ޚަބަރު
ފެނުގެ ރައްކާތެރިކަމަކީ އެންމެ އަސާސީ ކަންކަމުގެ ތެރޭގައި ހިމެނޭކަމެއް ކަމުގައި ރައީސް ވިދާޅުވެއްޖެ
އއ. ފެރިދޫގައި ޤާއިމްކުރި ފެނާއި ނަރުދަމާ ނިޒާމުގެ ޢަމަލީ މަސައްކަތް ނިމިފައި / ފޮޓޯ: އެމްޑަބްލިއުއެސްސީ (23 އޮކްޓޫބަރު 2023)
ފަރުދުން
22 މާރިޗު 2026، 08:43
22 މާރިޗު 2026، 08:43
ފެނުގެ ރައްކާތެރިކަމަކީ އެންމެ އަސާސީ ކަންކަމުގެ ތެރޭގައި ހިމެނޭކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ދުނިޔޭގެ ފެނުގެ ދުވަހާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި ވިދާޅުވީ، މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ރައްކާތެރި، އިތުބާރު ހުރި، އަދި ސާފު، އަގުހެޔޮ ބޯފެން ކަށަވަރުކުރުމަކީ ސަރުކާރުގެ އަމާޒެއްކަމަށާއި، ފެނުގެ ރައްކާތެރިކަމަކީ އަންހެނުންނާއި އަންހެން ކުދިންގެ ކަރާމާތާއި ރައްކާތެރިކަމާއި ހަމަހަމަ ފުރުސަތުތަކާއި ވަކިނުކުރެވޭނެ ކަމެއްކަމުގައެވެ.
އަދި ރާއްޖެއަކީ ވަށައިގެން ކަނޑުއޮތް ގައުމަކަށްވުމުން، ސާފު، ރައްކާތެރި ބޯފެން ކަށަވަރުކުރުމަކީ ޤައުމީ ފެންވަރުގައި އިސްކަން ދެމުންއަންނަ ކަމެއްކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.
މީގެއިތުރުން، މޫސުމީ ބަދަލުތަކުގެ ސަބަބުންނާއި ފެން ލިބުމުގައި ދަތިވުމުގެ ސަބަބުން އަންހެނުންނާއި އަންހެންކުދިން އުފުލަންޖެހޭ ބުރައަކީ ވަރަށް ބޮޑު ބުރައެއްކަމަށްވެސް އެ މަނިކުފާނު ވިދާޅުވިއެވެ.
ފެން ރައްކާތެރި ކުރުމަށް މިހާރު އެކުލަވާލާފައިވާ ނިޒާމުތައް އިތުރަށް ހަރުދަނާ ކުރުމާއި، ފެން ފަށަލަ ރައްކާތެރި ކުރުމާއި، ވާރޭފެން ރައްކާ ކުރުމަށް ކޮމިއުނިޓީ ފެންވަރުގައި ކުރާ މަސައްކަތްތަކުގެ މައްޗަށް އެކުލަވާލެވިފައިވާ ވިލުންވެރި ނިޒާމުގެ މައްޗަށް މިމެސެޖުގައި ރައީސުލްޖުމްހޫރިއްޔާ ބައްލަވާ ލައްވާފައިވެއެވެ. އެގޮތުން، އެފަދަ ދާއިރާތަކުން ފަންނީ ޤާބިލިއްޔަތު އިތުރު ކުރުމާއި، ކްލައިމެޓް ފައިނޭންސިންގ ކަށަވަރު ކުރުމާއި، ބޯފެން ލޮނުވުުމުގެ ހާދިސާތަކުގައި އަމަލުކުރާނޭ ކުއްލި ހާލަތްތަކާއި ޤަވާއިދުތަކުގެ މުހިންމުކަންވެސް އެމަނިކުފާނު ފާހަގަކުރައްވާފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލައްވާފައިވަނީ ސާފު ފެން ރައްކާތެރިކުރުމާއި، ރައްޔިތުން ބާރުވެރިކުރުމާއި، ފެނުގެ ނިޒާމުތައް ހަރުދަނާ ކުރުމަށް ޖަމާޢަތްތަކާއި، މަދަނީ ޖަމުޢިއްޔާތަކާއި، ޔޫޓިލިޓީ ޚިދުމަތްތައް ފޯރުކޮށްދޭ ފަރާތްތަކާއި، ތަރައްޤީގެ ބައިވެރިން ގުޅިގެން މަސައްކަތްކުރުމަށް ގޮވާލައްވަމުންނެވެ. އަދި، ރައްކާތެރި ބޯފެނާއި ނަރުދަމާގެ ނިޒާމު ކަށަވަރުވުމަކީ ހުރިހާ ދިވެހިންނަށް ރައްކާތެރި، ހަމަހަމަ، ކުރިމަގެއް ކަށަވަރުވުން ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ދުނިޔޭގެ ފެނުގެ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެ މާރިޗް މަހުގެ 22 ވަނަ ދުވަހުގައެވެ. މިއަހަރުގެ ޝިޢާރަކީ "ފެން އަދި މިންތި" އެވެ.