Ads by PNC

ޚަބަރު

މެދުއިރުމަތީގެ ހަމަނުޖެހުންތަކާއެކު ވައިގެ ދަތުރުފަތުރަށް ކުރިމަތިވި ގޮންޖެހުންތަކުން އަރައިގަނެވެނީ: ވަޒީރު އަމީން

މެދުއިރުމަތީގެ ހަމަނުޖެހުންތަކާއެކު ވައިގެ ދަތުރުފަތުރަށް ކުރިމަތިވި ގޮންޖެހުންތަކުން އަރައިގަނެވެނީ: ވަޒީރު އަމީން

ދަތުރުފަތުރާއި މަދަނީ އުދުހުންތަކާބެހޭ ވަޒީރު މުޙައްމަދު އަމީން ފޮޓޯ: ރައީސް އޮފީސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

29 މާރިޗު 2026، 05:42

29 މާރިޗު 2026، 05:42

ޔަހޫދީންނާއި އެމެރިކާ ގުޅިގެން އިސްލާމީ އީރާނަށް ދޭން ފެށި ހަމަލަތަކާއެކު މެދުއިރުމަތީގައި އުފެދިފައިވާ ހަމަނުޖެހުންތަކުގެ ސަބަބުން، ދުނިޔޭގެ ވައިގެ ދަތުރުފަތުރަށް ކުރިމަތިވި ލޮޅުންތަކުން އަރައިގަތުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ބޮޑެތި ކާމިޔާބީތަކެއް ލިބެމުންދާ ކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.

މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެކުލަވާލައްވާފައިވާ ވަޒީރުންގެ މަޖިލީހުގެ ޚާއްސަ ކޮމިޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު އަމީން ވިދާޅުވީ، ރާއްޖެއަށް އަންނަ ފަތުރުވެރިންގެ 99 އިންސައްތައަކީ ވައިގެ މަގުން އަންނަ މީހުން ކަމަށްވާއިރު، މެދުއިރުމަތީގެ ހަމަނުޖެހުންތަކުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވި ކަމަށެވެ. އެގޮތުން ގިނަ ފްލައިޓުތަކެއް ކެންސަލްވެ، ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު ދަށްވަމުން ދިޔަ ނަމަވެސް، ސަރުކާރުގެ ވުޒާރާތައް ގުޅިގެން ކުރި މަސައްކަތުން އެކަން މިހާރު ހަމައަކަށް އެޅެމުންދާ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރު ވިދާޅުވި ގޮތުގައި، މިހާތަނަށް ކުރެވުނު މަސައްކަތުން އެއާ އިންޑިއާ، އެރޯފްލޮޓް އަދި އޭއާ އޭޝިއާގެ ކެޕޭސިޓީ ބޮޑުކުރުމުގައި ވަނީ ކާމިޔާބީތަކެއް ލިބިފައެވެ. އަދި މެދުއިރުމަތީގެ އެއާލައިންތަކުން އޮޕަރޭޝަންތައް މަދުކުރި ދަނޑިވަޅެއްގައިވެސް، ރާއްޖޭން ކުރި މަސައްކަތުން އެމިރޭޓްސް، އިއްތިހާދު އަދި ފްލައި ދުބާއީން މިހާރު އެވްރެޖުކޮށް ދުވާލަކު ދެ ފްލައިޓު ރާއްޖެއަށް ބާއްވަމުންދާކަން  ފާހަގަކުރެއްވިއެވެ.


އޮތް އުއްމީދީ ޚަބަރަކީ، އަންނަ އޭޕްރިލް މަހުގެ 9 ވަނަ ދުވަހުން ފެށިގެން ޤަތަރު އެއަރވޭސްއިންވެސް ދުވާލަކު އެއް ފްލައިޓު ރާއްޖެއަށް އޮޕަރޭޓް ކުރަން ފަށާނެ ކަމެވެ. ވަޒީރު އަމީން ވިދާޅުވި ގޮތުގައި އެ އެއަރލައިންގެ ޝެޑިއުލް މިހާރު ވަނީ ކޮންފާމް ކުރެވިފައެވެ.

އެ ބޭފުޅުންގެ އޮޕަރޭޝަންސް ރޭޝިއޯއިން ބަލާކަމަށްވަންޏާމުން އެހެން ޤައުމުތަކާ އަޅާބަލާއިރު އަޅުގަނޑުމެންނަށް އެބަހުރި އޭގައި ވަރަށް ބޮޑު ކުރިއެރުންތަކެއް. އިރާދަކުރެއްވިއްޔާ އޭޕްރިލް މަހުގެ 9ން ފެށިގެން ޤަތަރު އެއަރވޭސްވެސް ދުވާލަކު ފްލައިޓެއް އޮޕަރޭޓް ކުރައްވަން ފައްޓަވާނެ،

ވަޒީރު 

މީގެ އިތުރުން، ބެލަރޫސްގެ 'ބެލަވޭރިއާ އެއަރލައިންސް' ގެ ދަތުރުތައް ރާއްޖެއަށް ފެށުމަށްޓަކައި ކުރަންޖެހޭ އިދާރީ މަސައްކަތްތައް ނިމުމަކާ ގާތްވެފައިވާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. އަދި އޭޕްރިލް މަހަށްފަހު ރަޝިޔާގެ އެރޯފްލޮޓުން ހަފުތާއަކު އިތުރު ތިން ދަތުރު ރާއްޖެއަށް ކުރާނެ ކަމުގެ ޔަގީންކަން ދީފައިވާ ކަމަށްވެސް  ފާހަގަކުރެއްވިއެވެ.

ރާއްޖެއަށް އަންނަ ފްލައިޓުތަކުގެ އަދަދު އިތުރުވަމުންދާއިރު، އެ ފްލައިޓުތަކުގެ 'ބުކިން ލޯޑު' ނުވަތަ ފުރޭ މިންވަރުވެސް ވަނީ އިތުރުވެފައެވެ. ވަޒީރު އަމީން ވިދާޅުވި ގޮތުގައި، ކުރިން ފްލައިޓުތަކުގެ ލޯޑު އެވްރެޖުކޮށް 50 އިންސައްތައިގައި ހުރި ނަމަވެސް، މިހާރު އެ އަދަދު ވަނީ 75 އިންސައްތައަށް އުފުލިފައެވެ.

މެދުއިރުމަތީގައި އުފެދިފައިވާ ހަމަނުޖެހުންތަކުގެ ސަބަބުން ވައިގެ ދަތުރުފަތުރަށް ކުރިމަތިވި މި ގޮންޖެހުންތަކުން އަރައިގަނެ، ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި ސަރުކާރުން ދަނީ މެދުކެނޑުމެއްނެތި މަސައްކަތް ކުރަމުންނެވެ. މި މަސައްކަތްތަކުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ކުރިމަތިވެދާނެ ނޭދެވޭ އަސަރުތައް ކުޑަކުރެވިގެންދާނެ ކަމަށް ސަރުކާރުން ބުންޏެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450