ޚަބަރު
އިންތިޚާބުތައް އެކީގައި ބޭއްވުމަށް އެމްޑީޕީއަށް ނިސްބަތްވާ ކުރީގެ ދެ ރައީސުން ވަނީ ތާއީދުކޮށްފައި
އެމްޑީޕީގެ ޖަލްސާއެއްގައި ރައީސް ނަޝީދު އާއި ރައީސް ޞާލިޙް---
ފަރުދުން
25 މާރިޗު 2026، 09:28
25 މާރިޗު 2026، 09:28
އިންތިޚާބުތައް އެކީގައި ބޭއްވުމަށް އިދިކޮޅުގައި އޮތް މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)އަށް ނިސްބަތްވާ ކުރީގެ ދެ ރައީސުން ތާއީދުކޮށްފައިވާކަމަށް ސާފުވާ ސްކްރީންޝޮޓްތަކެއް، ކުރީގެ ބަންޑާރަ ނައިބު ފާތިމަތު ދިޔާނާ ސަޢީދު، ސޯޝަލް މީޑިއާގައި ޙިއްޞާ ކުރައްވައިފިއެވެ.
އެގޮތުން ދިޔާނާ ޚިއްޞާ ކުރައްވާފައިވާ އެއް ސްކްރީންޝޮޓަކީ، ލޯކަލް ކައުންސިލްތަކުގެ ކެމްޕެއިން ހަރަކާތެއްގެ ތެރެއިން 2020 ވަނަ އަހަރުގެ ޖެނުއަރީ މަހު ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވި ވާހަކަފުޅަކަށް ރިޢާޔަތްކޮށް، ނޫހަކުން ލިޔެފައިވާ ޚަބަރެކެވެ. އެ ޚަބަރުގެ ސުރުޙީގައި އޮތީ "ތިން އިންތިހާބު އެކީގައި ބާއްވަން ފެނޭ: ރައީސް ސޯލިހް" މިހެނެވެ.
މިއީ އެމްޑީޕީގެ ތިލަދުންމަތީ ދަތުރުގައި ހދ. ނޮޅިވަރަމަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުން ރައީސް ޞާލިޙް ވިދާޅުވި ބަސްފުޅެކެވެ. އެ ބައްދަލުވުމުގައި ރައީސް ޞާލިޙް ވިދާޅުވި ތިން އިންތިޙާބަކީ ރިޔާސީ އިންތިޚާބާއި، މަޖިލިސް އިންތިޚާބާއި އަދި ލޯކަލް ކައުންސިލް އިންތިޚާބެވެ.
އެ ބައްދަލުވުމުގައި ރައީސް ޞާލިޙް ވިދާޅުވީ، ސަރުކާރުން ބައެއް ކަންތައްތައް ކުރިއަށް ގެންދިއުމަށް ލަސްވެފައި ހުރެދާނެ ކަމަށާއި އޭގެ އެންމެ ބޮޑު އެއް ސަބަބަކީ އިންތިހާބުތައް ވަކިވަކިން އޮތުން ކަމަށެވެ. އަދި އެ ތިން އިންތިހާބު އެއް ދުވަހެއްގައި، އެއް ވަގުތެއްގައި ބޭއްވުމުގެ މަސައްކަތްކޮށް، ހުރިހާ އިންތިހާބެއް އެކީގައި ބޭއްވިއްޖެނަމަ ޤައުމުގެ ތަރައްޤީއަށް އިތުރު ހަލުވިކަމެއް ލިބިގެންދާނެކަމަށެވެ.
MDP ge faraathun mi qaumuga verikankurevvi 2 beyfulhunves othee 2 inthikhaab eh dhuvahegga baavvavan thaaeedhukuravvaafa.
— Dhiyana ?🌹 (@dhiyanasaid) March 24, 2026
1/2 https://t.co/dZlvZoooej pic.twitter.com/otLclaWXOP
ދިޔާނާ ދެވަނައަށް ޙިއްޞާކުރައްވާފައި ވަނީ މިދިޔަ ޖެނުއަރީ މަހު އެކްސްގައި ރައީސް މުޙައްމަދު ނަޝީދު ޚިއްޞާ ކުރެއްވި މެސެޖެކެވެ. އެ މެސުޖުގައި ރައީސް ނަޝީދު ވިދާޅުވީ، "ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެކީގަ ބޭއްވުން އެއީ ރަނގަޅު ގޮތެއް ކަމުގައި އަޅުގަނޑު ދެކެން" މިހެނެވެ.
އޭގެ ކުޑަ ދުވަސްކޮޅެއް ފަހުން ރައީސް ނަޝީދުގެ ރާގު ބަދަލުވެ ވިދާޅުވީ، އެކަން ކުރުން ރަނގަޅު ނޫންކަމަށެވެ. އެ މަނިކުފާނު އެކްސްގައި ފަހުން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިއީ ގެންނަން އުޅޭ ވަރަށް ބޮޑު ބަދަލަކަށް ވާތީ، އެކަމުގައި ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށް ލިބޭ ޚިޔާލުތަކަށް ރިއާޔަތްކުރުން މުހިންމު ކަމަށެވެ.
އެހެންކަމުން ކުރީގެ ދެ ރައީސުންގެ ރާގު ބަދަލުވީ، ދިޔާސީ ވާދަވެރިކަމުގެ ތެރެއިންކަން ގިނަ ބަޔަކު އަންނަނީ ފާހަގަކުރަމުންނެވެ. އަދި އެއީ ޤައުމު ހިންގުމުގެ ނިޒާމަށް އޮތް ނުރަނގަޅު ބަދަލަކަށް ވެގެން ނޫންކަމަށް ވެސް އަންނަނީ ފާހަގަކުރަމުންނެވެ.
ދެން އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމާ ގުޅިގެން ދިޔާނާ ވިދާޅުވެފައިވަނީ، ބަހާލައިގެން ދެ ދުވަހެއްގައި ބާއްވާ އިންތިޚާބުތަކަކީ ރާއްޖޭގައި ފެއިލްވެފައި އޮތް ނިޒާމެއްކަން ޤަބޫލުކުރަން ޖެހޭކަމަށާއި، އެކަން ބަދަލު ކުރުމަށް، ދެ އިންތިޚާބު އެއް ދުވަހެެއްގައި ބާއްވައިގެން ވިޔަސް އެހެން ގޮތެއް ޓެސްޓު ކުރަން ޖެހޭކަމަށެވެ.
ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްދުވަހެއްގައި ބޭއްވުމަށް، ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް، އަންނަ މަހުގެ ހަތަރު ވަނަ ދުވަހު ނެގުމަށް ސަރުކާރުން ވަނީ ނިންމައިފައެވެ. އެ ނިންމުމަށް އިދިކޮޅު އެމްޑީޕީން އަންނަނީ ފާޑުކިޔަމުންނެވެ.