ޚަބަރު
ސަރުކާރު ޖަވާބުދާރީ ކުރުވާނެ މަޖިލީހެއް ހޮވޭނީ ދެ އިންތިޚާބު އެއް ދުވަހެއްގައި ބާއްވައިގެން
ކުރީގެ ބަންޑާރަނައިބު އަލްއުސްތާޛާ ދިޔާނާ ސަޢީދު---
ފަރުދުން
27 މާރިޗު 2026، 03:02
27 މާރިޗު 2026، 03:02
ސަރުކާރު ޖަވާބުދާރީ ކުރުވާނެ މަޖިލީހެއް ހޮވޭނީ ދެ އިންތިޚާބު އެއް ދުވަހެއްގައި ބާއްވައިގެންކަމަށް، ކުރީގެ ބަންޑާރަނައިބު އަލްއުސްތާޛާ ދިޔާނާ ސަޢީދު ވިދާޅުވެއްޖެއެވެ.
ދިޔާނާ މިހެން ވިދާޅުވީ އަންނަ މަހު ބާއްވަން ނިންމާފައިވާ ރެފަރެންޑަމް ވޯޓުގައި ރައީސުލްޖުމްހޫރިއްޔާ ހުށަހަޅުއްވާފައިވާ ސުވާލާ ގުޅޭގޮތުން ޕޮލިސީ އެމްވީން ކުރިއަށް ގެންދިޔަ "ސިޔާސާތު ޚާއްސަ" ފޯރަމުގައި ވާހަކަދައްކަވަމުންނެވެ.
ދައުލަތް ބިނާވެގެންވަނީ ތިން ބާރުގެ މައްޗަށްކަމަށްވެފައި، އަދި އެއްބާރު އަނެއްބާރު ޖަވާބުދާރީ ކުރުވަންޖެހޭއިރު، މިހާރުގެ މަންޒަރުތަކަށް ބަލާލުމުން އެނގެނީ، ދައުލަތުގެ އެއްބާރުން އަނެއްބާރާއި ވަކިވެފައި ނެތްކަމެވެ. އަދި ފެންނަމުން ދަނީ އެއްބާރުން އަނެއް ބާރު ޖަވާބުދާރީ ކުރުވަން މަސައްކަތް ކުރަމުން ނުގޮސް، ސަރުކާރު ދިފާއުކުރަން މަސައްކަތް ކުރަމުންދާތަނެވެ.
ކަންމިހެން އޮތްއިރު، "ސިޔާސާތު ޚާއްސަ" ފޯރަމުގައި އެކި ދާއިރާތަކުން ތަޖުރިބާކާރު ބޭފުޅުން ވަނީ ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލިސް އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމުން ހުރި ފައިދާތަކާއި ގެއްލުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ.
ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމުގެ ފައިދާތައް ޚިއްޞާ ކުރައްވަމުން ދިޔާނާ ވިދާޅުވީ، ރިޔާސީ އިންތީޚާބާއި މަޖިލިސް އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމުން ސަރުކާރު ޖަވާބުދާރީ ކުރުވާނެ މަޖިލީހެއް ލިބިގެންދާނެ ކަމަށެވެ.
މިހާރު ފަސް ފަހަރަށް ސުޕްރީމް ކޯޓު ބަދަލުކުރެވިއްޖެ. ދެން ހަމަ ޤާނޫނުއަސާސީވެސް އިސާހިތަކު ބަދަލުކުރެވުމުން މިއީ މިހާރު 8ވަނަ އިސްލާހު. އަދި މި ޤާނޫނުއަސާސީއަށް ތަސައްރަފު ނުފުދޭ. އެހެންވީމަ ސުޕަމެޖޯރިޓީ މަޖިލީހަކީ ރަނގަޅު އެއްޗެއް ނޫންކަމަށް ބިލެވެނީ. ސުޕަމެޖޯރިޓީ މަޖިލީހެއް ނޫން އަޅުގަނޑުމެންނަށް ލިބެންވީ އެއްބާރު އަނެއްބާރުގެ މައްޗަށް ފާރަވެރިވާ ބެލެންސް މަޖިލީހެއް.
ދިޔާނާ ވިދާޅުވިއެވެ.
ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަކީ އެންމެ ރަނގަޅު ގޮތް ނޫންކަން ހާމަކުރައްވައި، ޤާނޫނީ އަދި ދުސްތޫރީ ނަޒަރިއްޔާތުން ވާހަކަދައްކަވަމުން އަލްއުސްތާޛް ޢަލީ ޙުސައިން ވިދާޅުވީ ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމުގެ ސަބަބުން ރިޔާސީ އިންތިޚާބަށް އޮންނަ އަހަމިއްޔަތުކަން ކުޑަވެ ރައްޔިތުންނަށް އެ އިންތިޚާބުގައި ފުންކޮށް ވިސްނުމުގެ ފުރުސަތު ލިބިގެން ނުދާ ކަމަށެވެ.
އަދި ރާއްޖޭގެ ޑިމޮކްރަސީ ހަރުދަނާ ކުރެވޭނީ ރައްޔިތުންނަށް 5 އަހަރުގެ ދައުރެއްގެ ތެރޭގައި ވޯޓުލުމުގެ ވީހާވެސް ގިނަ ފުރުޞަތުތައް ދެވިގެން ކަމަށް ޢަލީ ޙުސެއިން ވިދާޅުވިއެވެ.
މި ފޯރަމުގައި މާލީ ނިޒާމާއި ދައުލަތް ހިންގުމުގެ ރޮނގުން މައުލޫމާތު ހިއްސާކުރައްވައި އަލްއުސްތާޛާ އާޒިމާ ޝަކޫރު ވިދާޅުވީ މިހާރު އޮތް އޮނިގަނޑަށް ބަލާނަމަ ރައްޔިތުން އަބަދުވެސް އުޅެންޖެހިފައިވަނީ އިންތިޚާބެއްގެ ތެރޭގައި ކަމަށެވެ. އަދި އިންތިޚާބުތައް މަދުވުމަކީ އޭގެ އަސަރު ޑިމޮކްރަސީއަސް ކުރާނެ ކަމެއް ނޫން ކަމަށްވެސް ވިދާޅުވިއެވެ.
މި ފޯރަމުގައި ޒުވާނުންގެ ފަރާތުންނާއި އިސްރަށްވެހިންގެ ފަރާތުންވެސް ޚިޔާލުފާޅުކުރައްވާފައިވާއިރު މި ދެ އުމުރުފުރާއިން ޕެނަލުގައި ހިމެނިވަޑައިގެންނެވި ދެ ބޭފުޅުންވެސް ވަނީ ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމުގެ ސަބަބުން ލިބިގެންދާނެ ފައިދާތަކަށް އަލިއަޅުއްވާލައްވާފައެވެ.