Ads by Stelco

ޚަބަރު

މާރުކޭޓް ސަރަހައްދު މަގުހެދުން:ސެގްމެންޓް ދޭއްގެ %87 މަސައްކަތް ނިމިއްޖެ

މާރުކޭޓް ސަރަހައްދު މަގުހެދުން:ސެގްމެންޓް ދޭއްގެ %87 މަސައްކަތް ނިމިއްޖެ

މާރުކޭޓް ސަރަހައްދު މަގުހެދުން. ފޮޓޯ:އެމްޓީސީސީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

09 ފެބްރުއަރީ 2026، 06:36

09 ފެބްރުއަރީ 2026، 06:36

މާލޭގެ ބޮޑުތަކުރުފާނުމަގު އުތުރު ފަރާތް ހަތަރު ލޭނަކަށް ތަރައްގީ ކުރުމުގެ ބޮޑު މަޝްރޫއުގެ ދަށުން، މާރުކޭޓް ސަރަހައްދު ހިމެނޭ ސެގްމެންޓް ދޭއްގެ 87 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕަނީ (އެމްޓީސީސީ) އިން މިއަދު ހާމަކޮށްފިއެވެ.

އެމްޓީސީސީން މިއަދު ބުނީ މި މަޝްރޫއުގެ ދެވަނަ ސެގްމެންޓްގެ ސަބް-ބޭސް މަސައްކަތް މިހާރު އެއްކޮށް ނިމިފައިވާ ކަމަށެވެ. އަދި އޭބީސީ ލޭޔާ އެޅުމުގެ 80 އިންސައްތަ މަސައްކަތް ނިމިފައިވާއިރު، މި ހަފްތާގެ ތެރޭގައި އެ ސަރަހައްދުގައި ތާރު އެޅުމުގެ އަމަލީ މަސައްކަތް ފެށުމަށް ވަނީ ތައްޔާރުވެފައެވެ. މީގެ އިތުރުން މަގުބައްތި ޖެހުމާއި ސައިން ބޯޑު ހަރުކުރުމުގެ މަސައްކަތްވެސް މިހާރު ދަނީ ކުރިއަށެވެ.

މި މަޝްރޫއަކީ ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަށްޓަކައި 144.5 މިލިއަން ރުފިޔާއަށް އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫއެކެވެ. ތިން ސެގްމަންޓަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މަސައްކަތުގެ ދަށުން ޖުމްލަ 830 މީޓަރުގެ މަގެއް ހަދާއިރު، 737 މީޓަރުގެ ސަރަހައްދެއްގައި ޝީޓް ޕައިލް ކުރުމުގެ މަސައްކަތް ހިމެނެއެވެ.

މި މަޝްރޫއުގެ ދަށުން ހުޅުމާލެ ފެރީ ޓާމިނަލުން ފެށިގެން ލޯކަލް މާރުކޭޓާ ހަމައަށް މަގު ފުޅާކޮށް، ހަތަރު ލޭނަށް ތާރު އަޅާނެއެވެ. އަދި ހިނގާ މީހުންނަށް ހާއްސަ ދުވާރުތަކާއި، ފެންހިންދާ ނިޒާމެއް ގާއިމުކުރުމުގެ އިތުރުން ރޯޑް މާކިން ޖެހުމުގެ މަސައްކަތްވެސް ކުރިއަށްދާނެއެވެ.

މި މަޝްރޫއުގެ ފުރަތަމަ ސެގްމެންޓުގެ މަސައްކަތް މިހާރު ވަނީ އެއްކޮށް ނިންމައި އާންމުންނަށް ހުޅުވާލާފައެވެ. މިދިޔަ އޭޕްރީލް މަހު ހަވާލުކުރި މި މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ އޮގަސްޓް މަހުގެ 22 ވަނަ ދުވަހުއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450