް އުފާވެރި ޚަބަރެއް ނޫނެވެ. ނަމަވެސް، މި ރޭންކިންގް ރަނގަޅު ކުރުމަކީ ގައުމީ މަސައްކަތެއްގެ ގޮތުގައި ދެކިގެން އެންމެން ގުޅިގެން ކުރަންޖެހޭ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ނުވަތަ ޕީއެންސީއަށް ލިބޭ ހުތުރެއްގެ ގޮތުގައި ބަލައިގެން، ބަޔަކު މޮޅުވާން އުޅުމުގެ ބަދަލުގައި، ގައުމަށް ލިބޭ ރީތި ނަމަކަށް އިސްކަންދޭން ޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.

ރޭންކިންގްއަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން މުންދު ވިދާޅުވީ، ރާއްޖެ ފަހަތަށް ދަނީ ބައެއް ފަހަރު އެހެން ގައުމުތަކުން ހޯދާ ބޮޑެތި ކުރިއެރުންތަކުގެ ސަބަބުން "ކޮމްޕެރެޓިވް" ކޮށް ކަމަށް ވެދާނެ ކަމަށެވެ. މިސާލަކަށް ރާއްޖޭގެ ދަށުގައި އޮތް ގައުމެއް 10 ދަރަޖަ ކުރިއަށް ޖެހިލުމުން، ރާއްޖެ އޮތް މަގާމުން ފަހަތަށް ދިއުމަކީ އެކަށީގެންވާ ކަމެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ރާއްޖޭގައި ހެޔޮ ނިޔަތުގައި ކުރެވޭ ކަންކަން، އޮޅޭ ގޮތަށް ނުވަތަ ސިޔާސީ ބޭނުމެއްގައި ބައިނަލްއަގުވާމީ ފަރާތްތަކަށް ފޯރުކޮށްދޭކަމުގެ ތުހުމަތުވެސް މުންދު ކުރެއްވިއެވެ. އެގޮތުން ޗެޓްޖީޕީޓީ ފަދަ ވަސީލަތްތައް ބޭނުންކޮށްގެން، ކަން ހިނގާގޮތުގެ އިދިކޮޅު މައުލޫމާތު އިނގިރޭސިބަހުން ސޯޝަލް މީޑިއާގައި ފަތުރަމުންދާ ކަމަށާއި، އޭގެ ނަތީޖާ އިންޑެކްސްތަކުން ފެންނަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

މުންދު ވިދާޅުވީ، ކޮމިޓީ ޓު ޕްރޮޓެކްޓް ޖާނަލިސްޓްސް (ސީޕީޖޭ) އާއި ރިޕޯޓާސް ވިތައުޓް ބޯޑާސް` (އާރްއެސްއެފް) ފަދަ ޖަމިއްޔާތަކަކީ ސަރުކާރުން އިހުތިރާމްކުރާ ތަންތަން ކަމަށާއި، އެ ފަރާތްތަކުން ކުރާ ސުވާލުތަކަށް ސަރުކާރުން ޖަވާބުދާރީވާނެ ކަމުގެ ޔަގީންކަން ވެސް އޭނާ ވަނީ ދެއްވާފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450