ޚަބަރު
މިހާތަނަށް 3600އަށްވުރެ ގިނަ ފޯމް ހުށައަޅައިފައިވޭ، ޑިމާންޑް ބޮޑީ ފްލެޓަށް: ވަޒީރު މުއްޠަލިބް
ވަޒީރު މުއްޠަލިބް / ފޮޓޯ: އިމާރާތް ކުރުމާ ގެދޮރުވެރިކަމާ ބެހޭ ވުޒާރާ
ސަރުކާރުން ހުޅުވާލާފައިވާ ބޯހިޔާވަހިކަމުގެ ސްކީމުގެ ދަށުން މިހާތަނަށް 3,600 އަށްވުރެ ގިނަ މީހުން ފޯމު ހުށަހަޅާފައިވާ ކަމަށާއި، މިހާތަނަށް ހުށަހަޅާފައިވާ ފޯމުތަކަށް ބަލާއިރު ފްލެޓަށް އޮތް ޑިމާންޑު ބޮޑުކަން ފާހަގަކުރެވޭ ކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، އާއިލީ ބޯހިޔާވަހިކަމުގެ ސްކީމްގެ ދަށުން މިހާތަނަށް 3,651 އެޕްލިކޭޝަނެއް ފުރިހަމަކޮށް ހުށަހަޅާފައިވާ ކަމަށެވެ.
ވަޒީރު ފާހަގަކުރެއްވި ގޮތުގައި ފޯމު ހުށަހަޅާފައިވާ އަދަދުގެ އިތުރުން، ޑްރާފްޓް މަރުހަލާގައި 10,000 އެއްހާ އެޕްލިކޭޝަންގެ މަސައްކަތް މިހާރުވެސް ކުރިއަށްދެއެވެ. މީގެ ތެރެއިން ގިނަ ބަޔަކު ޝައުގުވެރިކަން ފާޅުކުރަނީ ފްލެޓްތަކަށް ކަމަށް ވަޒީރު ވިދާޅުވިއެވެ. "ފްލެޓުގެ ޑިމާންޑު ވަރަށް ބޮޑަށް އެބައޮތް. ވަރަށް ގިނަ ފަރާތްތަކުން ބޭނުން އެބަވޭ އެފަރާތްތަކުގެ އާއިލާއަށް ވަގުތުން ބޯހިޔާވަހިކަން ލިބެން. ބިމެއް ލިބިއްޖެއްޔާ އެތަން ތަރައްޤީކުރަން ޖެހޭނެ. ނީޑް އޮތީމަ އެފަރާތްތަކުން ކުރިމަތިލަނީ ބޮޑަށް ފްލެޓްތަކަށް،" ވަޒީރު ވިދާޅުވިއެވެ.
ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން ފްލެޓާއި ގޯއްޗަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލީ ޖަނަވަރީ މަހުގެ 18 ވަނަ ދުވަހުއެވެ. މި ސްކީމްގެ ދަށުން ގޯއްޗަށް އެދި ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ މާރިޗު މަހުގެ 4 ވަނަ ދުވަހެވެ. އަދި ފްލެޓަށް އެދި ހުށަހެޅުމުގެ ފުރުޞަތު އެޕްރީލް މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.
މި ސްކީމުގެ ދަށުން ގްރޭޓަރ މާލެ ސަރަހައްދުންނާއި ރަސްމާލެ ހިމެނޭހެން ޖުމްލަ 15,000 ގޯތި ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރޭގައި މާލޭގެ ރަށްވެހިންނަށް 10,000 ގޯތި، މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންނަށް 3,000 ގޯތި، އަދި މައިމުޅަވެފައިވާ މީހުންނަށް 500 ގޯތި ހިމެނެއެވެ. މީގެ އިތުރުން މާލޭގެ ހަނި ގޯޅިތަކުގައި ހުރި ގޯތިތަކާއި ލާޖައްސައިގެން ގޯތި ބަދަލުކުރާ ފަރާތްތަކަށް 1,500 ގޯތި ވަނީ ޚާއްޞަކޮށްފައެވެ.
ފްލެޓް ދޫކުރުމަށް ކަނޑައަޅާފައިވާ 7,900 ފްލެޓްގެ ތެރެއިން މާލޭގެ ރަށްވެހިންނަށް 4,000 ފްލެޓް، މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންނަށް 1,500 ފްލެޓް އަދި ޚާއްޞަ އިސްކަންދޭ ކެޓަގަރީތަކަށް 2,400 ފްލެޓް ވަނީ ކަނޑައަޅާފައެވެ. މީގެ އިތުރުން، ކުރީގެ ސްކީމަކުން 1 ނުވަތަ 2 ކޮޓަރީގެ ފްލެޓް ލިބިފައިވާ މީހުންގެ ތެރެއިން ދަރިން ތިބި މިންވަރަށް ބަލައި، ވަކި ޝަރުތުތަކަކާއެކު 3 ކޮޓަރީގެ ފްލެޓަށް އެދި ހުށައެޅުމުގެ ފުރުޞަތުވެސް ވަނީ ހުޅުވާލާފައެވެ.
ވަޒީރު މުއްޠަލިބް ވަނީ ފޯމު ފުރިހަމަކުރުމުގައި ގިނަ ވަގުތު ނެގިކަމުގައި ވީނަމަވެސް، ފޯމު ރަނގަޅަށް ފުރިހަމަކުރުމަށް އިރުޝާދު ދެއްވާފައެވެ. އަދި މިފަހަރުގެ ސްކީމްގެ ދަށުން އެއްވެސް ބޯހިޔާވަހިކަމެއް ނެތް ފަރާތްތަކަށް އިސްކަންދީ، އެކަން ކަށަވަރުކުރުމަށް ސަރުކާރުން ހާއްސަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.