ޚަބަރު
ކުރިއަށް އޮތީ އެންމެ ހޫނުގަދަ މަސް، ސަމާލުވޭ!
މާލެއަށް ހޫނުގަދަދުވަހެއްގައި ބަޔަކު މަސައްކަތުގައި. ފޮޓޯ: ޖަވިޔަނި
މި ފެށޭ އެޕްރީލް މަހަކީ ރާއްޖެއަށް އެންމެ ހޫނުގަދަވާނެ މަސްކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ހާމަކުރައްވައިފިއެވެ.
މި ދުވަސްވަރު ރާއްޖެއަށް އާދަޔާ ޚިލާފަށް ހޫނުވަމުންދާތީ، ސިއްޙީ ގޮތުން ސަމާލުކަން ދޭންޖެހޭ ކަންކަމާ ގުޅޭގޮތުން ކަމާބެހޭ އިދާރާތަކުން ވަނީ އިރުޝާދު ދެއްވާފައެވެ.
ދައުލަތުގެ މީޑިއާގެ "ރާއްޖެމިއަދު" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން މޫސުމާބެހޭ ޤައުމީ އިދާރާގެ މީޓްރޮލޮޖިސްޓް ހުސައިން ވަހީދު ވިދާޅުވީ، ކޮންމެ އަހަރެއްގެވެސް މާރިޗު އަދި އެޕްރީލް މަހަކީ ރާއްޖޭގެ ހޫނުމިން އެންމެ މައްޗަށްދާ ދުވަސްވަރު ކަމަށެވެ. މި ދުވަސްވަރު ވިލާ މަދުވެފައި، ވައިމަޑުވުމުގެ އިތުރުން ވައިގެ ތެތްކަމުގެ ނިސްބަތް މަތީގައި ހިފަހައްޓާތީ، އާންމު ވައިގެ ހޫނުމިނަށްވުރެ އިހުސާސްކުރެވޭ ހޫނުމިން މަތިވާކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ހުސައިން ވަހީދު ވިދާޅުވި ގޮތުގައި ކުރިއަށްއޮތް ހަފްތާއެއްހާ ދުވަހުވެސް، ޚާއްސަކޮށް ރާއްޖޭގެ އުތުރުގެ ރަށްތަކަށް ވަރަށް ބޮޑަށް އަވިގަދަވާނެއެވެ. "ކުރިއަށްއޮތް ހަފްތާއެއްހާ ދުވަހުވެސް ޚާއްސަކޮށް އުތުރުގެ ހިސާބުތަކަށް ވިއްސަރައިގެ އަސަރު ވަރަށް ކުޑަ. ހަމަ ވަރަށް އަވިގަދަކޮށް އޮންނާނީ، އެހެންނަމަވެސް ދެކުނުގެ ރަށްތަކަށް ކޮންމެވެސް ވަރަކަށް ކެރީގެ އަސަރު ފޯރާނެކަމަށް ލަފާކުރެވޭ." ހުސައިން ވިދާޅުވިއެވެ.
މޫސުމާބެހޭ އިދާރާގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މިދިޔަ ފެބްރުވަރީ މަހުގެ މެދަކާ ހިސާބުން ފެށިގެން މިހާތަނަށް ރާއްޖޭގެ އެއްވެސް ހިސާބަކަށް ބޯކޮށް ވާރޭވެހިފައެއް ނުވެއެވެ. އަދި ރާއްޖޭގެ އެހެން ހުރިހާ ސަރަހައްދަކަށްވުރެ މާލެ ސަރަހައްދުގައި އިހުސާސްކުރެވޭ ހޫނުމިން ގަދަކަންވެސް އެ އިދާރާއިން ފާހަގަކުރެއެވެ. މި ހޫނުގަދަވުން އެޕްރީލް މަހުގެ މެދުތެރެއާ ހަމައަށް ދެމިގެންދާނެ ކަމަށް ލަފާކުރެވެއެވެ.
ހޫނުގަދަވުމުގެ ސަބަބުން ކުރިމަތިވެދާނެ ސިއްޙީ މައްސަލަތަކަށް އަލިއަޅުއްވާލައްވަމުން، އެޗްޕީއޭގެ ޕަބްލިކް ހެލްތު ކޯޑިނޭޓަރ ފާތުމަތު ޝަބާނާ ވިދާޅުވީ ބޮލުގައި ރިއްސުމާއި، ވަރުބަލިވުމާއި، ލޮލަށް ގެއްލުން ލިބުމުގެ އިތުރުން ހަންގަނޑު އެދުން ފަދަ މައްސަލަތައް ދިމާވެދާނެ ކަމަށެވެ.
މިކަންކަމުން ރައްކާތެރިވުމުގެ ގޮތުން، ހޫނުގަދަ ގަޑިތަކުގައި ބޭރަށް ނުދިއުމަށާއި، ގިނައިން ފެން ބުއިމަށާއި، ބޭރަށްދާން ޖެހިއްޖެ ހާލަތެއްގައި ކުޑަ ނުވަތަ އަވިން ރައްކާތެރިވުމަށް ބޭނުންކުރާ ސާމާނު ބޭނުންކުރުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކުރައްވާފައެވެ.