ޚަބަރު
ހަފުތާ ބަންދާ ދިމާކޮށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފި
މޫސުން ގޯސްދުވަހެގައި މާލޭގެ މަގުމަތީ
މި ހަފުތާގެ ބަންދު ދުވަސްތަކުގައި ރާއްޖޭގެ އެކި ސަރަހައްދުތަކަށް މޫސުން ގޯސްވެ، ވިއްސާރަކުރާނެ ކަމަށް ގައުމީ މޫސުމާ ބެހޭ އިދާރާ (މެޓް) އިން ލަފާކޮށްފިއެވެ. މެޓް އޮފީހުން ހާމަކޮށްފައިވާ ގޮތުގައި ކުރިއަށް އޮތް ބަންދު ދުވަސްތަކުގައި ރާއްޖޭގެ އެކި ހިސާބުތަކަށް ކޮންމެވެސް ވަރަކަށް ވާރޭވެހުމަކީ އެކަށީގެންވާ ކަމެކެވެ.
މެޓް އޮފީހުންބުނެފައިވާ ގޮތުގައި، ހުކުރު ދުވަހު ރާއްޖޭގެ އެކި ސަރަހައްދުތަކަށް ކެރީގެ އަސަރު ފޯރާނެ ކަމަށް ބެލެވެއެވެ. އަދި އެ ދުވަހު ވައިވެސް ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. ނަމަވެސް ހޮނިހިރު ދުވަހުގެ މޫސުމަށް ބަލާއިރު، ވިއްސާރައިގެ އަސަރު ބޮޑަށް ކުރާނީ މެދު ރާއްޖެތެރެއަށް ކަމަށް އޮފިޝަލު ފާހަގަކުރެއްވިއެވެ.
"އެކަމު ހޮނިހިރު ދުވަހު ބަލާއިރު މެދު ރާއްޖެތެރެއަށް ވިއްސާރަ ކުރެވޭނެ ކަމަށް ލަފާކުރެވޭ. ނަމަވެސް އެ ދުވަހު ވައި މަޑުވާނެ،" މެޓްގެ އޮފިޝަލު ވިދާޅުވިއެވެ. އޮފިޝަލު އިތުރަށް ވިދާޅުވީ ވައި ޖެހޭނެ ކަމަށް ލަފާކުރެވެނީ ގަޑިއަކު އަށް މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނެއްގައި ކަމަށާއި، ކަނޑުތައް ވެސް އާންމު ގޮތެއްގައި މަޑުވާނެ ކަމަށެވެ.
ކުރިއަށް އޮތް ގަޑިއިރުތަކުގެ މޫސުމަށް ބަލާއިރު، ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރުމާއެކު ގުގުރުން އެކަށީގެންވާ ކަމަށް މެޓުން ވަނީ ލަފާކޮށްފައެވެ. މި ވަގުތުތަކުގައި އިރުއުތުރާއި އިރުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކުރެވޭއިރު، ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށްވެސް އެ އިދާރާއިން މައުލޫމާތު ދެއެވެ.