ވިޔަފާރި / ޚަބަރު
ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ދައްކަންޖެހޭ ފައިސާގެ 6.3 ބިލިއަން ރުފިޔާ އަދާކޮށްފި
ފައިސާ ނުލިބި ގިނަ ދުވަސްވެފައިވާ ކުންފުނިތަލުގެ ތެރޭގައި ކޮންސްޓްރަކްޝަން ކުންފުނިތައް ވެސް ހިމެނޭ / ފޮޓޯ: އާރުސީސީ
ފަރުދުން
05 ފެބްރުއަރީ 2026، 07:56
05 ފެބްރުއަރީ 2026، 07:56
ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ ބިލުތަކަށް މިދިޔަ އަހަރު 6.3 ބިލިއަން ރުފިޔާ އަދާކޮށްފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، މިއަހަރުގެ ރައްޔިތުންގެ މަޖިލީސް ހުޅުވުމަށް މިއަދު ބޭއްވި، ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުންނެވެ.
އެ މަނިކުފާނު ވިދާޅުވީ، ސަރުކާރުން، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުން ފޯރުކޮށްދީފައިވާ ތަކެއްޗާއި ޚިދުމަތްތަކަށް ދޭންޖެހޭ ފައިސާ ނުދެވި ލަސްވެފައި އޮތް މައްސަލައަށް ހައްލު ގެނެސްދެއްވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާކަމަށެވެ.
އެގޮތުން، ގިނަ އަހަރުތަކެއް ވަންދެން ނުދައްކައި ހުރި "ލެގަސީ" ބިލުތަކަށް ފައިސާ ދެއްކުމުގެ ބޭނުމަށް ސަރުކާރު ކުންފުނިތަކަށް 882 މިލިއަން ރުފިޔާ ދޫކޮށްފައިވާކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
"ސަރުކާރު ހިއްސާވާ ކުންފުނިތަކުން ގިނަ އަހަރުތަކެއް ވަންދެން ނުދައްކައި ހުރި "ލެގަސީ" ބިލުތަކަށް ފައިސާ ދެއްކުމުގެ ބޭނުމަށް ސަރުކާރު ކުންފުނިތަކަށް 882 މިލިއަން ރުފިޔާ ވާނީ ދޫކޮށްފައި. ބިލުތަކުގެ ޞައްޙަކަމަށާއި، އޮޑިޓަރ ޖެނެރަލް ދެއްވާފައިވާ ލަފަޔާ އެއްގޮތަށް ބަލަންޖެހޭ ކަންކަން ބެލުމަށްފަހު، މިހާތަނަށް 469 މިލިއަން ރުފިޔާގެ ބިލަށްވާ ފައިސާ ވަނީ ދައްކާފައި. އަދި މީގެ އިތުރުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބިލުތަކުގެ ތެރެއިން 1 ބިލިއަން ރުފިޔާގެ ބިލު ވަނީ ސީދާ ސަރުކާރުން ވެސް ދައްކާދީފައި." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ، ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ތަރައްޤީ ކުރުމަށް ކުރައްވާފައިވާ އެހެނިހެން މަސައްކަތްޕުޅުތަކަށް ވެސް އަލިއަޅުވާލާފައެވެ. އެގޮތުން އިމްޕޯޓްކުރާ މުދާ އެއަރޕޯޓުން ކްލިއަރ ކުރުމަށް އޮތް 80 ގަޑިއިރުގެ ވަގުތު، 124 ގަޑިއިރަށް އިތުރުކުރުމާއި، ޑެމަރޭޖް ފީ ނާރާ، މާލެ އަދި ހުޅުމާލެ ޕޯޓުގައި ބެހެއްޓޭ މުއްދަތު 5 ދުވަހުން 10 ދުވަހަށް މިހާރު އިތުރުކޮށްދީފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.