ޚަބަރު
ހުޅުމާލެ 2 ވަނަ ފިިޔަވަހީގައި 500 އެނދުގެ މަލްޓި ސްޕެޝަލިޓީ ހޮސްޕިޓަލެއް ޤާއިމުކުރަނީ
ހުޅުމާލެ ދެވަނަ ފިޔަވަހި/ފޮޓޯ: އެމްވީ ޕްލަސް
ހުޅުމާލެ 2 ވަނަ ފިިޔަވަހީގައި 500 އެނދުގެ މަލްޓި ސްޕެޝަލިޓީ ހޮސްޕިޓަލެއް ޤާއިމުކުރުމުގެ މަސައްކަތް މި އަހަރުގެ މެދުތެރޭގައި ފަށާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މި އަހަރު މާލެ ސަރަޙައްދުގައި ޞިއްޙީ ދާއިރާއިން ބޮޑެތި މަޝްރޫޢުތަކެއް ފެށިގެންދާނެ ކަމަށެވެ. އޭގެތެރޭގައި ޗައިނާ ސަރުކާރުގެ ހިލޭ އެހީގައި ވިލިމާލޭގައި ޤާއިމުކުރާ 100 އެނދުގެ ޓަރޝަރީ ހޮސްޕިޓަލްގެ ޢަމަލީ މަސައްކަތާއި، ހުޅުމާލެ ފޭސް 2 ގައި 500 އެނދުގެ މަލްޓި ސްޕެޝަލިޓީ ހޮސްޕިޓަލެއް ޤާއިމުކުރުމުގެ މަސައްކަތް ހިމެނޭކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
މީގެ އިތުރުން، ކެންސަރު ބައްޔަށް ފަރުވާ ދިނުމަށް ބޭނުންވާ ރޭޑިއޭޝަން ޗެމްބަރ ޤާއިމުކުރުން ހިމެނޭހެން، ކެންސަރު ބަލީގެ ޚިދުމަތަށް ޚާއްޞަ ޑައިގްނޯސްޓިކް ސެންޓަރެއް ޤާއިމުކުރުމުގެ ޢަމަލީ މަސައްކަތް ވެސް މި އަހަރުގެ މެދުތެރޭގައި ފަށާއިރު، ހުޅުމާލެ ހޮސްޕިޓަލްގެ އެކްސްޓެންޝަންގެ ގޮތުގައި، 250 އެނދުގެ މަލްޓި-ސްޕެޝަލްޓީ ޓަރޝަރީ ހޮސްޕިޓަލެއް ބިނާކުރުމުގެ މަސައްކަތްވެސް މި އަހަރު މެދުތެރޭގައި ފެށިގެންދާނެކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
ހަމަ އެއާއެކު، ހުޅުމާލެ ހޮސްޕިޓަލްގައި އިތުރު އެމް.އާރު.އައި. މެޝިނަކާއި، ޔޫރޯޑައިނަމިކް ޚިދުމަތާއެކު، ޔޫރޮލޮޖީގެ ޚިދުމަތް ފެށުމާއި، އެންޑޯސްކޯޕީ ސުއީޓަކާއެކު، ގޭސްޓްރޯއެންޓްރޮލޮޖީގެ ޚިދުމަތް ފެށުން، އަދި އޯ.ޕީ.ޑީ. އަދި އީ.އީ.ޖީ. ޚިދުމަތް ހިމެނޭހެން، ނިއުރޮލޮޖީގެ ޚިދުމަތް ފެށުމާއި، ސީ.އެކްސް.އެލް. ސަރޖަރީ ތަޢާރަފްކޮށް، އޮފްތަލްމޮލޮޖީގެ ޚިދުމަތް ފުޅާކުރުމާއި، ޑެންޓަލް ލެބޯރެޓެރީއެއް ޤާއިމުކުރުން، މި އަހަރު ތެރޭގައި ކުރިއަށް ގެންދާނެކަމުގެ ޔަޤީންކަން ރައީސް ވަނީ ދެއްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވިދާޅުވީ، މިއަހަރުގެ ތެރޭގައި ދަރުމަވަންތަ ހޮސްޕިޓަލްގައި ވަކިން ކެތުލެބެއް ޤާއިމުކޮށް، ނެޝަނަލް ކާޑިއެކް ސެންޓަރު އިތުރަށް ތަރައްޤީކޮށް، ކާޑިއޯތޮރެސިކް އެންޑް ވެސްކިޔުލަރ ސަރޖަރީގެ ޚިދުމަތްތައް ފެށިގެންދާނެ ކަމަށެވެ. ހަމަ އެއާއެކު، އިންޓަރވެންޝަނަލް ރޭޑިއޮލޮޖީ، ގެސްޓްރޯ އީ.އާރު.ސީ.ޕީ. އަދި ރޮބޮޓިކް ސަރޖަރީގެ ޚިދުމަތް، ދަރުމަވަންތަ ހޮސްޕިޓަލާއި، އައި.ޖީ.އެމް.އެޗް.ގައި މި އަހަރު ފަށާނެކަމަށް ރައީސް ވިދާޅުވިއެވެ.
އަދި ދަރުމަވަންތަ ހޮސްޕިޓަލްގައި "ނޭޝަނަލް ސެންޓަރ ފޮރ ނިއުރޯ ސައިންސް އެންޑް ސްޓްރޯކް" ކުރިއަށް އޮތް ހަފްތާ ތެރޭގައި ހުޅުވިގެންދާނެ ކަމަށާއި، މި ސެންޓަރު ހުޅުވުމާއެކު ރާއްޖޭގައި ނާރުގެ ބަލިތަކަށް ދެވޭ ފަރުވާ، އާ ހަރުފަތަކަށް އުފުލިގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި މި ސެންޓަރުގެ ސަބަބުން މުސްތަޤްބަލުގައި ރޮބޮޓިކް ޓެކްނޮލޮޖީ ފަދަ ޒަމާނީ ވަސީލަތްތަކާއެކު، ސިކުނޑިއާއި މައިބަދައިގެ އޮޕަރޭޝަންތައް ކުރެވި، މުޅި ރާއްޖެ ގުޅުވައިލެވޭ ވިއުގައެއް މެދުވެރިކޮށް، ސްޓްރޯކްގެ ބަލިމީހުންނަށް ހަލުއިކަމާއެކު ފަރުވާ ލިބޭނެ ނިޒާމެއް ޤާއިމުވެގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ.