ޚަބަރު
މެދުކެނޑުމަކަށްފަހު ޓީޗަރުންނަށް ސްޓެޕް ޕްރޮމޯޝަން ދޭން ފަށައިފި
އިސްކަންދަރު ސްކޫލްގައި ޓީޗަރުންގެ ދުވަސް ފާހަގަކުރުން / ފޮޓޯ: މިހާރު
ފަރުދުން
27 ފެބްރުއަރީ 2026، 10:35
27 ފެބްރުއަރީ 2026، 10:35
ހަ އަހަރު ދުވަހުގެ މެދުކެނޑުމަކަށްފަހު ޓީޗަރުންނަށް ސްޓެޕް ޕްރޮމޯޝަން ދޭން ފަށާފައިވާކަމަށް ތަޢުލީމީ ވުޒާރާއިން ހާމަކޮށްފިއެވެ.
އެ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި، 2019ވަނަ އަހަރަށްފަހު ޓީޗަރުންނަށް ސްޓެޕް ޕްރޮމޯޝަން ދިނުން އޮތީ ހުއްޓިފައެވެ. ނަމަވެސް އެކަމަށް ބޭނުންވާ ފައިސާ މިހާރު ހަމަޖެހިފައިވާ ކަމަށާއި، 2022 ވަނަ އަހަރުން ފެށިގެން ނުލިބި ހުރި ހުރިހާ ސްޓެޕް ޕްރޮމޯޝަންތަކެއް ދިނުމަށް މިހާރު އަންނަނީ މަސައްކަތްކުރަމުންކަމަށް ތަޢުލީމީ ވުޒާރާއިން ހާމަކުރެއެވެ.
އަދި ސްކޫލްތަކުން ފުރިހަމަކުރަންޖެހޭ އިދާރީ ލިޔެކިޔުންތައއެ ވުޒާރާއަށް ހުށަހަޅަމުންދާ ތަރުތީބުން، ޕްރޮމޯޝަން ހައްގުވާ ތާރީޚުން ފެށިގެން ޓީޗަރުންނަށް ލިބެންޖެހޭ ހުރިހާ ފައިސާއެއް މިހާރު އަންނަނީ އެއްފަހަރާ ޖަމާކޮށްދެމުން ކަމަށް ވެސް އެ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ.
ސްޓެޕް ޕްރޮމޯޝަނާ ގުޅިގެން ތަޢުލީމީ ވުޒާރާއިން ސްކޫލްތަކަށް ފޮނުވާފައިވާ ސަރކިއުލާގައި ބުނެފައި ވަނީ، ތަޢުލީމީ ދާއިރާގެ ފަންނީ މުވައްޒަފުންގެ ސްޓެޕް ޕްރޮމޯޝަން، ޕޭ ފްރޭމްވަރކްގައި ބަޔާންކޮށްފައިވާ ގޮތަށް މުވައްޒަފުންނަށް އެ ޕްރޮމޯޝަން ޙައްޤުވާ ތާރީޚުން ފެށިގެން ދިނުމަށެވެ. އަދި އެކަން ޖެނުއަރީ 31، 2026 ގެ ކުރިން ނިންމުމަށް ވެސް ވަނީ އަންގާފައެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި ކޮންމެ ސްޓެޕް ޕްރޮމޯޝަނަކާއެކީ ގާތްގަނޑަކަށް 2،000 ރުފިޔާ ކޮންމެ މަހަކު އިތުރުވާނެއެވެ. އަދި ސްޓެޕް ޕްރޮމޯޝަން ލިބެނީ ޕަރފޯމެންސް އެޕްރެއިޒަލްއިން 85 މާކްސް ނުވަތަ އެއަށްވުރެ މަތިން ހޯދާފައިވާނަމައެވެ.