ޚަބަރު
ފުރަމާނަ ދަތުރުފުޅެއްގައި ރައީސް މުޢިއްޒު ސްރީލަންކާއަށް ވަޑައިގަންނަވަނީ
ރައީސް މުޢިއްޒު ރާއްޖެއިން ބޭރަށް ކުރެއްވެވި ދަތުރުފުޅެއްގައި ފުރާ ވަޑައިގަންނަވަނީ. ފޮޓޯ: ރައީސް އޮފީސް
ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެގެ ދަޢުވަތަކަށް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އެ ޤައުމަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެއް މޭ މަހުގެ 3 އިން 6 އަށް ކުރެއްވުމަށް ނިންމަވައިފިއެވެ.
މި ދަތުރުފުޅަކީ ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން އިތުރަށް ހަރުދަނާކުރުމަށް ކުރައްވާ މުހިންމު ދަތުރުފުޅެކެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ސްރީލަންކާގެ އިސް މަސްއޫލުވެރީންނާ ބައްދަލުކުރައްވައި، ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެމެދުގައި އޮތް ގާތް ގުޅުން އިތުރަށް ބަދަހިކުރުމާގުޅޭގޮތުން އެ ޤައުމުގެ ރައީސާއެކު ރަސްމީ މަޝްވަރާތައް ކުރިއަށްގެންދެވުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން، ދެ ލީޑަރުންގެ ހާޒިރުގައި އެކި ދާއިރާތަކުން ގުޅުންބަދަހިކުރުމުގެ މުހިންމު އެއްބަސްވުންތަކެއްގައި ސޮއިކުރެއްވުމަށްވެސް ވަނީ ތާވަލުކުރެވިފައެވެ.
މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދުގެ އިތުރުން ކެބިނެޓުގެ ބައެއް ވަޒީރުންނާއި ދިވެހި ސަރުކާރުގެ މަތީ ފެންވަރުގެ ބޭފުޅުން ހިމެނޭ ވަފުދެއް ބައިވެރިވެވަޑައިގަންނަވާނެއެވެ.
ދިވެހިރާއްޖެއާއި ސްރީލަންކާއާއި ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރިތާ 60 އަހަރު ފުރުން ފާހަގަކުރި މުނާސަބަތާ ގުޅުވައިގެން، ފާއިތުވި އަހަރުގެ ޖުލައި މަހު ރައީސް ޑިސަނާޔަކެ ވަނީ ރާއްޖެއަށް ދަތުރުފުޅެއް ކުރައްވާފައެވެ. މިއީ ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް އަދި އެކުވެރި ގުޅުމުގެ ހެއްކެކެވެ.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދެމިހުންނެވީ ރާއްޖޭގެ ތަރައްޤީއާއި ކުރިއެރުމުގައި ހިއްސާވާ މުހިންމު ޤައުމުތަކާއެކު އޮންނަ ގުޅުން އިތުރަށް ބަދަހިކުރެއްވުމުގެ ފުރިހަމަ އަޒުމުގައެވެ.