ޚަބަރު
ރާއްޖޭގެ އުތުރާއި މެދުތެރޭގެ ހިސާބުތަކަށް ދުންފުހުގެ އަސަރު އިތުރުވާތީ ރައްކާތެރިވުމަށް އިލްތިމާސްކޮށްފި
މާލޭގެ ވައި ނުސާފުވުން. ފޮޓޯ: މިހާރު
ރާއްޖޭގެ އުތުރާއި މެދުތެރޭގެ ހިސާބުތަކަށް ދުންފުހުގެ އަސަރު އިތުރުވެފައިވާތީ، ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން (މެޓް އޮފީސް) އިލްތިމާސްކުރައްވައިފިއެވެ.
މެޓް އޮފީހުން ހާމަކުރެއްވި ގޮތުގައި، މި ސަރަޙައްދުތަކުގެ ވައިގެ ނުސާފު މިންވަރު ވަނީ ސިއްޙަތަށް ނުރައްކާވާ މިންވަރަށް ދަށްވެފައެވެ.
މޫސުމާބެހޭ ރިޕޯޓްތަކުން ދައްކާ ގޮތުގައި ދުންފުހުގެ އަސަރު ބޮޑުވުމުގެ ސަބަބުން ދުރުފެންނަ މިންވަރު ވަނީ 3 ކިލޯމީޓަރަށް ދަށަށް ގޮސްފައެވެ. އަދި މި ހާލަތު ކުރިއަށް އޮތް ހަތަރު ދުވަހުވެސް ދެމިއޮންނާނެ ކަމަށް ބެލެވޭ ކަމަށް އެ އިދާރާއިން މައުލޫމާތުދެއްވައެވެ. މިއީ އިރުވައި މޫސުމުގައި ރާއްޖޭގެ އުތުރުން އިންޑިއާ އަދި ހިމާލިޔާ ސަރަޙައްދުން އަންނަ ފުސްދުމުގެ ސަބަބުން ދިމާވާ ކަމެއް ކަމަށް މެޓް އޮފީހުން ފާހަގަކުރެއެވެ.
ވައިގެ ނުސާފުކަން އިތުރުވުމާ ގުޅިގެން، ބޭރުތެރޭގައި ގިނަ ވަގުތު ހޭދަކުރާ ފަރާތްތަކާއި ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން ޚާއްޞަ ސަމާލުކަމެއް ދިނުމަށް ވަނީ އިލްތިމާސްކޮށްފައެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ދަނީ މި ހާލަތާ ގުޅިގެން ޞިއްޙީ އިރުޝާދުތައް ނެރެމުންނެވެ.
މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސަސް ގެ ތަފާސް ހިސާބުތަކުން ދައްކާގޮތުން ރާއްޖޭގެ ސަރައްޙަދުތަކަށް، ޚާއްޞަކޮށް އުތުރާއި މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް ދުންފުހުގެ (Haze) އަސަރު ދަނީ ކުރަމުން. ކުރިއަށް އޮތް 4 ދުވަހުވެސް ދުންފުހުގެ (Haze) އަސަރު ރާއްޖޭގެ ސަރަޙައްދުގައި ހުންނާނެ… pic.twitter.com/OS60QGNsGR
— Health Protection Agency (@HPA_MV) February 9, 2026
ޚާއްޞަކޮށް ނޭވާލާ ނިޒާމާއި، ފުއްޕާމޭގެ ޞިއްޙީ އެކި މައްސަލަތައް ހުންނަ މީހުންނާއި، ތުއްތު ކުދިންނާއި، އުމުރުން ދުވަސްވީ މީހުންގެ އިތުރުން މާބަނޑު މީހުންނަށް މިކަމުގެ ނުރައްކާ ބޮޑުވާނެތީ އެފަރާތްތަކުން އިތުރަށް ސަމާލުވުމަށް ވަނީ އެދިފައެވެ. އެޗްޕީއޭއިން އިރުޝާދު ދެއްވަނީ ވައި ނުސާފުވާ ދުވަސްވަރު މާސްކު އެޅުމަށާއި، ކޮންމެހެން ބޭރަށް ނިކުންނަން ޖެހިއްޖެ ހާލަތެއްގައި ނޫނީ ބޭރަށް ނުނިކުތުމަށެވެ.
ކޮންމެ އަހަރެއްގެވެސް އިރުވައި މޫސުމުގައި ރާއްޖޭގެ ސަރަޙައްދަށް މިފަދަ ދުންފުހުގެ އަސަރު ކުރިމަތިވަމުންދާއިރު، މި ދުވަސްވަރު ޞިއްޙީ މައްސަލަތަކުން ރައްކާތެރިވުމަށް ކަމާބެހޭ އިދާރާތަކުން ދޭ އިރުޝާދުތަކަށް ފުރިހަމައަށް ބޯލެނބުމަކީ މުހިންމު ކަމެކެވެ.