ޚަބަރު
މާލޭގެ ފުރަތަމަ މޭޔަރު ސަރަނގު އާދަމް މަނިކުގެ ތާއީދު ޖަލީލަށް
ސަރަނގު އާދަމް މަނިކު
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ކޮންގްރެސް ޕާޓީގެ ޓިކެޓުގައި މާލޭގެ މޭޔަރުކަމަށް ކުރިމަތިލައްވާ ކެންޑިޑޭޓް މޫސާ އަލީ ޖަލީލަށް، މާލޭ ސިޓީގެ ފުރަތަމަ މޭޔަރު ސަރަނގު އާދަމް މަނިކު ތާއީދު ކުރައްވައިފިއެވެ. އާދަމް މަނިކު މިއަދު ވަނީ މޫސާ އަލީ ޖަލީލާ ބައްދަލުކުރައްވައި، އޭނާ އެންޑޯޒް ކުރައްވާކަން ރަސްމީކޮށް ހާމަކުރައްވާފައެވެ.
މި ބައްދަލުވުމަށްފަހު ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން އާދަމް މަނިކު ވިދާޅުވީ، މާލެއަށް ބޭނުންވާ ކަންކަން ކޮށްދެވޭނެ ފަދަ ގާބިލުކަން ހުރީ ސަރުކާރުގެ ކެންޑިޑޭޓުގެ ކިބައިގައި ކަމަށެވެ. މާލެއަށް އަޅާނުލެވި ގިނަ ދުވަސްތަކެއް ފާއިތުވެފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވަމުން އޭނާ ވިދާޅުވީ، މާލޭގެ ތަރައްގީއަށް މިހާރުގެ ސަރުކާރަކީ އުންމީދެއް ކަމަށެވެ.
އާދަމް މަނިކު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މާލޭގެ މޭޔަރުކަން ކުރެއްވީ ވަރުގަދަ އެޖެންޑާއަކާ އެކުގައެވެ. އަދި އެ އެޖެންޑާ އެންމެ ފުރިހަމައަށް ތަންފީޒުކުރައްވާނެ ބޭފުޅަކީ މޫސާ އަލީ ޖަލީލު ކަމަށް އޭނާ ވިދާޅުވިއެވެ. "މޫސާ އަލީ ޖަލީލަށް ދެވޭ ވޯޓަކީ މާލެއަށް ދެވޭ ވޯޓެއް،" އާދަމް މަނިކު ވިދާޅުވިއެވެ.
ސަރަނގު އާދަމް މަނިކަކީ މާލޭ ސިޓީ ކައުންސިލްގެ ފުރަތަމަ މޭޔަރުގެ އިތުރުން މާލޭ މުނިސިޕަލްޓީގެ ރައީސްކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ ވަނީ 2011 ވަނަ އަހަރު މޭޔަރުކަމުގެ މަގާމުން އިސްތިއުފާ ދެއްވި ނަމަވެސް، ކައުންސިލް މެންބަރެއްގެ ގޮތުގައި ދައުރު ފުރިހަމަ ކުރައްވާފައެވެ.
ސިޔާސީ ގޮތުން މީގެ ކުރިން އެމްޑީޕީގެ ހަރަކާތްތަކުން ފެނިގެންދިޔަ އާދަމް މަނިކު ވަނީ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ ގައުމީ އިއްތިހާދު ޕާޓީގައި ވެސް އިސްކޮށް ހަރަކާތްތެރިވެވަޑައިގެންފައެވެ. މާލޭގެ ތަރައްގީއަށްޓަކައި ސަރުކާރުގެ ކެންޑިޑޭޓަށް ތާއީދުކުރުމަކީ މާލޭގެ ރައްޔިތުންނަށް ލިބޭނެ ކުރިއެރުމެއް ކަމަށް އޭނާ ގަބޫލުކުރައްވައެވެ.