Ads by Stelco

ޚަބަރު

މިއަހަރު ގައިދީން ހޯޕްއައިލެންޑަށް ގެންދަނީ

މިއަހަރު ގައިދީން ހޯޕްއައިލެންޑަށް ގެންދަނީ

ދިވެހި ގައިދީއެއް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

05 ފެބްރުއަރީ 2026، 06:42

05 ފެބްރުއަރީ 2026، 06:42

ރާއްޖޭގެ ޖަލުތަކުގެ ނިޒާމު އިސްލާހުކޮށް، ގައިދީންނަށް އަމާޒުކޮށްގެން ހިންގާ ރިހެބިލިޓޭޝަން މަޝްރޫއުގެ ދަށުން، "ހޯޕް އައިލެންޑް" ނުވަތަ އޯޕަން ޕްރިޒަން އައިލެންޑަށް މިއަހަރުގެ ނިޔަލަށް ގައިދީން ގެންދަން ފެށުމަށް ސަރުކާރުން ނިންމައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް އޯޕަން ޕްރިޒަން ކޮންސެޕްޓަށް ތަރައްގީކުރާ މި ރަށުގެ އުމްރާނީ މަސައްކަތްތައް މިއަހަރުގެ މެދުތެރޭގައި ފެށޭނެ ކަމަށެވެ. މުޅި ރަށަކީ ޖަލެއްގެ ގޮތުގައި ކަނޑައަޅައިގެން ތަރައްގީކުރާ މި ރަށުގެ މަސައްކަތް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއާ މިހާރު ވަނީ ހަވާލުކުރެވިފައެވެ.

"މިޖަލު ގާއިމްކުރުމަށް ކުރަންޖެހޭ އުމްރާނީ މަސައްކަތްތައް މި އަހަރުގެ މެދުތެރޭގައި ފަށައި، މިއަހަރުގެ ނިޔަލަށް އެތަނަށް ގައިދީން ލުމަށްވަނީ ޕްލޭންކޮށްފައި. މިރަށަށް ގެންދެވޭނީ މިނިމަމް ސެކިއެރިޓީ ދޭންޖެހޭ ކުދި މައްސަލަތަކުގައި ގައިދުކުރެވޭ ފަރާތްތަށް،" ރައީސް ވިދާޅުވިއެވެ.

މި ރަށަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިނިމަމް ސެކިއުރިޓީ ދޭންޖެހޭ ކުދި މައްސަލަތަކުގައި ހުކުމް ތަންފީޒުކުރާ ފަރާތްތަކެވެ. އެތަނުގައި ގައިދީންނަށް ދަނޑުވެރިކަމާއި އެކި ކަހަލަ މަސައްކަތްތައް ދަސްކޮށްދީ، މުޖުތަމަޢަށް ބޭނުންތެރި ބައެއްގެ ގޮތުގައި އެމީހުން ބިނާކުރުމަށް އިސްކަންދެވޭނެއެވެ. މީގެ އިތުރުން، އިސްލާހީ ޕްރޮގްރާމްތަކުގައި ބައިވެރިވެ އަޚުލާގު ހިފަހައްޓާ ގައިދީންނަށް، އެ ޕްރޮގްރާމްގައި ހޭދަކުރާ ކޮންމެ ދުވަހަކަށް ޖަލު ހުކުމުން އިތުރު ދުވަހެއް ކެނޑޭނެ ގޮތް މިހާރު ވަނީ ހަމަޖައްސާފައެވެ.

މަސްތުވާތަކެތީގެ ފަރުވާއާ ގުޅޭގޮތުން ރައީސް ވިދާޅުވީ، މެއި މަހުން ފެށިގެން ޑްރަގް ރީހެބިލިޓޭޝަން ޕްރޮގްރާމްގެ ތެރޭގައި އިސްލާމީ ތަރުބިއްޔަތުގެ ފިލާވަޅުތައް ހިމެނުމަށް ނިންމާފައިވާ ކަމަށެވެ. އަދި ކ. ކާށިދޫ، ނ. ވެލިދޫ އަދި ލ. ގަމުގައި ރީހެބިލިޓޭޝަން މަރުކަޒުތައް ބިނާކުރުމުގެ އަމަލީ މަސައްކަތް ދަނީ ކުރިއަށެވެ. ގޭންގް ކުށްތައް ހުއްޓުވުމުގެ ގާނޫނުގެ ދަށުން ވަކި ބަޔަކީ ގޭންގެއްގެ ގޮތުގައި ކަނޑައެޅުމަށް ހައިކޯޓަށް މައްސަލަ ހުށަހަޅާފައިވާއިރު، ކުށުގެ ވެށީގައި އުޅޭ ކުޑަކުދިންނަށް ފަރުވާ ދިނުމަށް ޖުވެނައިލް ރެޒިޑެންޝަލް ޓްރީޓްމަންޓް ސެންޓަރާއި ހާފްވޭ ހައުސް މިހާރު ވަނީ ގާއިމުކޮށްފައެވެ.

މި މަޝްރޫއުގެ ސަބަބުން ޖަލުތަކުގެ ހަރަދު ކުޑަވެ، ކުށްކުރާ މީހުން އިސްލާހުވެގެން އަނބުރާ މުޖުތަމަޢަށް އައުމަށް ބޮޑު ބާރަކަށް ވެގެންދާނެ ކަމަށް ސަރުކާރުން އުންމީދު ކުރެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450