ޚަބަރު
ޤައުމީ ކުޅުންތެރީންނަށް ޚާއްޞަ ހެލްތު އިންޝުއަރެންސްގެ ޚިދުމަތް ފޯރުކޮށްދޭން ފަށައިފި
ރައީސް ޑރ މުޙައްމަދު މުޢިއްޒު.
ދިވެހި ކުޅުންތެރީންނަށް ޚާއްޞަ ހެލްތު އިންޝުއަރެންސްގެ ޚިދުމަތް ފޯރުކޮށްދޭން މިއަދު ފަށާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާނު ކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ މިއަދު ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވީ، ރާއްޖޭގެ ޤައުމީ 18 ކުޅިވަރު އެސޯސިއޭޝަނެއްގެ 385 ކުޅުންތެރީންނާއި އޮފިޝަލުންނަށް މި ހެލްތު އިންޝުއަރެންސް ލިބުމުގެ އިންތިޒާމު މިހާރު ހަމަޖެހިފައިވާ ކަމަށެވެ. މިއީ ދިވެހި ކުޅިވަރުގެ ޢާއިލާއިން މިކަމަށް އެދެމުންދާތާ އެތައް އަހަރެއް ވެފައިވާ މުހިންމު ކަމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ކުޅުންތެރީންނަށް ޚާއްޞަ މި ހެލްތު އިންޝުއަރެންސްގެ ތެރެއިން، ރާއްޖޭގައި ބާއްވާ މުބާރާތްތަކުގެ އިތުރުން، ރާއްޖެއިން ބޭރުގައި ވާދަކުރާ ބައިނަލްއަޤްވާމީ މުބާރާތްތަކާއި ތަމްރީނުތަކުގައި ލިބޭ އަނިޔާތަކަށް ފަރުވާ ހޯދުމުގައިވެސް ބޮޑެތި ލުއިތަކެއް ލިބިގެންދާނެއެވެ. މީގެ ސަބަބުން ދިވެހި އެތުލީޓުންގެ ޞިއްޙީ ރައްކާތެރިކަން އިތުރަށް ކަށަވަރުވެގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
މި ނިންމުމަކީ ދިވެހި ކުޅިވަރު ކުރިއެރުވުމަށާއި، ކުޅުންތެރިންނަށް ދިމާވާ ޞިއްޙީ މައްސަލަތަކަށް ދާއިމީ ޙައްލެއް ހޯދައިދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން އެޅުނު މުހިންމު ފިޔަވަޅެކެވެ. މީގެ ކުރިން ކުޅުންތެރިންނަށް ލިބޭ އަނިޔާތަކަށް ފަރުވާ ހޯދުމުގައި ގިނަ ގޮންޖެހުންތަކެއް ކުރިމަތިވަމުން އައިކަން ފާހަގަކުރެއްވިއެވެ.
ޤައުމީ ޓީމުތަކުގެ ކުޅުންތެރިންނަށް އިންޝުއަރެންސް ދިނުމުގައި މީގެކުރިން ގޮންޖެހުމަކަށް ވެފައި އޮތީ ކުޑަ ދުވަސްކޮޅަކަށްފަހު ކުޅުންތެރިން ސްކޮޑުން ބަދަލުވުން ކަމަށާއި، އެހެންނަމަވެސް މިހާރު އެކަމަށްވެސް ހައްލެއް ހޯދިއްޖެ ކަމަށް މީގެ ކުރިން ކުޅިވަރު ވަޒީރު ޢަބްދުﷲ ރާފިއު ވަނީ ވިދާޅުވެފައެވެ.
އެގޮތުން ވަކި ކުޅުންތެރިޔަކަށް އިންޝުއަރެންސް ދިނުމުގެ ބަދަލުގައި ވަކި އަދަދެއް ކަނޑައަޅައިގެން އެކަން ކުރެވޭގޮތަށް މިހާރު ކުންފުނިތަކާއި ކުޅިވަރު އެސޯސިއޭޝަންތަކާއި ވާހަކަދެކެވި އެކަމަށްވެސް ހައްލު ހޯދިއްޖެ ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.