ޚަބަރު
ހޮސްޕިޓަލްތަކުގެ ބެކަޕް ކަރަންޓުގެ ކެޕޭސިޓީ އިތުރުކުރުމަށް މަސައްކަތް ކުރަނީ
އައިޖީއެމްއެޗް/ފޮޓޯ: ސަންގު
މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ދަށުން ހިންގަމުންގެންދާ ހޮސްޕިޓަލްތަކުގެ ބެކަޕް ކަރަންޓުގެ ކެޕޭސިޓީ އިތުރުކުރުމަށް މަސައްކަތްތަކެއް ކުރަން ފަށައިފިއެވެ.
މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤް ހަލީމް ވިދާޅުވީ، އައިޖީއެމްއެޗަށް އައިސްފައިވާ ކުރިއެރުންތަކާ އެކު ކަރަންޓު ބޭނުންކުރާ މިންވަރު ވަރަށް ބޮޑަށް މިހާރު އިތުރުވެފައިވާ ކަމަށެވެ.
ޢަބްދުއްރައްޒާޤް ހަލީމް ވިދާޅުވީ، މާލެއިން އެކި މައްސަލަތަކާ ހުރެ ކަރަންޓު ކެނޑެން ދިމާވާ ވަގުތުތަކުގައި އައިޖީއެމްއެޗާއި ދަރުމަވަންތަ ހޮސްޕިޓަލުގައި ހުންނަ ބެކަޕް ސިސްޓަމް ބޭނުންކޮށްގެން ހޮސްޕިޓަލްގެ ޚިދުމަތްތައް ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި މިފަދަ ހާލަތްތަކުގައި ބެކަޕް ކަރަންޓު މިހާރު ބޭނުންކުރަމުން އަންނަނީ އެންމެ މުހިންމު ޚިދުމަތްތައް ދިނުމަށް ވަކި ޚާއްޞަ ތަންތަނަށް އެކަނިކަން ޢަބްދުއްރައްޒާޤް ފާހަގަކުރެއްވިއެވެ.
އެހެންކަމުން، ހޮސްޕިޓަލުގައި މިހާރު ބޭނުންކުރާ ބެކަޕް ބޮޑުކުރަންޖެހޭ ކަމަށާއި، ހޮސްޕިޓަލުގެ ބެކަޕް ކަރަންޓު ވިއުގަ އަޕްގްރޭޑް ކުރަންޖެހިފައިވާކަމަށް އޭނާ ވިދާޅުވެފައިވެއެވެ.
މާލެ ސަރަޙައްދުގައި ޤާއިމްކޮށްފައިވާ ޞިއްޙީ އެކި ޚިދުމަތްތައް ދޭ ތަންތަނުގެ ކަރަންޓުގެ ހާލަތު ރަނގަޅުކުރުމަށް ސަރުކާރުން ޚާއްޞަ މަސައްކަތްތަކެއް ކުރައްވަމުން އަންނަކަން ފާހަގަކޮށްލެވެއެވެ.