Ads by PNC

ޚަބަރު

ކޮމަންޑޫ ޞިއްޙީ މަރުކަޒުގައި ޑަޔަލިސިސްގެ ޚިދުމަތް ފަށައިފި

ކޮމަންޑޫ ޞިއްޙީ މަރުކަޒުގައި ޑަޔަލިސިސްގެ ޚިދުމަތް ފަށައިފި

ކޮމަންޑޫ ޞިއްޙީ މަރުކަޒުގައި ޑަޔަލިސްސްގެ ޚިދުމަތް ފެށުން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

30 މާރިޗު 2026، 12:57

30 މާރިޗު 2026، 12:57

ށ. ކޮމަންޑޫ ޞިއްޙީ މަރުކަޒުގައި ޑަޔަލިސިސްގެ ޚިދުމަތް ރަސްމީކޮށް ފަށައިފިއެވެ. މިއީ މި ސަރުކާރު އައިފަހުން ރާއްޖޭގެ ރަށެއްގައި ޑަޔަލިސިސްގެ ޚިދުމަތް ޤާއިމްކުރި 11 ވަނަ ރަށެވެ.

ކޮމަންޑޫގައި މި ޚިދުމަތް ރަސްމީކޮށް އިފްތިތާޙު ކޮށްދެއްވީ އެރަށުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމެވެ. މި ރަސްމިއްޔާތުގައި ކޮމަންޑޫ ކައުންސިލްގެ މެންބަރުންނާއި، ޞިއްޙީ މަރުކަޒުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

ޚިދުމަތް ފައްޓަވައިދެއްވުމަށްފަހު ދެއްކެވި ވާހަކަފުޅުގައި ވަޒީރު ޢަބްދުﷲ ނާޡިމް ވިދާޅުވީ، ކޮމަންޑޫގައި މި ޚިދުމަތް ފެށުމާއެކު އެރަށުގެ އިތުރުން އަތޮޅުގެ އެހެން ރަށްތަކުގެ ރައްޔިތުންނަށްވެސް ބޮޑެތި ފައިދާތަކެއް ކުރާނެ ކަމަށެވެ. ޚާއްސަކޮށް ޑަޔަލިސިސް ހެދުމަށްޓަކައި ކުރަންޖެހޭ ދިގު ދަތުރުތައް ނިމުމަކަށް އައިސް، ރައްޔިތުންނަށް ބޮޑު ލުއިފަސޭހަކަމެއް ލިބިގެންދާނެކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ކޮމަންޑޫގައި އަލަށް ހުޅުވި ޑަޔަލިސިސް ސެންޓަރުން އެއްފަހަރާ ދެ މީހުންނަށް ފަރުވާ ދިނުމުގެ ގާބިލުކަން ހުރިއިރު، އެތަނުގައި އައިސޮލޭޝަން ރޫމެއްވެސް ވަނީ ޤާއިމްކޮށްފައެވެ. ޑަޔަލިސިސްއަކީ ކިޑްނީ ބަލި ތަހައްމަލު ކުރަމުންދާ މީހުންގެ ލޭ ސާފުކުރުމަށް ހަފްތާއަކު ދެތިން ދުވަހު، ކޮންމެ ފަހަރަކު ގާތްގަނޑަކަށް 4 ގަޑިއިރު ހޭދަކޮށްގެން ހޯދަންޖެހޭ މުހިންމު ފަރުވާއެކެވެ.

ސަރުކާރުގެ އަމާޒަކީ މި ދައުރުގެ ތެރޭގައި ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ޑަޔަލިސިސްގެ ޚިދުމަތް ފެށުމެވެ. މާލެއާ އެއްގޮތަށް ރާއްޖޭގެ އެހެން ސަރަޙައްދުތަކަށްވެސް ޞިއްޙީ ޚިދުމަތްތައް އެއްހަމައެއްގައި ފޯރުކޮށްދިނުމަށްޓަކައި، އަތޮޅުތަކުގެ ޞިއްޙީ ނިޒާމު ހަރުދަނާކުރުމުގެ މަސައްކަތް ސަރުކާރުން ދަނީ ބާރުސްޕީޑުގައި ކުރަމުންނެވެ.

މީގެ އިތުރުން، ޞިއްޙީ ނިޒާމަކީ ދެމެހެއްޓެނިވި ނިޒާމެއްކަން ކަށަވަރު ކުރުމަށްޓަކައި، ހެޔޮ އަގުގައި ބޭސް ލިބޭނެ އިންތިޒާމު ހަމަޖެއްސުމާއި، އާސަންދަ ނިޒާމަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތްވެސް ސަރުކާރުން ދަނީ ކުރަމުންނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450