Ads by Stelco

ޚަބަރު

ލޯކަލް ކައުންސިލް އިންތިޚާބު: ކެންޑިޑޭޓުންގެ ގުރުއަތުނެގުން ބުރާސްފަތިި ދުވަހު ބާއްވަނީ

ލޯކަލް ކައުންސިލް އިންތިޚާބު: ކެންޑިޑޭޓުންގެ ގުރުއަތުނެގުން ބުރާސްފަތިި ދުވަހު ބާއްވަނީ

ެއިންތިޚާބެއްގެ ވޯޓުގުނުން ކުރިއަށްދަނީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

08 ފެބްރުއަރީ 2026، 11:10

08 ފެބްރުއަރީ 2026، 11:10

ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ މެދުގައި ނަންބަރު ތަރުތީބުކުރުމަށް ބާއްވާ ގުރުއަތުލުން މި ހަފްތާގެ ބުރާސްފަތި ދުވަހު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.

އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި އިންތިޚާބުގައި ޖުމްލަ 2،994 ކެންޑިޑޭޓުން ވާދަކުރެއެވެ.

އިލެކްޝަންސް ކޮމިޝަނުން ހާމަކުރި ގޮތުގައި، ކެންޑިޑޭޓުންގެ މެދުގައި ގުރުއަތު ނެގުމަށްފަހު ނަން އަނބުރާ ގެންދިއުމުގެ ފުރުސަތެއް ނޯންނާނެއެވެ. އެހެންކަމުން، އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ތެރެއިން ނަން އަނބުރާ ނަގަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު އޮންނާނީ ބުރާސްފަތި ދުވަހުގެ ގުރުއަތުލުމާ ހަމައަށެވެ. މިހާރުވެސް ބައެއް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ބައެއް ބޭފުޅުން އިންތިޚާބަކާ ނުލައި ހޮވިފައިވީ ނަމަވެސް، އެކަން މުޅިން ސާފުވާނީ ގުރުއަތުލުމުގެ މަރުހަލާ ނިމުމުންނެވެ.

މިފަހަރުގެ އިންތިޚާބުގައި 6 ސިޔާސީ ޕާޓީއަކުން 1,210 ކެންޑިޑޭޓުން ވާދަކުރާއިރު، އަމިއްލަ ގޮތުން 401 ކެންޑިޑޭޓުން ވާދަކުރެއެވެ. އެންމެ ގިނަ ކެންޑިޑޭޓުން ކުރިމަތިލާފައިވަނީ ވެރިކަންކުރާ ކޮންގްރެސް ޕާޓީންނެވެ. އެ ޕާޓީން ކައުންސިލް އިންތިޚާބުގެ 678 ގޮނޑީގެ ތެރެއިން 665 ގޮނޑިއަށް ވާދަކުރެއެވެ. އިންތިޚާބުގައި ރަށު ކައުންސިލްތަކަށް 626 ކައުންސިލަރުން އަދި ސިޓީ ކައުންސިލްތަކަށް 52 ކައުންސިލަރުން އިންތިޚާބު ކުރާނެއެވެ.

އިންތިޚާބުގެ ކަންކަން އަމާންކަމާއެކު ކުރިއަށް ގެންދިއުމަށްޓަކައި އިލެކްޝަންސް ކޮމިޝަނުން ވަނީ ޤައުމީ އިލެކްޝަންސް ކޮމްޕްލެއިންޓްސް ބިއުރޯ ގާއިމްކޮށްފައެވެ. މިހާތަނަށް ހުށަހެޅުނު 4 ޝަކުވާއަކަށް ކޮމިޝަނުން ވަނީ ޖަވާބު ދީފައެވެ. ކެމްޕެއިން ކުރުމުގެ ފުރުސަތު ރަސްމީކޮށް ހުޅުވާނުލި ނަމަވެސް، ސިޔާސީ ޕާޓީތަކާއި އަމިއްލަ ކެންޑިޑޭޓުން ދަނީ ފޯރީގައި ކެމްޕެއިން ހަރަކާތްތައް ހިންގަމުންނެވެ.

މި އިންތިޚާބުގައި ވޯޓުލުމުގެ ޙައްގު ޖުމްލަ 294,937 މީހުންނަށް ލިބިގެންވެއެވެ. މީގެ ތެރޭގައި ހިމެނެނީ 144,527 އަންހެނުންނާއި 150,410 ފިރިހެނުންނެވެ. ވޯޓުލާ މީހުންގެ ފައިނަލް ލިސްޓު އާންމުކުރާނީ ރީ-ރަޖިސްޓްރޭޝަން މަރުހަލާއަށްފަހުގައެވެ. މީގެ އިތުރުން، ބޭރުގެ އޮބްޒާވަރުންނަށް މިމަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ފުރުސަތު ހުޅުވާލާފައިވާއިރު، އޮބްޒާވަރުންނާއި މޮނިޓަރުން ވަކި ފަރާތަކަށް ކެމްޕެއިން ކުރުމަކީ މަނާކަމެއްކަމަށް ކޮމިޝަނުން ހަނދާންކޮށްދެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450