ޚަބަރު
އީރާނުގެ 'ޝަޖަރޭ ތައްޔިބާ' ސްކޫލަށް ދިން ހަމަލާ ދިވެހިރާއްޖެއިން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި
ޙަމަލާގެ އަސަރު/ފޮޓޯ: އަލްޖަޒީރާ
އީރާނުގެ މީނާބްގައި ހުންނަ 'ޝަޖަރޭ ތައްޔިބާ' ގާލްސް ސްކޫލަށް ދިން ހަމަލާގައި 168 ކުދިން މަރުވި މަރުވުން ދިވެހިރާއްޖެއިން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައިފި އެވެ.
މިއީ ބައިނަލްއަޤްވާމީ އިންސާނީ ޙައްޤުތަކާ ބެހޭ ޤާނޫނުތަކާއި އިންސާނިއްޔަތާ ބެހޭ ބައިނަލްއަޤްވާމީ ޤާނޫނުތަކާ ކަނޑައެޅިގެން ޚިލާފު ޢަމަލެއްކަން ދިވެހި ސަރުކާރުން ފާހަގަކުރެއްވިއެވެ.
މި ހަމަލާއަކީ، ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފު ބޮޑު ޢަމަލެއްކަމަށް ބުނެ، ސްވިޓްޒަރލަންޑްގެ ޖެނީވާގައި މިއަދު ބޭއްވި އ.ދ. ގެ އިންސާނީ ޙައްޤުތަކާބެހޭ މަޖިލީހުގެ 61 ވަނަ ސެޝަންގެ 49 ވަނަ ބައްދަލުވުމުގައި ކުރިއަށް ގެންދިޔަ ކުއްލި ބަހުސްގައި ވާހަކަފުޅުދައްކަވަމުން، ޖެނީވާގައި ހުންނަ އދ. ގެ އޮފީސްތަކަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދު ވަނީ، އިސްރާއިލާއި އެމެރިކާއާ ގުޅިގެން އީރާނަށް ދިން އަސްކަރީ ހަމަލާތަކާ ގުޅިގެން މެދުއިރުމަތީގެ މަސްރަހު އިތުރަށް ގޯސްވަމުންދާތީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
އެގޮތުން، ގަލްފްގެ ޤައުމުތަކާއި ޖޯޑަން، ފަލަސްޠީން އަދި ލެބަނާން މިހާރު އޮތް ނުރައްކާތެރި ޙާލަތަށް ވައްޓާލުމުގެ ފަހަތުގައި އޮތީ، ބައިނަލްއަޤުވާމީ ޤާނޫނުތަކާ ތަކުރާރުކޮށް ޚިލާފުވަމުންދާ އަދި ޓެރަރިޒަމްގެ ޢަމަލުތަކަށް ހިތްވަރުދޭ އިސްރާއީލު ކަމަށް އެކަމަނާގެ ތަޤުރީރުގައި ފާހަގަކުރެއްވިއެވެ. އަދި ބައިނަލްއަޤުވާމީ އިންސާނީ ޙައްޤުތަކުގެ ޤާނޫނުތަކާ ޚިލާފަށް ހިންގާ މިފަދަ ޢަމަލުތަކަށް ފިޔަވަޅު ނޭޅި ދިއުމުގެ ސަޤާފަތް މިހާރުން މިހާރަށް ނިމުމަކަށް ގެންނަންޖެހޭ ކަމަށާއި، އެ ހާލަތު އިތުރަށް ގޯސްވިޔަ ނުދިނުމަށް މަސައްކަތް ކުރުމަށާއި، ޢާންމު ރައްޔިތުން ހިމާޔަތްކޮށް، އެ ޢަމަލުތައް ހިންގާ ފަރާތްތައް ޒިންމާދާރުކުރުވުމަށް ކުރާ މަސައްކަތްތައް ވަރުގަދަކުރުމަށް ދިވެހިރާއްޖެއިން ގޮވާލެއްވިއެވެ.
މިއީ މި ހަފުތާގެ ތެރޭގައި އ.ދ. ގެ އިންސާނީ ޙައްޤުތަކާބެހޭ މަޖިލީގައި ތާވަލުކުރެވުނު ދެވަނަ ކުއްލި ބަހުސެވެ. ފުރަތަމަ ބަހުސް ބާއްވާފައިވަނީ 25 މާރިޗު 2026 ގައެވެ. އެއީ، 28 ފެބުރުވަރީ 2026 ގައި ސައުދީ ޢަރަބިއްޔާ، ޤަޠަރު، ޔުނައިޓެޑް އަރަބް އެމިރޭޓްސް، ކުވައިތު، އޮމާން، ބަހްރެއިން، އަދި ޖޯޑަން އާ ދެކޮޅަށް ދިން ހަމަލާތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށެވެ. މި ދެ ބަހުސްގައި ވެސް ދިވެހިރާއްޖެއިން ބައިވެރިވެ ތަޤުރީރުކޮށްފައިވެއެވެ.
މި ތަޤުރީރުތަކުގައި، ބައިނަލްއަޤުވާމީ އެކި މުއާހަދާތަކަށް ރާއްޖެއިން ކުރާ އިޙްތިރާމާއި، އެ ކަންކަމަށް ދިވެހި ސަރުކާރުން ދޭ އަހައްމިއްޔަތު ހާމަކޮށް، ރާއްޖޭގެ ސިޔާސަތުތައް ވަނީ ބަޔާންކޮށްދީފައެވެ.