ޚަބަރު
މާލެ ސިޓީގެ މޭޔަރުކަމަށް ވާދަކުރައްވާ މޫސާ ޢަލީ ޖަލީލަށް، ޖޭޕީގެ ލީޑަރ ޤާސިމްގެ ތާޢީދު އޮތްކަން ހާމަކުރައްވައިފި
ޤާސިމް، މޫސާ ޢަލީ ޖަލީލާއެކު--
މާލެ ސިޓީގެ މޭޔަރުކަމުގެ މަޤާމަށް ޕީއެންސީގެ ޓިކެޓުގައި ވާދަކުރައްވާ މޫސާ ޢަލީ ޖަލީލަށް، ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހީމްގެ ތާޢީދު އޮތްކަން ހާމަކުރައްވައިފި އެވެ.
މޫސާ ޢަލީ ޖަލީލަށް ތާޢީދުކުރައްވާކަން ހާމަކުރައްވަމުން ޤާސިމް 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މޫސާ ޢަލީ ޖަލީލަކީ ޤައުމީ ޚިދުމަތުގެ ފަޚުރުވެރި ރެކޯޑްތަކެއް އޮތް، މި ޤައުމުގެ ދިފާޢުގައި އަގުހުރި ޚިދުމަތްތަކެއް ކުރައްވާފައިވާ ބަޠަލެއް ކަމަށެވެ. ހަމަ އެހެންމެ، އެއީ މި ޤައުމުން އެމަނިކުފާނުގެ އަގު ވަޒަންކުރައްވާ، ޤައުމީ ޝަރަފް އަރުވާފައިވާ، ނިޝާން ޢަސްކަރީގެ ޢިއްޒަތުގެ ވެރިއެއްކަމަށް ޤާސިމް ވިދާޅުވިއެވެ.
މީގެ އިތުރުން ޤާސިމް ވިދާޅުވީ، ހަމައެކަނި 1988 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 3 ވަނަ ދުވަހު ދިވެހި ޤައުމަށް ކުރިމަތިވި ޢުދުވާނީ ޙަމަލާއިން ޤައުމު ސަލާމަތްކުރެއްވުމަށް، މޭ އައްޑަނައެއްގެ ގޮތުގައި ހައްދަވައިގެން ދުޝްމަނުންގެ ކުރިމައްޗަށް ހިތްވަރާއި އީމާންތެރިކަމާއެކު ނުކުންނެވުމުން ވެސް އެމަނިކުފާނުގެ ގަދަފަދަ ޤައުމީ ޢަޒުމު ސާބިތުކޮށްދޭ ކަމަށެވެ. އަދި އެއިރުއްސުރެ މިއަދާ ހަމައަށް ވެސް އެމަނިކުފާނު ހުންނެވީ އަބަދުވެސް ޤައުމަށްޓަކައި ތައްޔާރަށްކަމަށް ޤާސިމް ވަނީ ފާހަގަކުރައްވާފައެވެ.
ކޮންމެ ސަރުކާރަކުން މަތިކުރެއްވި ކޮންމެ ވަޒީފާއެއްގެ ވާޖިބުވެސް އަދާކުރެއްވީ ތެދުވެރިކަމާއެކު. ފަސްބައިގާ ކިލަނބުކަމެއް ނެތް. އެއްވެސް މީހަކާމެދު ކުޑައިމީސްކޮށް ކުރެއްވި ކަމެއް ނެތް. ނުހަނު ޚުލްޤު ހެޔޮ، އެންމެންގެ ލޯބި ލިބިވަޑައިގެންފައިވާ ތަޖްރިބާކާރު ޝަޚްޞިއްޔަތެއް.
ޤާސިމް ވިދާޅުވިއެވެ.
އެހެންކަމުން، ރާއްޖޭގެ ވެރިކަންކުރާ ސަހަރު ހިންގެވުމުގެ އެންމެ އިސް މަޤާމަށް މޫސާ ޖަލީލަށްވުރެ ތަޖްރިބާކާރު، އަމާނާތްތެރި، ޚިދުމަތްތެރި، ޤާބިލް، ކުފޫހަމަވާ އެހެން ކެންޑިޑޭޓަކު ނެތްކަމުގެ ޔަޤީންކަން ޤާސިމް ވަނީ ދެއްވާފައެވެ. އަދި މާލެ ސިޓީ ހިންގެވުމަށްޓަކައި، މުރާލި ދުރުވިސްނޭ މާލިމީއަކަށް އުންމީދު ކުރައްވައިގެން މާލެ ސިޓީގެ ރައްޔިތުން އެ ސިޓީގެ މޭޔަރުކަމަށް މޫސާ ޢަލީ ޖަލީލަށް ވޯޓު ދެއްވުމަށް ޤާސިމް އެދިލެއްވިއެވެ.