ވިޔަފާރި / ޚަބަރު
ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަނަށް އެމް.ޓީ.ސީ.ސީ އިން ހާއްސަ ޑިސްކައުންޓުތަކެއް ހަމަޖައްސައިފި
"މޯލްޑިވްސް މެރިން އެކްސްޕޯ 2026" ފޯޓޯ: އެމްޓީސީސީ
އެމް.ޓީ.ސީ.ސީ "ކަށަވަރު" ޕްރޮގްރާމްގެ ދަށުން ވިއްކާ އުފެއްދުންތަކުން ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަން (ބީ.ކޭ.އެމް.ޔޫ) ގެ މެންބަރުންނަށް ހާއްސަ ޑިސްކައުންޓުތަކެއް ދިނުމަށް އެމް.ޓީ.ސީ.ސީ އާއި އެ ޔޫނިއަނާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިހާރު ކުރިއަށްދާ "މޯލްޑިވްސް މެރިން އެކްސްޕޯ 2026" ގެ ހަވާސާގައެވެ. މި ޕާޓްނަޝިޕް އެއްބަސްވުމުގެ ދަށުން، ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަންގެ މެންބަރުންނަށް ޔަންމާ އިންޖީނުގެ ސްޕެއާ ޕާޓްސްއިން 10 އިންސައްތަ އަދި ކާސްޓްރޯލް ގެ އުފެއްދުންތަކުން 8 އިންސައްތައިގެ ޑިސްކައުންޓެއް ލިބިގެންދާނެއެވެ.
މިއީ އެމް.ޓީ.ސީ.ސީގެ ތާރީޚުގައި މަދަނީ ޖަމިއްޔާއަކާއެކު މިފަދަ ޕާޓްނަޝިޕް އެއްބަސްވުމެއް ގާއިމުކުރި ފުރަތަމަ ފަހަރެވެ. އެ ކުންފުނިން ހާމަކުރި ގޮތުގައި މި އެއްބަސްވުމުގެ މައިގަނޑު މަގްސަދަކީ ދިވެހި މަސްވެރިންނަށް ބޭނުންވާ "އެމް.ޓީ.ސީ.ސީ ކަށަވަރު" ގެ އުފެއްދުންތައް ފަސޭހަކަމާއެކު ހެޔޮ އަގުގައި ލިބޭނެ މަގު ފަހިކޮށްދިނުމެވެ.
މި އެއްބަސްވުމުގެ ސަބަބުން ކަންނެލި މަސްވެރިކަމުގައި ހަރަކާތްތެރިވާ ފަރާތްތަކަށް އޮޕަރޭޝަނަލް ހަރަދުތައް ކުޑަކުރުމަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ ކަމަށް އެމް.ޓީ.ސީ.ސީ އިން އުންމީދު ކުރެއެވެ.