Ads by Stelco

ޚަބަރު

އިންތިޚާބުގެ އޮބްޒާވަރުންނާއި މޮނިޓަރުންނަށް ވާން ބޭނުންވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލައިފި

އިންތިޚާބުގެ އޮބްޒާވަރުންނާއި މޮނިޓަރުންނަށް ވާން ބޭނުންވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލައިފި

ރާއްޖޭގެ އިންތިޚާބެއްގެ ވޯޓުލުން ކުރިއަށްދަނީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

09 ފެބްރުއަރީ 2026، 06:35

09 ފެބްރުއަރީ 2026، 06:35

ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބުގެ ވޯޓު ނެގުމާއި، ވޯޓު ގުނުމުގެ ކަންތައްތައް އޮބްޒާވް ކުރުމާއި މޮނިޓަރަކަށްވުމަށް އެދި ހުށައެޅުމުގެ ފުރުޞަތު އިލެކްޝަންސް ކޮމިޝަނުން މިއަދު ހުޅުވާލައިފިއެވެ.

 މި ފުރުޞަތު ހުޅުވާލާފައިވަނީ 28 ފެބްރުއަރީވާ ހޮނިހިރު ދުވަހުގެ 15:00ގެ ނިޔަލަށެވެ.

އިލެކްޝަންސް ކޮމިޝަނުން މަޢުލޫމާތު ދެއްވާ ގޮތުގައި، އޮބްޒާވަރުންނާއި މޮނިޓަރުންގެ ގޮތުގައި ކުރިމަތިލުމަށް ބޭނުންވާ ފަރާތްތަކުން ފޯމު ހުށަހަޅަންޖެހޭނީ އެ ކޮމިޝަންގެ my.elections.gov.mv ޕޯޓަލް މެދުވެރިކޮށެވެ. އަމިއްލަ ގޮތުން ނުވަތަ ޖަމިއްޔާތަކުން ކުރިމަތިލާ ފަރާތްތަކަކީ އެއްވެސް ސިޔާސީ ޕާޓީއެއްގެ ދަފްތަރުގައި ހިމެނޭ ފަރާތްތަކަށް ވެގެން ނުވާނެއެވެ.

ސިޔާސީ ޕާޓީތަކުން އޮބްޒާވަރުން ހުށަހަޅަންޖެހޭނީ ޕާޓީތަކަށް ޚާއްޞަކޮށްފައިވާ "ސިމެދަ ޕޯޓަލް" މެދުވެރިކޮށެވެ. އަދި އޮބްޒާވަރުންގެ ފަރާތުން ސުލޫކީ މިންގަނޑަށް އިޤުރާރުވާންޖެހޭނީ ވެސް އިލެކްޝަންސްގެ މައި ޕޯޓަލް މެދުވެރިކޮށެވެ. މީޑިއާތަކުން މޮނިޓަރުންގެ ގޮތުގައި ހުށަހަޅާއިރު، ހަރަކާތްތެރިވާ ފަރާތްތަކުގެ މަޢުލޫމާތުގެ އިތުރުން މީޑިއާގެ ރެޖިސްޓްރީ ލައިންސަންސްގެ މަޢުލޫމާތު ހިމަނަންޖެހޭނެއެވެ.

އޮބްޒާވަރުންނާއި މޮނިޓަރުންގެ ޢަދަދުތަކާ ގުޅޭގޮތުން އީސީގެ އެސިސްޓެންޓް ޑިރެކްޓަރ ވިޝާލް ސަޢީދު ވިދާޅުވީ، "މީޑީއާތަކުން މޮނިޓަރުންގެ ގޮތުގައި ހިމެނޭނީ، ބަހައްޓާ ވޯޓު ފޮށީގެ ޢަދަދަށް. އެއީ 621. ޕާޓީތަކުން އަދި ޖަމިއްޔާތަކުން އޮބްޒާވަރުންގެ ގޮތުގައި ހުށައަޅާ އަދަދު، ފޮށީގެ ޢަދަދަށްވުރެ %10 އިތުރުވެގެން ނުވާނެ. އެއީ، 683" ކަމަށެވެ.

އޮބްޒާވަރުންނާއި މޮނިޓަރުންގެ ގޮތުގައި ހަމަޖެހޭ ފަރާތްތަކަށް އެކަން އެސްއެމްއެސް އަދި ޕޯޓަލް މެދުވެރިކޮށް އަންގާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ. އަދި އިންތިޚާބުގެ ކަންކަމުގައި ހަރަކާތްތެރިވުމަށް ބޭނުންވާ ފާސް ވެސް ޕޯޓަލް މެދުވެރިކޮށް ޑައުންލޯޑް ކުރެވޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450