ވިޔަފާރި / ޚަބަރު

ދައުލަތުގެ އާމްދަނީއަށް 4.4 އިންސައްތައިގެ ކުރިއެރުމެއް ލިބިއްޖެ

ދައުލަތުގެ އާމްދަނީއަށް 4.4 އިންސައްތައިގެ ކުރިއެރުމެއް ލިބިއްޖެ

ދައުލަތުގެ އާމްދަނީއަށް 4.4 އިންސައްތައިގެ ކުރިއެރުމެއް ވަނީ ލިބިފައި---

farudhun logo

ފަރުދުން

27 މާރިޗު 2026، 03:52

27 މާރިޗު 2026، 03:52

ދައުލަތުގެ އާމްދަނީއަށް 4.4 އިންސައްތައިގެ ކުރިއެރުމެއް ލިބިފައިވާކަމަށް މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާގެ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓުން ދައްކައިފިއެވެ.

އެ ވުޒާރާގެ ތަފާސްހިސާބުން ދައްކާ ގޮތުގައި، މި މަހުގެ 19ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް ޖުމްލަ އާމްދަނީގެ ގޮތުގައި ވަނީ 9.4 ބިލިއަން ރުފިޔާ ލިބިފައެވެ. މިއީ ދައުލަތަށް ހިލޭ އެހީގެ ގޮތުގައި ލިބުނު އާމްދަނީއާއެކުއެވެ.

މި މުއްދަތުގައި ދައުލަތުގެ އާމްދަނީ އިތުރުވެފައިވާ މައިގަނޑު ސަބަބަކީ ޓެކްސްގެ އާމްދަނީ އިތުރުވެފައި ވުމެވެ. އެގޮތުން މު މުއްދަތުގައި ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ ވަނީ 7.7 ބިލިއަން ރުފިޔާއަށް އަރާފައެވެ.  މިއީ ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީގެ ގާތްގަނޑަކަށް 82 އިންސައްތައެވެ.

ޖުމްލަ އާމްދަނީގެ ގޮތުގައި، މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބިފައި ވަނީ 9ބިލިޔަން ރުފިޔާއެވެ. އަދި ތަފާސްހިސާބުތަކުން ދައްކާ ގޮތުން، އެ އަދަދު މި އަހަރުގެ މި މުއްދަތުގައި މިވަނީ 4.4 އިންސައްތަ އިތުރުވެފައެވެ.

މި އަހަރުގެ މިހާތަނަށް ލިބުނު އާމްދަނީގެ ވަކިވަކި ދާއިރާތަކަށް ބަލާލާއިރު، ޖީއެސްޓީގެ ގޮތުގައި ލިބުނީ 4 ބިލިއަން ރުފިޔާއެވެ. މީގެ ތެރޭގައި ފަތުރުވެރިކަމުގެ ދާއިރާގެ ޖީއެސްޓީ (ޓީޖީއެސްޓީ)ގެ ގޮތުގައި ލިބުނު 2.9 ބިލިޔަން ރުފިޔާ އާއި، އާންމު ޖީއެސްޓީގެ ގޮތުގައި ލިބުނު 1.1 ބިލިޔަން ރުފިޔާ ހިމެނެއެވެ.

މި އާމްދަނީ އާއި މިދިޔަ އަހަރާ ބަލާއިރު، ޖީއެސްޓީގެ ގޮތުގައި ލިބުނު އަދަދު ވަނީ 10.4 އިންސައްތަ އިތުރުވެފައެވެ. މީގެ އިތުރުން ވިޔަފާރި އާއި މުދަލުން ނަގާ ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ ވެސް 24.8 އިންސައްތަ އިތުރުވެ، 2.2 ބިލިޔަން ރުފިޔާއަށްވަނީ އަރާފައެވެ.

ޓެކްސްގެ އެހެނިހެން ދާއިރާތަކުން ލިބުނު އާމްދަނީއަށް ބަލާއިރު، ކޯޕަރޭޓް އިންކަމް ޓެކްސްގެ ގޮތުގައި 1.2 ބިލިޔަން ރުފިޔާ، އަދި ރާއްޖޭގައި ވަޒަންވެރި ނުވާ ފަރާތްތަކުން ނަގާ ވިތުހޯލްޑިންގ ޓެކްސްގެ ގޮތުގައި 426.2 މިލިޔަން ރުފިޔާ ވަނީ ލިބިފައެވެ. ގްރީން ޓެކްސްގެ ގޮތުގައި 497.3 މިލިޔަން ރުފިޔާ ލިބިފައިވާއިރު، އެއަރޕޯޓް ސަރވިސް ޗާޖާއި ޑިޕާޗަރ ޓެކްސްގެ ގޮތުގައި 427.7 މިލިޔަން ރުފިޔާ ލިބިފައިވެއެވެ.

ދައުލަތުގެ ޚަރަދުތަކަށް ބަލާއިރު، 19 މާރިޗުގެ ނިޔަލަށް ޖުމްލަ ޚަރަދު ހުރީ 7.3 ބިލިޔަން ރުފިޔާގައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 10.3 އިންސައްތައިގެ ދަށްވުމެކެވެ. ހިންގުމުގެ ޚަރަދު ނުވަތަ ރިކަރަންޓް ޚަރަދު 10.5 އިންސައްތަ ދަށްވެފައިވާއިރު، ކެޕިޓަލް ޚަރަދު ވަނީ 7.8 އިންސައްތަ ދަށްވެފައެވެ.

މި ރިޕޯޓުން ދައްކާ ގޮތުގައި ދައުލަތުގެ މާލީ ހާލަތު ވަނީ ބޮޑުތަނުން ރަނގަޅުވެފައެވެ. ދައުލަތުގެ ބަޖެޓުގެ އޯވަރއޯލް ބެލެންސް ހުރީ 2.1 ބިލިޔަން ރުފިޔާގެ ސާޕްލަސްއެއްގައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 140.7 އިންސައްތައިގެ ކުރިއެރުމެކެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450