ޚަބަރު
"އަދަދު" ނޫހުގެ މައްސަލަ ބަލަން ފެށީ ރައީސް އަންގައިގެނެއް ނޫން: މުންދު
ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު) -- ފޮޓޯ : ރައީސް އޮފީސް
"އަދަދު" ނޫހުން އާންމުކުރި "އައިޝާ" ޑޮކިއުމެންޓްރީއާ ގުޅިގެން ފުލުހުން ފަށާފައިވާ ތަހުގީގަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނުވަތަ ސަރުކާރުގެ އެންގުމަކަށް ހިންގާ ތަހުގީގެއް ނޫން ކަމަށް ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު) ވިދާޅުވެއްޖެއެވެ.
މިއަދު ޓެލެވިޒަން މޯލްޑިވްސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މުންދު ވިދާޅުވީ، ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކުގެ ދަށުން ބަލަންޖެހޭ މައްސަލަތައް ތަހުގީގު ކުރުމުގެ ފުރިހަމަ އިހުތިޔާރު އޮންނަނީ ދިވެހި ފުލުހުންގެ ހިދުމަތަށާއި، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ފަދަ މުއައްސަސާތަކަށް ކަމަށެވެ. އަދި މިފަދަ ތަހުގީގެއް ހިންގަން އެންގުމުގެ ގާނޫނީ ބާރު އޮންނަނީ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
މުންދު ވިދާޅުވި ގޮތުގައި "އަދަދު" ނޫހުގެ މައްސަލައިގައި އޭނާއަށް ގުޅި ފަރާތްތަކަށްވެސް ދީފައިވާ ޔަގީންކަމަކީ، މިއީ ރައީސް މުއިއްޒު ނުވަތަ ސަރުކާރުގެ އިސް ފަރާތަކުން އަންގައިގެން ކުރިއަށްގެންދާ ކަމެއް ނޫން ކަމެވެ. އަދި މި މައްސަލައިގައި ދެ ކަމެއް ބަލަމުންދާކަން ހާމަކުރައްވަމުން މުންދު ވިދާޅުވީ، އޭގެ ތެރޭގައި ގަޒްފުގެ މައްސަލައެއް ހިމެނޭ ކަމަށެވެ.
"އަދަދު ނޫހުން އާންމުކުރި ކޮންޓެންޓަކީ ގާނޫނީ ހުދޫދުގެ ތެރެއިން ދީފައިވާ ނޫސްވެރިކަމުގެ މިނިވަންކަމުގެ އިންފާރުން ބޭރުން ކޮށްފައިވާ ކަމެއް ކަމަށް ބަލައި ފުލުހުން އެ މައްސަލަ ތަހުގީގު ކުރަމުންދަނީ. އަދި މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުންވެސް އެ ނޫހުގެ ކޮންޓެންޓާ ގުޅޭ މައްސަލައެއް ދަނީ ބަލަމުން،" މުންދު ވިދާޅުވިއެވެ.
މީގެ އިތުރުން މުންދު ފާހަގަކުރެއްވީ، ބައެއް މީޑިއާތަކުން މި މައްސަލަ ރިޕޯޓްކުރާއިރު، ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި "އަދަދު" ނޫހުގެ ނޫސްވެރިއަކު ކުރި ސުވާލަކާ ގުޅިގެން ރައީސް ދެއްވި ޖަވާބާ ގުޅުވައިގެން ފުލުހުން ފިޔަވަޅު އެޅި ކަމަށް ބުނާ ބުނުމަކީ ހަގީގަތާ ހިލާފު ވާހަކައެއް ކަމަށެވެ. ފުލުހުން އެ ނޫހުގެ އޮފީހަށް ވަދެ، ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކުރަން ފެށީ އެ ބައްދަލުވުމުގެ މާ ކުރިން ޕީޖީ އޮފީހުން އެދިގެން ކަން ފުލުހުން ކަށަވަރުކޮށްދީފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ބްރޯޑްކާސްޓިން ކޮމިޝަނުންވެސް މި މައްސަލަ ބަލަން ފަށާފައިވަނީ މި މަހުގެ 14 ވަނަ ދުވަހުން ފެށިގެން ކަމަށާއި، މިހާތަނަށް ކޮމިޝަނާއި ނޫހާ ދެމެދު މުއާމަލާތްތަކެއް ހިނގާފައިވާކަން އެ ކޮމިޝަނުން މައުލޫމާތު ދީފައިވާ ކަމަށްވެސް ތަރުޖަމާނު ވިދާޅުވިއެވެ.