ޚަބަރު
ނޭޕާލްގެ އާ ބޮޑުވަޒީރަށް ރައީސުލްޖުމްހޫރިއްޔާ މަރުހަބާ ވިދާޅުވެއްޖެ
ނޭޕާލްގެ އައު ބޮޑުވަޒީރު ރައިޓް އޮނަރަބަލް ބަލެންދްރަ ޝާހް
ނޭޕާލްގެ ބޮޑުވަޒީރުކަމުގެ މަގާމާ ހަވާލުވެވަޑައިގެންނެވި ރައިޓް އޮނަރަބަލް ބަލެންދްރަ ޝާހަށް، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުހައްމަދު މުއިއްޒު މަރުހަބާ ފޮނުއްވައިފިއެވެ.
ބޮޑުވަޒީރު ބަލެންދްރަ ޝާހަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ތަހުނިޔާގެ ސިޓީފުޅުގައި، މި މަހުގެ ކުރީކޮޅު ނޭޕާލްގައި ބޭއްވި އާންމު އިންތިޚާބަކީ އެ ގައުމުގެ ޑިމޮކްރެޓިކް ދަތުރުގައި ފާހަގަކޮށްލެވޭ މުހިންމު މަރުހަލާއެއްކަން ފާހަގަކުރެއްވިއެވެ. އަދި މި އިންތިޚާބުގައި ޒުވާނުންގެ ބޮޑު ބައިވެރިވުމެއް އޮތުމާއި، އިސްލާހަށް ގޮވާލި ގޮވާލުންތަކަކީ ނޭޕާލްގެ ރައްޔިތުން އެދޭ ފަދަ ހަމަޖެހުމާއި ތަރައްގީގެ އާ ބާބެއްގެ ފެށުން ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ސިޓީފުޅުގައި ނޭޕާލަކީ ރާއްޖޭގެ މުހިންމު ބައިލެޓަރަލް ޕާޓްނަރެއްގެ ގޮތުގައި ސިފަކުރައްވައި، ދެ ގައުމަކީ ވެސް ދެކުނު އޭޝިއާގެ ގައުމުތަކަށް ކުރިމަތިވާ ގޮންޖެހުންތަކުގައި އެއްގަލަކަށް އަރާ، އެއް މަގްސަދުތަކެއް ހިއްސާކުރާ ދެ ގައުމުކަން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށާއި، ސަރަހައްދީ އަދި ބައިނަލްއަގުވާމީ މައިދާނުގައި ގުޅިގެން މަސައްކަތް ކުރުމަށް ޝައުގުވެރިކަން ފާޅުކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ސިޓީފުޅު ނިންމަވާލެއްވީ ނޭޕާލްގެ އާ ބޮޑުވަޒީރަށް ދުޅަހެޔޮ ސިއްހަތަކަށް އެދިވަޑައިގަންނަވަމުންނެވެ. އަދި ނޭޕާލްގެ ރައްޔިތުންނަށް ދެމެހެއްޓެނިވި ސުލްހަޔާއި، ކުރިއެރުމާއި، ތަނަވަސްކަމަށް އެދިވަޑައިގަންނަވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.