Ads by Stelco

ޚަބަރު

ރަމަޟާން މަހު މުދާ ވިއްކާ ފިހާރަތައް ދަންވަރު 1:00 ވަންދެން ހުޅުވާފައި ބެހެއްޓޭނެ

ރަމަޟާން މަހު މުދާ ވިއްކާ ފިހާރަތައް ދަންވަރު 1:00 ވަންދެން ހުޅުވާފައި ބެހެއްޓޭނެ

ރެޑްވޭވްގެ ފިހާރައެއް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

09 ފެބްރުއަރީ 2026، 06:35

09 ފެބްރުއަރީ 2026، 06:35

ކުރިއަށް އޮތް ބަރަކާތްތެރި ރަމަޟާން މަހާ ދިމާކޮށް، މުދާ ވިއްކާ ފިހާރަތައް ދަންވަރު 1:00 ވަންދެން ހުޅުވާފައި ބެހެއްޓޭނެ ކަމަށް  އިގްތިސާދީ ތަރައްގީއާ ބެހޭ ވުޒާރާއިން މިއަދު އިއުލާނުކޮށްފިއެވެ.

އިގްތިސާދީ ތަރައްގީއާ ބެހޭ ވުޒާރާއިން ވިދާޅުވީ، ފިހާރަތައް ހުޅުވާފައި ބެހެއްޓުމުގެ މި އާ ވަގުތުތަކަށް އަމަލުކުރަން ފަށާނީ މި ހިނގާ މާޗު މަހުގެ 10 ވަނަ ދުވަހުން ފެށިގެން ކަމަށެވެ. މިއަހަރުގެ ރަމަޟާން މަސް ފެށޭނެ ކަމަށް ލަފާކުރެވެނީ މި މަހުގެ 11 ވަނަ ދުވަހުއެވެ.

އެ ވުޒާރާއިން އިތުރަށް ހާމަކުރެއްވި ގޮތުގައި، މި ލުއިތައް ދިނުމަށް ނިންމާފައިވަނީ ރަމަޟާން މަހުގެ އިތުރުން ޝައްވާލް މަހުގެ ފުރަތަމަ ހަތް ދުވަސް ނިމެންދެންނެވެ. މިއީ ރަމަޟާން މަހު އާންމުން ވިޔަފާރިކުރުމަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން ނިންމި ނިންމުމެކެވެ.

ފިހާރަތަކުގެ އިތުރުން، ކެފޭ އަދި ރެސްޓޯރެންޓުތައް ހުޅުވާފައި ބެހެއްޓޭނެ ގަޑިތަކަށް ވެސް ވަނީ ބަދަލު ގެނެސްފައެވެ. އެގޮތުން، މި މުއްދަތުގެ ތެރޭގައި ކެފޭ، ހޮޓާ އަދި ރެސްޓޯރެންޓު ފަދަ ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަން ހަވީރު 5:30 އިން ފެށިގެން މެންދަމު 3:00 އާ ހަމައަށް ހުޅުވާފައި ބެހެއްޓޭނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ވިދާޅުވިއެވެ.

ކޮންމެ އަހަރެއްގެ ވެސް ރަމަޟާން މަހާ ދިމާކޮށް ސަރުކާރުން އަންނަނީ ވިޔަފާރިކުރާ ތަންތަނާއި ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަން ހުޅުވާފައި ބެހެއްޓޭނެ ވަގުތުތަކަށް ބަދަލުތަކެއް ގެންނަމުންނެވެ. މިއީ ރޯދަ މަހުގެ ރޭގަނޑުގެ ވަގުތުތަކުގައި އާންމުން ބޭރަށް ނުކުމެ އުޅޭ މިންވަރު އިތުރުވުމާ ގުޅިގެން ދެވޭ ލުޔެކެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450