ޚަބަރު
ދެ އިންތިޚާބު އެއްދުވަހެއްގައި ބޭއްވުމަށް އާނއެކޭ ބުނަންޖެހޭ 6 ސަބަބެއް އަކްރަމް ކަމާލުއްދީން ވިދާޅުވެއްޖެ
އަކްރަމް ކަމާލުއްދީން---
ފަރުދުން
26 މާރިޗު 2026، 08:08
26 މާރިޗު 2026، 08:08
ދެ އިންތިޚާބު ބޭއްވުމާ ދެކޮޅަށް އިދިކޮޅު އެމްޑީޕީއިން ކޭމްޕެއިން ކުރަމުން ދަނިކޮށް، ދެ އިންތިޚާބު އެއްދުވަހެއްގައި ބޭއްވުމަށް އާނއެކޭ ބުނަންޖެހޭ 6 ސަބަބެއް، އެމްޑީޕީގެ ވެރިކަމުގައި މިނިސްޓަރ އޮފް ސްޓޭޓް ފޯރ ނެޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ މަޤާމާއި ގެދޮރުވެރިން ކޮމިޓީގެ ޗެއަރމަންގެ މަޤާމުގައި ހުންނެވި، އަކްރަމް ކަމާލުއްދީން ވިދާޅުވެއްޖެއެވެ.
ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި އަކްރަމް ކަމާލުއްދީން ވިދާޅުވީ، ދެ އިންތިޚާބު އެއްދުވަހެއްގައި ބޭއްވުމަކީ ބޮޑެތި ފައިދާތަކެއް ހުރި ކަމެއްކަމުގައެވެ.
އެގޮތުން މިއީ ސަރުކާރުތަކުން މަޖިލީހުގެ މެޖޯރިޓީ ހޯދުމަށް އަމާޒު ހިފާ މިންވަރު ކުޑަވާނެކަމެއް ކަމަށާއި، އަދި މިއީ އެ މީހަކު ބޭނުންވާ ކެނޑިޑޭޓަކަށް މިނިވަންކަމާއެކީ ވޯޓު ދިނުމަށް ލިބޭނެ ފުރުސަތެއްކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން މިއީ، އަބަދު އިންތިޚާބެއްގެ ޕްރެޝަރެއްގައި ނޯވެ، އެއިރެއްގައި އޮންނަ ސަރުކާރަކުން، އެ ސަރުކާރެއްގެ މައިގަނޑު އަމާޒަށް ވާސިލްވުމަށް ފަސޭހަވެގެންދާނެ ކަމެއްކަމުގައި ވެސް އަކްރަމް ކަމާލުއްދީން ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން ވެސް މުހިންމު ކަންކަން އެ ބޭފުޅާ ފާހަގަކުރެއްވިއެވެ.
ރެފަރެންޑަމް ވޯޓުގައި ދެ އިންތިޚާބު އެއް ދުވަހެއްގައި ބާއްވަންޖެހޭކަމަށް އަކްރަމް ކަމާލުއްދީން ވިދާޅުވި ސަބަބުތައް، އެ ބޭފުޅާ ވިދާޅުވި ގޮތަށް ޚިއްސާކޮށްލާނަމެވެ.
- "ވެރިކަމަށް ކުރިމަތިލާ ފަރާތުން ނުވަތަ ވެރިކަމުގައި ހުރެ އިތުރު ދައުރަކަށް ކުރިމަތިލާ ފަރާތުން މަޖިލިސް ހޯދުމަށް ފޯކަސް ކުރާ މިންވަރު ކުޑަވުމުން ނުފޫޒުން އެއްކިބާވެ ރައްޔިތުން ބޭނުންވާ މަޖިލީހެއް ނެގުމަށް މަގުފަހިވުން."
- "މަޖިލިސް މެންބަރު ހޮވުމަށް ވޯޓްދޭ ފަރާތަށް، އެ ވޯޓު ދޭ އިރު ވެރިކަމަށް އާންނާނީ ވޯޓް ދިން ކެނޑިޑޭޓު ނިސްބަތްވާ ޕާޓީކަން ނޭނގުން، އެހެންވުމުން މަޖިލީހަށް ކުރިމަތިލާ ކެނޑިޑޭޓުންގެ ތެރެއިން ރައްޔިތު މީހާ ހިތް އެދޭ ފަރާތެއް ހިޔާރުކުރަން ފަސޭހާވާނެ ކަމަށް ބެލެވޭ."
- "އިންތިހާބުގެ ފްރެޝަރަށް ސަރުކާރުގެ މެއިން ފޯކްސް އަބަދު ބަދަލުކުރަންޖެހޭ ޖެހުން ނިމުމަކަށް އައުން، އޭގެ ސަބަބުން ސަރުކާރަށް އެ ސަރުކާރެއްގެ މައިގަނޑު އަމާޒަށް މަސައްކަތް ކުރާނެ މާހުލެއް ގާއިމްވެގެންދާނެ.
- "އިންތިހާބު ތައް ދައުރުގެ ގިނަ ދުވަސްތަކެއްގައި ބޭއްވުމުން ދައުލަތުން ނުވަތަ އެއިރެއްގަ އޮންނަ ސަރުކާރަކުން ކުރާ ހޭދަ، އިންތިހާބު ބާއްވާ ދުވަހުހުގެ އަދަދު މަދުވުމުން ކުޑަވެގެން ދިއުން."
- " 2 އިންތިހާބެއް އެއްދުވަހެއްގައި ބޭއްވުމުން ކުޑަވެގެންދަނީ އިންތިހާބުތައް 2 ދުވަހު ބާއްވާނަމަ އިލެކްޝަނުން ކުރާ ހޭދަ އެކަނި ނޫންކަން، އޭގެ ބަދަލުގައި އިންތިހާބު ކާމިޔާބުކުރުމަށް ސަރުކާރުތަކުން ވަޒީފާ އިތުރުކުރާ ނިސްބަތް މަދުވެ، ޕާޓީތަކުން ކުރާ ހޭދަވެސް ކުޑަވުން."
- "އެންމެ މުހިންމު އިންތިހާބު ބާއްވާ ދުވަހު ރައްޔިތުންގެ މަޖިލިސް އިންތިހާބުވެސް ބޭއްވުމުން ވޯޓުލާ މީހުންގެ އަދަދު އެތައް ގުނައަކުން އިތުރުވުން."
އެހެންކަމުން މި ހުރިހާ ސަބަބުތަކަށްޓަކައި، މި އަންނަ މަހުގެ 4ވަނަ ދުވަހު އޮންނަ އިންތިޚާބުގައި ދެ އިންތިޚާބު އެއްދުވަހެއްގައި ބޭއްވުމަށް ވޯޓު ދޭންޖެހޭކަމަށް އަކްރަމް ކަމާލުއްދީން ވިދާޅުވިއެވެ.