Ads by Farudhun

ޚަބަރު

ކޮންމެ ބުރާސްފަތި ދުވަހަކު ނޫސްވެރިންނާ ބައްދަލުކުރެއްވުމަށް ރައީސް އޮފީހުގެ ތަރުޖަމާނު ނިންމަވައިފި

ކޮންމެ ބުރާސްފަތި ދުވަހަކު ނޫސްވެރިންނާ ބައްދަލުކުރެއްވުމަށް ރައީސް އޮފީހުގެ ތަރުޖަމާނު ނިންމަވައިފި

މުޙައްމަދު ޙުސައިން ޝަރީފު -- ފޯޓ : ރައީސް އޮފީސް

މުހައްމަދު ނާފިޒް

މުހައްމަދު ނާފިޒް

30 އޭޕްރީލު 2026، 02:58

30 އޭޕްރީލު 2026، 02:58

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ކުރިއަށްގެންދާ މަސައްކަތްތަކުގެ މަޢުލޫމާތު ދުވަހުން ދުވަހަށް ރައްޔިތުންނަށް ފޯރުކޮށްދިނުމަށާއި، ނޫސްވެރިންނަށް ބޭނުންވާ މަޢުލޫމާތު ފަސޭހަކަމާއެކު ފޯރުކޮށްދިނުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފު (މުންދު) ޚާއްޞަ އިސްނެންގެވުމުގެ މަތިން ކޮންމެ ބުރާސްފަތި ދުވަހެއްގައި ނޯސްވެރިންނާއި ބައްދަލު ކުރުމަށް ނިންމަވައިފިއެވެ.

"ޕްރެސަރ ވިތު ދަ ސްޕޮކްސް" ގެ ނަމުގައި މިއަދު ފެށި މި ސިލްސިލާ ބައްދަލުވުންތަކަކީ، ސަރުކާރުގެ ދެފުށް ފެންނަ ސިޔާސަތުގެ ދަށުން މީޑިއާތަކަށް މައުލޫމާތު ފޯރުކޮށްދިނުމަށް ފެށި މަސައްކަތެކެވެ. ޓެލެވިޒަން މޯލްޑިވްސްގައި ބޭއްވި ފުރަތަމަ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފު ވިދާޅުވީ، އެމަނިކުފާނު ރާއްޖޭގައި ހުންނަވާ ކޮންމެ ހަފުތާއެއްގެ ބުރާސްފަތި ދުވަހަކީ ނޫސްވެރިންނާ ބައްދަލުކުރެއްވުމަށް ޚާއްޞަ ކުރެވިފައިވާ ދުވަހެއް ކަމަށެވެ. މި ބައްދަލުވުންތަކުގެ މައިގަނޑު މަޤްޞަދަކީ ސަރުކާރުގެ ސިޔާސަތުތަކާއި، ހިނގަމުންދާ މަޝްރޫޢުތަކުގެ އެންމެ ފަހުގެ މަޢުލޫމާތުތައް ފަސޭހަކަމާއެކު މީޑިއާތަކަށް ފޯރުކޮށްދިނުން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މި ސިލްސިލާ ބައްދަލުވުންތަކާ ގުޅޭގޮތުން އިތުރަށް ވާހަކަފުޅު ދައްކަވަމުން ތަރުޖަމާނު ވިދާޅުވީ، ނޫސްވެރިން ތައްޔާރުކުރާ ޚަބަރުތަކަށް ބޭނުންވާ ތަފާސްހިސާބުތަކާއި، ސަރުކާރުގެ ރަސްމީ ބަހެއް ހޯދުމުގައި މި ބައްދަލުވުންތަކުގެ ސަބަބުން ބޮޑެތި ލުއިތަކެއް ލިބިގެންދާނެ ކަމަށެވެ. އަދި ކޮންމެ ބައްދަލުވުމަކަށްވެސް ގާތްގަނޑަކަށް 55 މިނެޓުގެ ވަގުތެއް ހުސްކުރައްވާނެ ކަމަށާއި، އެ ވަގުތުގެ ތެރޭގައި ވީހާވެސް ގިނަ ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވުމަށް އިސްކަންދެއްވާނެ ކަމަށްވެސް ވިދާޅުވިއެވެ.

މީގެ އިތުރުން، ޒަމާނީ ވަސީލަތްތަކުގެ ބޭނުން ހިފައިގެން ރައްޔިތުންނާ ގާތުން މަޢުލޫމާތު ހިއްސާކުރުމަށްޓަކައި އައު މަންސަތަކެއްވެސް ވަނީ ތަޢާރަފުކޮށްފައެވެ. އެގޮތުން "ދަފީޑް.އެމްވީ" ގެ ނަމުގައި އިންސްޓަގްރާމް އަދި ޓިކްޓޮކް އެކައުންޓްތަކެއް މިހާރު ވަނީ އިފްތިތާޙުކޮށްފައެވެ. މި އެކައުންޓްތަކުގެ ޒަރީޢާއިން ސަރުކާރުގެ މަޝްރޫޢުތަކުގެ ވީޑިއޯތަކާއި، ތަރުޖަމާނުގެ ޕްރެސް ކޮންފަރެންސްތަކުގެ މުހިންމު ބައިތައް ވަގުތުން ބަލާލެވޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން ފެއްޓެވި މި މަސައްކަތަކީ، ސަރުކާރުގެ ޚަބަރުތައް ފެތުރުމުގައި ހާމަކަން ބޮޑު، އަދި އަވަސް ނިޒާމެއް ޤާއިމުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި ތަރުޖަމާނު ސިފަކުރެއްވިއެވެ. މި ބައްދަލުވުންތަކުގެ ސަބަބުން ސަރުކާރާއި މީޑިއާއާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިވެ، ރައްޔިތުންނަށް ޞައްޙަ މަޢުލޫމާތު ލިބުމަށް މަގުފަހިވެގެންދާނެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450