ޚަބަރު
ފުވައްމުލަކު ދޮރުން ދޮރަށް ހަރަކާތުގައި ފަސްޓް ލޭޑީ ސާޖިދާ ބައިވެރިވެވަޑައިގެންފި
ފުވައްމުލަކުގައި ކުރިއަށް ގެންދިޔަ ދޮރުންދޮރަށް
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ފުވައްމުލައް ސިޓީއަށް ކުރެއްވި ދަތުރުފުޅުގައި، އެ ސިޓީގައި ކުރިއަށްދާ "ދޮރުން ދޮރަށް" ހަރަކާތުގައި މިއަދު ބައިވެރިވަޑައިގެންފިއެވެ.
އިއްޔެ ހަވީރު ފުވައްމުލަކަށް ވަޑައިގަތުމުން އެކަމަނާއަށް އެ ސިޓީގެ ރައްޔިތުންގެ ފަރާތުން ވަނީ ހޫނު މަރުޙަބާއެއް ކިޔައިފައެވެ.
މިއަދު ކުރިއަށްދިޔަ މި ހަރަކާތުގެ ތެރެއިން ފަސްޓް ލޭޑީ ވަނީ ފުވައްމުލަކުގެ ބައެއް ގޭގެއަށް ޒިޔާރަތްކުރައްވައި، އާއިލާތަކާ ބައްދަލުކުރައްވައިފައެވެ. މި ބައްދަލުކުރެއްވުންތަކުގައި އާއިލާތަކުގެ ޝުޢޫރުތައް އޮޅުންފިލުއްވައި، އެފަރާތްތަކުގެ ވާހަކަތައް އަޑުއެއްސެވުމަށް އެކަމަނާ ގިނަ ވަގުތުތަކެއް ހޭދަކުރެއްވިއެވެ.
ދޮރުން ދޮރަށް ހަރަކާތުގެ އިތުރުން، ޕީއެންސީގެ ފަރާތުން ފުވައްމުލައް ސިޓީގެ ދާއިރާތަކަށް ވާދަކުރައްވާ ކެންޑިޑޭޓުންނާ ވެސް ފަސްޓް ލޭޑީ ވަނީ ބައްދަލުކުރައްވައިފައެވެ. މި ބައްދަލުވުމުގައި ކޮންގްރެސް ޕާޓީގެ ފަރާތުން ފުވައްމުލައް ސިޓީގެ މޭޔަރުކަމަށް ވާދަކުރައްވާ އަލީ މަސީހް އިސްކޮށް ހަރަކާތްތެރިވެވަޑައިގެންނެވިއެވެ.
މިއީ ސިޓީތަކަށް ފަސްޓް ލޭޑީ ކުރައްވަމުން ގެންދަވާ ދަތުރުފުޅުތަކުގެ ތެރެއިން ދަތުރެކެވެ. އެގޮތުން އިއްޔެ އެކަމަނާ ވަނީ ތިނަދޫ ސިޓީއަށް ޒިޔާރަތްކުރައްވައި، އެ ސިޓީގައި ވެސް ދޮރުން ދޮރަށް ހަރަކާތް ކުރިއަށްގެންދަވައި ކެންޑިޑޭޓުންނާ ބައްދަލުކުރައްވައިފައެވެ. ފުވައްމުލަކު ދަތުރުފުޅަށް ފަހު، އެކަމަނާ މިއަދު ހަވީރު ވަޑައިގަތުމަށް ހަމަޖެހިފައިވަނީ އައްޑޫ ސިޓީއަށެވެ.
މި ދަތުރުފުޅުތަކުގައި ފަސްޓް ލޭޑީގެ އަރިހުގައި ސަރުކާރުގެ ބައެއް ވަޒީރުންނާއި ޕީއެންސީގެ އަންހެނުންގެ ގޮފީގެ މެންބަރުން ބައިވެރިވެވަޑައިގަންނަވައެވެ. މި ހަރަކާތްތަކަކީ އޭޕްރީލް މަހުގެ ހަތަރު ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބުތަކަށް ތައްޔާރުވުމުގެ ގޮތުން ޕީއެންސީން މުޅި ރާއްޖޭގައި ހިންގާ ކެމްޕޭން ހަރަކާތްތަކުގެ ބައެކެވެ.
އަންނަ އޭޕްރީލް 4 ގައި އޮންނަ ވޯޓުގައި ކައުންސިލް އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގެ އިތުރުން، އިންތިޚާބުތައް އެއް ދުވަހެއްގައި ބޭއްވުމާ މެދު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓު ނެގުން ކުރިއަށްދާނެއެވެ.