Ads by Stelco

ޚަބަރު

މިއަދު އަޅުގަނޑުމެން މި ފާހަގަކުރަނީ ސައިންސްގެ ދާއިރާގައި ހުރި ހުރަސްތައް ގިރާކުރި އަންހެނުންގެ އަގުވަޒަންކުރުން: ރައީސް މުޢިއްޒު

މިއަދު އަޅުގަނޑުމެން މި ފާހަގަކުރަނީ ސައިންސްގެ ދާއިރާގައި ހުރި ހުރަސްތައް ގިރާކުރި އަންހެނުންގެ އަގުވަޒަންކުރުން: ރައީސް މުޢިއްޒު

ރައީސް ޑރ މުޙައްމަދު މުޢިއްޒު

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

11 ފެބްރުއަރީ 2026، 12:50

11 ފެބްރުއަރީ 2026، 12:50

ސައިންސްގެ ދާއިރާގައި ހުރި ހުރަސްތައް ގިރާކުރި އަންހެނުންގެ އަގުވަޒަންކުރުމަށާއި، އެ ދާއިރާއިން ކުރިއަށްދާ އަންހެން ކުދިންނަށް ފުރުޞަތުތައް ފަހިކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގޮވާލައްވައިފިއެވެ.

ރައީސް މިކަމަށް ގޮވާލެއްވީ ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ ސައިންސްގެ ދާއިރާގައި ހަރަކާތްތެރިވާ އަންހެނުންނާއި އަންހެން ކުދިންގެ ދުވަހުގެ މުނާސަބަތުގައި މިއަދު ކުރެއްވި އެކްސް ޕޯސްޓެއްގައެވެ.

ރައީސް މުޢިއްޒު ވިދާޅުވީ، ސައިންސްގެ ދާއިރާގައި ހަރަކާތްތެރިވާ އަންހެނުންނާއި އަންހެން ކުދިންގެ ބައިނަލްއަޤްވާމީ ދުވަހަކީ، ޞިއްޙީ ދާއިރާއާއި، މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް ކުރެވޭ މަސައްކަތްތަކާއި، ޓެކްނޮލޮޖީ އަދި އީޖާދީ ކަންކަމުގައި އަންހެނުން އަދާކުރާ މުހިންމު ދައުރު ހަނދާންކޮށްދޭ ދުވަހެއް ކަމަށެވެ. އަދި އަންހެނުންގެ އެ ޚިދުމަތްތަކަކީ ބަދަލު ނުކުރެވޭނެ ފަދަ އަގުހުރި ޚިދުމަތްތަކެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ ހާލަތަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، ރާއްޖޭގައި ގިނަ އަދަދެއްގެ އަންހެން ކުދިން ސްޓެމް (STEM) ނުވަތަ ސައިންސް، ޓެކްނޮލޮޖީ، އިންޖިނިއަރިންގ އަދި މެތަމެޓިކްސްގެ ދާއިރާއިން ތަޢުލީމާއި ތަމްރީނު ހޯދައި، އައު ފުރުޞަތުތަކުގެ ބޭނުން ހިފަމުންދާތީ އެކަމާ ފަޚުރުވެރިވާ ކަމަށެވެ. މިއީ ސައިންސާއި އީޖާދީ ދާއިރާއިން އުޖާލާ އަދި ހުރިހާ އެންމެންގެ ބައިވެރިވުން ހިމެނޭ މުސްތަޤްބަލަކަށް މަގުފަހިވެގެންދާނެ ކަމެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"މިއަދު އަޅުގަނޑުމެން މި ފާހަގަކުރަނީ ސައިންސްގެ ދާއިރާގައި ހުރި ހުރަސްތައް ގިރާކުރި އަންހެނުންގެ އަގުވަޒަންކުރުން،" ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން ކޮންމެ އަންހެން ކުއްޖަކަށްވެސް އުނގެނުމާއި، ޤައުމަށް ޚިދުމަތްކުރުމާއި، އިސްދައުރު އަދާކުރުމުގެ ފުރުޞަތު ކަށަވަރުކޮށްދިނުމަށް ސަރުކާރުން އިސްކަންދޭނެ ކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.

ރައީސްގެ މެސެޖު ނިންމަވާލައްވަމުން ވިދާޅުވީ، ސައިންސްގެ ދާއިރާއަށް ޝައުޤުވެރިކަން ހުންނަ ކޮންމެ ދިވެހި އަންހެން ކުއްޖަކަށްވެސް ޤައުމީ ތަރައްޤީގައި ބައިވެރިވެވޭނެ ގޮތަށް ހުރި ހުރަސްތައް ނައްތާލުމަށް ސަރުކާރުން ދެމިއޮންނާނެ ކަމަށެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450