ޚަބަރު
ފަލަސްޠީނުގެ އަސީރުންނަށް މަރުގެ ޙުކުމް އިއްވުމަށް އިސްރާއިލުން ނިންމި ނިންމުމާ ދެކޮޅަށް މާދަމާ ދިވެހިން އަޑުއުފުލަނީ
ފަލަސްޠީނުގެ ރައްޔިތުންގެ ހައްޤުތަކަށް އަޑު އުފުލުމަށް މާލޭގައި ބޭއްވި އެއްވުމެއް
ހުލާސާ
ހައްދުފަހަނައެޅި ޔަހޫދީ ދައުލަތުން ފަލަސްޠީނުގެ އަސީރުންނަށް މަރުގެ ހުކުމް އިއްވުމަށް ނިންމި ނިންމުމާ ދެކޮޅަށް، ދިވެހިރާއްޖޭގައި މާދަމާ ޚާއްޞަ އެއްވުމެއް ބޭއްވުމަށް ތައްޔާރުވެއްޖެއެވެ.
މި އެއްވުމަކީ އިސްރާ އެސޯސިއޭޝަނުން އިސްނަގައިގެން، ފަލަސްޠީނުގެ އަސީރުންނާމެދު ސަޙްޔޫނީން ހިންގަމުންދާ ލާއިންސާނީ އަމަލުތަކަށް އަޑުއުފުލުމުގެ ގޮތުން ބާއްވާ ހަރަކާތެކެވެ.
އިސްރާ އެސޯސިއޭޝަނުން މަޢުލޫމާތު ދޭ ގޮތުގައި، އަސީރުންނަށް މަރުގެ ހުކުމް އިއްވުމަށް ޔަހޫދީ ދައުލަތުން ޤާނޫނަކުން ނިންމާފައިވާ ނިންމުމަކީ އެއްވެސް ދީނެއްގައި އަދި ތާރީޚުގައިވެސް މިހާތަނަށް ކޮށްފައިވާ ކަމެއް ނޫނެވެ. މިއީ ބައިނަލްއަގުވާމީ މުއާހަދާތަކާއި އިންސާނީ ޙައްގުތަކާ ކަނޑައެޅިގެން ޚިލާފު އަމަލެއް ކަމަށް އެ ޖަމުޢިއްޔާއިން ފާހަގަކުރެއެވެ. މާދަމާގެ އެއްވުމުގައި މިފަދަ ލާއިންސާނީ އަމަލުތައް ވަގުތުން ހުއްޓާލުމަށް ގޮވާލާނެއެވެ.
ބައިނަލްއަގުވާމީ އެއްވުންތަކުގެ ބައެއްގެ ގޮތުގައި ރާއްޖޭގެ ހަރަކާތް
މި އެއްވުމަކީ ހަމައެކަނި ރާއްޖޭގައި ބާއްވާ ހަރަކާތެއް ނޫން ކަމަށާއި، މާދަމާ ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވެސް މިފަދަ އެއްވުންތައް ކުރިއަށްދާނެ ކަމަށް އިސްރާ އެސޯސިއޭޝަނުން ބުނެއެވެ. ރާއްޖޭގައި މި ހަރަކާތް ކުރިއަށްގެންދަނީ ފަލަސްޠީނުގެ އިލްމުވެރިންގެ ޖަމުޢިއްޔާ އާއި ގްލޯބަލް ކޯލިޝަން ފޯ ޤުދުސް އެންޑް ޕަލަސްޓައިންގެ އިތުރުން ބައިނަލްއަގުވާމީ އެހެނިހެން ޖަމުޢިއްޔާތަކުގެ އެދުމުގެ މަތިންނެވެ.
މާދަމާ ބާއްވާ މި އެއްވުން އޮންނާނީ މާދަމާ ހަވީރު 4:00 ގައި މާލޭގެ އާޓިފިޝަލް ބީޗުގައެވެ. މި އެއްވުމުގެ މައިގަނޑު ބޭނުމަކީ ކުށެއްނެތް ފަލަސްޠީނުގެ އަސީރުންނަށް މަރުގެ އަދަބު ދިނުމަށް ފާސްކުރި ޤާނޫނާ ދެކޮޅަށް ދިވެހިންގެ އަޑު ދުނިޔެއަށް އިއްވުމެވެ.
ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ ނަސްލުހޭދަކުރުމުގެ އަމަލުތަކާ ދެކޮޅަށް ރާއްޖޭން އަބަދުވެސް ދަނީ ވަކާލާތު ކުރަމުންނެވެ. މީގެ ކުރިންވެސް ޔަހޫދީންގެ އަނިޔާވެރިކަމާ ދެކޮޅަށް މުޅި ރާއްޖޭގައި އެކި ފެންވަރުގެ އެއްވުންތަކާއި ހަރަކާތްތައް ބާއްވާފައިވާކަން ފާހަގަކުރެވެއެވެ.