ޚަބަރު
އިޤްތިޞާދީ ގުޅުންތައް ބަދަހިކުރުމަށް "މޯލްޑިވްސް-އިންޑިއާ ބިޒްނަސް އެންގޭޖްމަންޓް ސީރީޒް" ފަށައިފި
މި ޙަރަކާތުގެ ތެރެއިން/ފޮޓޯ:ވުޒާރާ
ބޭރުގެ މުހިންމު ބައިވެރިންނާއެކު އިޤްތިޞާދީ ގުޅުންތައް ބަދަހިކޮށް، އައު ފުރުޞަތުތައް ފަހިކުރުމަށް ގެންގުޅުއްވާ ތަޞައްވުރާ އެއްގޮތަށް، "މޯލްޑިވްސް-އިންޑިއާ ބިޒްނަސް އެންގޭޖްމަންޓް ސީރީޒް" ފަށައިފިއެވެ.
މި ބައްދަލުވުން ބާއްވާފައިވަނީ އިޤްތިޞާދީ ތަރައްޤިއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވުޒާރާއާއި، އިންވެސްޓް މޯލްޑިވްސް އަދި އިންޑިއާ ހައިކޮމިޝަން ގުޅިގެންނެވެ.
ސަރުކާރާއި ޕްރައިވެޓް ސެކްޓަރގެ އިސްވެރިން ބައިވެރިވެވަޑައިގަތް މި މަޝްވަރާތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ، ރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ވިޔަފާރިއާއި އިންވެސްޓްމަންޓްގެ ގުޅުންތައް އިތުރަށް ވަރުގަދަކުރުމަށާއި، ދެމެހެއްޓެނިވި ބައިވެރިވުންތަކެއް އުފެއްދުމުގެ އިތުރުން، ނަތީޖާ ނެރެވޭފަދަ ހަރަކާތްތެރި އިޤްތިޞާދީ ގުޅުމެއް ކުރިއެރުވުމުގެ މައްޗަށްކަމަށް އިޤްތިޞާދީ ތަރައްޤިއާއި ބެހޭ ވުޒާރާއިން މަޢުލޫމާތުދެއެވެ.
މި ސެޝަން ނިންމާލާފައިވަނީ، ދެޤައުމުގެ ދެމެދުގައި ކުރެވޭ މަޝްވަރާތައް ރަސްމީ އޮނިގަނޑެއްގެ ތެރެއަށް ފައްތައި، ޕްރައިވެޓް ސެކްޓަރގެ ބައިވެރިވުން މެދުނުކެނޑި ކުރިއަށްގެންދިއުމަށްޓަކައި "މޯލްޑިވްސް-އިންޑިއާ ބިޒްނަސް ކައުންސިލް" އެއް އުފެއްދުމަށް ނިންމުމަށްފަހުގައެވެ.