ޚަބަރު
ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ ވީޑިއޯ އާއި ފޮޓޯ ވިއްކި މީހަކު ހައްޔަރުކޮށްފި
ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ ވީޑިއޯ އާއި ފޮޓޯ ވިއްކި މީހާ---
ފަރުދުން
20 އޭޕްރީލު 2026، 10:26
20 އޭޕްރީލު 2026، 10:26
ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މަންޒަރު ދައްކުވައިދޭ ފޮޓޯއާއި ވީޑިއޯ ވިއްކިކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ދިވެހި ފިރިހެނަކު ފުލުހުން ހައްޔަރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން 2026 އޭޕްރީލް 5 ވަނަ ދުވަހު ހައްޔަރުކޮށްފައިވަނީ އުމުރުން 22 އަހަރުގެ ތ.ވިލުފުށި، މޫނިމާގެ، އާދަމް ޢަދްލާން ލަޠީފްއެވެ.
ފުލުހުން ހާމަކޮށްފައިވާ ގޮތުގައި، އާދަމް ޢަދްލާން ހައްޔަރުކުރީ ބައިނޭންސް އެކްސްޗޭންޖްގެ ވޮލެޓް އެޑްރެހެއް ބޭނުންކޮށްގެން ކުޑަކުދިންގެ ބަރަހަނާ ފޮޓޯއާއި ވީޑިއޯ ގަނެ ވިއްކަމުންދާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި ތަހުގީގުގެ ތެރެއިން ކަމަށެވެ. އަދި އެ ވޮލެޓުން އާދަމް ޢަދްލާންގެ ކްރިޕްޓޯ އެކައުންޓަށް ފައިސާ ފޮނުވާފައިވާ ކަމަށް ތަހުގީގުން ފާހަގަކުރެވުނު ކަމަށެވެ.
އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އޭނާ 15 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް އަމުރުކޮށްފައެވެ.
ފުލުހުން ވިދާޅުވީ، މި މައްސަލައިގެ ތަހުގީގަށް އޭނާގެ އަތުން ހިފެހެއްޓި އިލެކްޓްރޯނިކް ވަސީލަތްތަކުގެ ފޮރެންސިކް ތަހުލީލުތައް ހެދިއިރު، ކުޑަކުދިންގެ ބަރަހަނާ މަންޒަރުތައް ހިމެނޭ ގިނަ އަދަދެއްގެ ފޮޓޯއާއި ވީޑިއޯ އެ ތަކެތިން ފެނިފައިވާ ކަމަށެވެ. މީގެ ތެރޭގައި ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މަންޒަރުތައް ސީދާ ދައްކުވައިދޭ ވީޑިއޯތައްވެސް ހިމެނޭކަމަށް ފުލުހުން ވިދާޅުވެއެވެ.
މި މައްސަލައިގެ ތަހުގީގު ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަނުން ކުރިއަށްގެންދާއިރު، ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ މައްސަލަތަކަކީ ހާއްސަ އިސްކަމެއް ދީގެން ބަލަމުންދާ މައްސަލަތަކެއް ކަމަށް ފުލުހުން ވިދާޅުވިއެވެ. އަދި މިފަދަ އަމަލުތައް ހިންގާ ފަރާތްތައް ދެނެގަނެ، ގާނޫނީ ފިޔަވަޅު އެޅުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރާނެކަމުގެ ޔަގީންކަން ފުލުހުން ވަނީ ދީފައެވެ.