ޚަބަރު
ބ. ހިތާދޫ ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީން ނިންމާލައިފި
މަޝްރޫޢު ނިންމާލުން/ފޮޓޯ: އެމްޓީސީސީ
ބ. ހިތާދޫ ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ނިންމާލައިފި އެވެ.
އެމްޓީސީސީން 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިހިނގާ އޭޕްރީލް މަހުގެ 7 ވަނަ ދުވަހު ހިތާދޫ ބަނދަރު ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް އެއްކޮށް ނިމިފައިވާ ކަމަށެވެ.
މި މަޝްރޫޢުގެ ދަށުން، 14،929 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި 4،101 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރަށް ވަދެވެން އޮންނަ ދިމާ ފުން ކުރުމުގެ މަސައްކަތް ވަނީ ކުރިއަށް ގެންގޮސްފައެވެ. ހަމަ އެއާއެކު، 22 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިން ޖެހުމާއި، 495 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 90 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ވަނީ ނިންމާލާފައެވެ.
Project Update: Design and Build of B.Hithaadhoo Harbour Breakwater and Quay wall
— MTCC Plc (@MTCCPlc) April 29, 2026
Physical works have been completed on 7th April 2026.
Follow more updates at: https://t.co/SfVAzkW2pp#MTCCProjects #TeamMTCC #RayyithungeKunfuni #GaumuBinaakurumugaaMTCC pic.twitter.com/Q6JosdGdzc
މީގެ އިތުރުން، 350 މީޓަރުގެ ސަރަޙައްދެއްގެ އެއްގަމުތޮށި މަރާމާތު ކުރުމާއި، ބްރިޖެއް ހެދުމާއި، 1750 އަކަ މީޓަރުގެ ސަރަޙައްދެއްގައި ހާބަ ޕޭވްމަންޓް ހެދުމާއި، ރޭމްޕެއް ހެދުމާއި، ކޮންކްރީޓް ޕްލެޓްފޯމެއް ހެދުމުގެ މަސައްކަތް ވެސް މި މަޝްރޫޢުގެ ދަށުން އެމްޓީސީސީން ވަނީ ފުރިހަމަކޮށްފަ އެވެ. ހަމަ އެހެންމެ، ބަނދަރުގައި ނެރު ބައްތި އާއި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ވެސް އެ ކުންފުނިން ވަނީ ނިންމާލާފައެވެ.
މި މަޝްރޫޢަކީ، 19.80 މިލިއަން ރުފިޔާއަށް ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން ހިންގުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫޢެއްކަން ފާހަގަކޮށްލެވެއެވެ.