ޚަބަރު
ގއ. މާމެންދޫ މިސްކިތާއި ޤުރްއާނާއި ބެހޭ ޤައުމީ މަރުކަޒުގެ ގޮފީގެ ބިންގާއަޅައިފި
ބިންގާއެޅުން/ފޮޓޯ: ވުޒާރާ
ގއ. މާމެންދޫގައި އަލަށް ޢިމާރާތްކުރާ 500 މީހުންގެ ޖާގައިގެ މިސްކިތާއި ކީރިތި ޤުރުއާނާއި ބެހޭ ޤައުމީ މަރުކަޒުގެ މާމެންދޫ ގޮފީގެ ބިންގާއަޅައިފި އެވެ.
މިކަމަށްޓަކައި ބޭއްވުނު ޚާއްޞަ ރަސްމިއްޔާތެއްގައި، އަލަށް ޢިމާރާތްކުރާ މިސްކިތާއި ކީރިތި ޤުރުއާނާއި ބެހޭ ޤައުމީ މަރުކަޒުގެ ގޮފީގެ ބިންގާ އަޅުއްވައިދެއްވީ އަލްއުސްތާޛް މުޙްތާޒް މުޙްސިންއެވެ. މި ރަސްމިއްޔާތުގައި އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ބައިވެރިވެލައްވާފައިވެއެވެ. މީގެ އިތުރުން، މާމެންދޫ ކައުންސިލްގެ އިސްވެރިންނާއި ރަށުގެ ރައްޔިތުން ވެސް މި ރަސްމިއްޔާތުގައި ވަނީ ބައިވެރިވެލައްވާފައެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ، މާމެންދޫގައި ބިނާކުރާ މި މިސްކިތުގެ މަސައްކަތް ނިމޭއިރު، ސޯލާ ނިޒާމު ޤާއިމުކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. ހަމަ އެއާއެކު، މިސްކިތް އޭސީ ކުރެވިގެންދާނެ ކަމަށާއި، މިސްކިތުގައި އިތުރު ވަޞީލަތްތަކުގެ ގޮތުގައި ކުލާސްރޫމާއި ލައިބްރަރީ ހިމެނިގެންދާނެކަމަށް އެ ވުޒާރާއިން މަޢުލޫމާތުދެއެވެ. މި ކުލާސްރޫމްތައް ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ކީރިތި ޤުރުއާނާއި ބެހޭ ޤައުމީ މަރުކަޒުގެ ކުލާސްތައް ކުރިއަށް ގެންދިއުމަށެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިސްލާމީ ދާއިރާއިން ގިނަ މަޝްރޫޢުތަކެއް ކުރިއަށް ގެންދާއިރު، މިއަހަރުގެ ރަމަޟާން މަހާ ދިމާކޮށް 15 މިސްކިތެއްގެ މަސައްކަތް ނިންމާ ވަނީ ހުޅުވާފައެވެ.