Ads by Stelco

ޚަބަރު

އިސްލާމްއާބާދުގެ މިސްކިތައް ދިން ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި

އިސްލާމްއާބާދުގެ މިސްކިތައް ދިން ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި

ހަމަލާއަށް ފަހު ޕާކިސްތާން ފުލުހުން ހަމަލާދިން ސަރަހައްދުގެ ސަލާމަތީ ކަންކަން ބަލަހައްޓަނީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

08 ފެބްރުއަރީ 2026، 12:03

08 ފެބްރުއަރީ 2026، 12:03

ޕާކިސްތާނުގެ އިސްލާމްއާބާދުގެ ތަރްލާއީ ސަރަޙައްދުގައި ހުރި މިސްކިތެއްގައި ހުކުރު ނަމާދު ވަގުތު ދިން ނުރައްކާތެރި ޙަމަލާ، ދިވެހި ސަރުކާރުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.

މި ހިތާމަވެރި ހާދިސާގައި އެތައް ބައެއްގެ ފުރާނަ ގެއްލި، ގިނަ އަދަދެއްގެ ބަޔަކު ޒަޚަމްވެފައިވާތީ ދިވެހި ސަރުކާރުން ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ވަނީ ދިވެހި ސަރުކާރުގެ ފަރާތުން، ޕާކިސްތާނުގެ ސަރުކާރަށާއި ރައްޔިތުންނަށް އިޚްލާޞްތެރި ތަޢުޒިޔާ ވިދާޅުވެފައެވެ. އަދި މި ޙަމަލާގައި ފުރާނަ ގެއްލުނު ފަރާތްތަކުގެ ޢާއިލާތަކަށް ކެތްތެރިކަން ދެއްވުން އެދި، މި އަނިޔާވެރި ޢަމަލުގައި ޒަޚަމްވި ފަރާތްތަކަށް އަވަސް ޝިފާއަކަށް ދިވެހި ސަރުކާރާއި ރައްޔިތުންގެ ފަރާތުން ވަނީ އެދިވަޑައިގެންފައެވެ.

ޓެރަރިޒަމްގެ އެންމެހައި ޢަމަލުތަކަކީ ދިވެހިރާއްޖެއިން ބަލައިގަންނާނެ ކަންކަމެއް ނޫންކަމަށް ޚާރިޖީ ވުޒާރާގެ ބަޔާނުގައި ވަނީ ފާހަގަކުރައްވާފައެވެ. ވަކިން ޚާއްޞަކޮށް، އަޅުކަންކުރާ ބިނާތަކަށް އަމާޒުކޮށްދޭ މިފަދަ ފިނޑި ޙަމަލާތަކަކީ އިންސާނިއްޔަތާއި، ދީނާއި، އަދި އަޅުގަނޑުމެން އެންމެން ޤަބޫލުކުރާ އަޚްލާޤީ އަސާސްތަކާ ޚިލާފު ޢަމަލުތަކެއްގެ ގޮތުގައި ރާއްޖެއިން ވަނީ ސިފަކުރައްވާފައެވެ.

މި ދަތި ދަނޑިވަޅުގައި ދިވެހިރާއްޖެ އޮތީ ޕާކިސްތާނާ އެކުގައިކަމަށް ޚާރިޖީ ވުޒާރާއިން ވިދާޅުވިއެވެ. މީގެ އިތުރުން، ޓެރަރިޒަމާ ދެކޮޅަށް ބައިނަލްއަޤްވާމީ ފެންވަރުގައި ކުރެވޭ މަސައްކަތްތަކަށް ރާއްޖޭގެ ފުރިހަމަ އެއްބާރުލުން އަބަދުވެސް އޮންނާނެކަމުގެ ޔަޤީންކަން ދިވެހި ސަރުކާރުން ވަނީ ދެއްވާފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450