ޚަބަރު
މިސްކިތްތަކަށް ގެއްލުންދިނުން ޓެރަރިޒަމްގެ އަމަލަކަށް ހަދަން ހުށަހެޅި އިސްލާހަށް މެމްބަރުން ތާއީދު
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ކުރިއަށްދަނީ
މިސްކިތްތަކަށް ގެއްލުންދިނުމަކީ ޓެރަރިޒަމްގެ އަމަލަކަށް ހެދުމަށް ޓެރަރިޒަމް މަނާކުރުމުގެ ގާނޫނަށް ހުށަހެޅި އިސްލާހަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ބޮޑު ތާއީދެއް ދެއްވައިފިއެވެ. ސައްތައިން ސައްތަ އިސްލާމީ ގައުމެއްގައި މިއީ މުހިންމު ކަމެއްގެ ގޮތުގައި ފާހަގަކުރައްވައި، މިއަދުގެ ޖަލްސާގައި މެންބަރުންގެ އިއްތިފާގުން ވަނީ މި ބިލު މަޖިލީހަށް ބަލައިގެންފައެވެ.
ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް ހުށަހެޅުއްވި މި ބިލުގެ މަގްސަދަކީ މިސްކިތްތަކަށް ގެއްލުން ދިނުމުގެ އަމަލުތައް އިތުރުވަމުންދާތީ، މިސްކިތްތަކުގެ ކަރާމާތް ހިފެހެއްޓުމާއި އެފަދަ އަމަލުތައް ހުއްޓުވުމެވެ. މެންބަރު ވިދާޅުވީ މި އިސްލާހުގެ ސަބަބުން މިސްކިތްތަކަށް ލިބިދޭންޖެހޭ ލޯތްބާއި އިހްތިރާމާއި ރައްކާތެރިކަން ކަށަވަރުވެގެންދާނެ ކަމަށެވެ.
މިސްކިތްތަކަށް ގެއްލުންދޭ މީހުން ބުއްދިގޯސް މީހުންގެ ގޮތުގައި ބަލައި، ގާނޫނީ އަދަބުން ސަލާމަތްވުމަށް އޮންނަ ފުރުސަތު ހަނިކުރަންޖެހޭ ކަމަށް މުހައްމަދު އިބްރާހިމް ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ "މިސްކިތްތަކަށް ގެއްލުންދޭ ކޮންމެ ފަހަރަކު އެމީހަކީ ބުއްދިގޯސް މީހަކަށްވެފައި އެކަމުން ސަލާމަތްވުމުގެ ޖާގަ މި އޮންނަނީ ވަރަށް ފުޅާކޮށް. މިކަން އަޅުގަނޑުމެން ހުއްޓުވަންޖެހޭ. ބުއްދި ގޯސް މީހާ ގެއްލުންދޭ ހަމައެކަނި ތަނަކީ މިސްކިތްތައް ކަމަށްވަންޏާ އެއީ ވަރަށް ބޮޑު ޖޯކެއް،" ކަމަށެވެ.
މި ބިލަށް ބަހުސް ކުރައްވަމުން މަޖިލީހުގެ މެޖޯރިޓީ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަކީ އިސްލާމީ ވަހުދަތު ހިފެހެއްޓުމަށް ބޮޑު އިސްކަމެއް ދެއްވާ ބޭފުޅަކަށް ވާތީ، ސަރުކާރު ހިންގާ ޕީއެންސީގެ ފުރިހަމަ ތާއީދު މި ބިލަށް ލިބޭނެ ކަމަށެވެ. އަދި ކޮމިޓީ މަރުހަލާގައި ބިލުގެ މަސައްކަތް އަވަސްކޮށް، ވީހާވެސް އަވަހަށް ފާސްކުރުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ.
ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގައި މިހާރު 7 ކަމެއް ޓެރަރިޒަމްގެ އަމަލުގެ ގޮތުގައި ހިމަނާފައިވެއެވެ. އޭގެ ތެރޭގައި މީހެއްގެ ހަށިގަނޑަށް ބޮޑު އަނިޔާއެއް ދިނުމާއި، ފުރާނައަށް ނުރައްކާކުރުމާއި، މީހުން ރަހީނުކުރުމާއި، މުދަލަށް ބޮޑެތި ގެއްލުން ދިނުން ފަދަ ކަންކަން ހިމެނެއެވެ. މިސްކިތްތަކަށް ގެއްލުންދިނުން މި ލިސްޓަށް އިތުރުކުރުމަށް ބަހުސްގައި ބައިވެރިވި ހުރިހާ މެންބަރުންވެސް ވަނީ ތާއީދުކުރައްވާފައެވެ.