ވިޔަފާރި / ޚަބަރު

ރާއްޖެ އަންނަ ފަތުރުވެރިން އިތުރު ކުރުމަށް އައު ދެ ވިސާއެއް ތަޢާރަފްކުރަނީ

ރާއްޖެ އަންނަ ފަތުރުވެރިން އިތުރު ކުރުމަށް އައު ދެ ވިސާއެއް ތަޢާރަފްކުރަނީ

ރާއްޖޭގެ ގެސްޓްހައުސްއެއް---

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

23 މާރިޗު 2026، 08:07

23 މާރިޗު 2026، 08:07

މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ދިވެހިރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު މަދުވަމުންދިއުމާ ގުޅިގެން، މިކަމުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ކުރަމުންދާ އަސަރު ކުޑަކުރުމަށް އައު ދެ ވިސާއެއް ތަޢާރަފްކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް، ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު ތާރިޤު އިބްރާހިމް ވިދާޅުވެއްޖެއެވެ.

ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް ކުރިމަތިވެދާނެ ގޮންޖެހުންތައް ކުޑަކުރުމަށް ރައީސުލްޖުމްހޫރިއްޔާ އެކުލަވާލައްވާފައިވާ ކޮމެޓީއިން އާދީއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، ރިމޯޓްކޮށް މަސައްކަތްކުރާ ފަރާތްތަކަށް ޚާއްޞަ ވިސާއަކާއި، ކޮންޓެންޓު ކްރިއޭޓަރުންނަށް ޚާއްޞަ ވިސާއެއް ތަޢާރަފް ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި މި ވިސާތަކާއެކީ، ގެސްޓުހައުސްތަކަށް އަންނަ ފަތުރުވެރިން މިހާރަށްވުރެ އިތުރުކުރެވޭނެކަން ވަޒީރު ވިދާޅުވިއެވެ. 

ރިމޯޓް ވޯކާރސް ރާއްޖެ އައިސް މަސައްކަތް ކުރެވޭނެ ގޮތްތައް ބަލައި ޚާއްޞަކޮށް ގެސްޓު ހައުސް ވިޔަފާރިކުރާ ފަރާތްތަކަށް މިދެންނެވި ރިމޯޓް ވޯކަރ ނުވަތަ ކޮންޓެންޓު ކްރިއޭޓަރ ގިނަވެއްޖެނަމަ، އެ ބޭފުޅުންގެ އޮކިއުޕަންސީ ބޮޑުކުރެވިގެންދާނެ. އެހެންވީމައި އެ ދިމާލަށް މަސައްކަތް ކުރަމުންދަނީ.

ވަޒީރު ތާރިޤު ވިދާޅުވިއެވެ.

މި މައުޟޫގައި ވަޒީރު ތާރިޤު އިތުރަށް ވިދާޅުވީ، ސްޕޯޓްސް ފިޝިން އަދި ބިގްގޭމް ފިޝިންއަކީވެސް ދުނިޔޭގައި 7.2 ބިލިޔަން މާކެޓެއް އޮތް ދާއިރާއެއް ކަމަށާއި، އެހެންކަމުން ފަތުރުވެރިކަން ސިންދަފާތު ކުރުމަށް ކުރާ މަސައްކަތުގެ ދަށުން އެ ދާއިރާތައް ރެގިއުލޭޓްކުރުމުގެ މަސައްކަތް ވެސް ކުރުމަށް ނިންމާފައިވާ ކަމަށެވެ. އަދި ވަރަށް އަވަހަށް ޓެކްނިކަލް އެންޑް ރެކްރިއޭޝަން ޑައިވިންއަށް ހުޅުވާލާނެ ކަމަށް ވެސް ވަޒީރު ވަނީ ވިދާޅުވެފައެވެ.

ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު ތާރިޤު އިބްރާހިމް---

މީގެއިތުރުން، މިހާރު ރާއްޖެ އަންނަ ގިނަ ފަތުރުވެރިން ރާއްޖޭގައި ހޭދަކުރާ މުއްދަތު އިތުރު ކުރަން ބޭނުންވާތީ، އެފަދަ ފަތުރުވެރިން ރާއްޖޭގައި ތިބޭ މުއްދަތު ފަސޭހައިން އިތުރުކުރެވޭނެ ގޮތްތައް ހޯދަމުންދާކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ. 

އަދި މިހާރުގެ ހާލަތަށް ރިޢާޔަތްކޮށް، ރާއްޖޭގެ ފަތުރުވެރިކަމަށް ކުރާ އަސަރު ކުޑަކުރުމަށް ދެން ކުރެވެމުން ދަނީ، މެދުއިރުމައްޗަށް ބަރޯސާނުވެ ފަތުރުވެރިން ރާއްޖެ ގެނެވޭނެ މަގުތައް ހޯދުމަށްކަމަށް ވެސް އެ ބައްދަލުވުމުގައި ވަޒީރު ވިދާޅުވިއެވެ. އެގޮތުން އެއާރލައިންތައް އޮޕަރޭޓް ކުރާ ފަރާތްތަކާއި ފަތުރުވެރިކަމުގައި ހަރަކާތްތެރިވާ ފަރާތްތަކާއި ގުޅިގެން ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450