Ads by Stelco

ޚަބަރު

ތިލަފުށީގައި ތަރައްގީކުރާ ރާއްޖޭގެ މައި ވިޔަފާރި ބަނދަރުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތްތައް ޗައިނާގެ ކުންފުންޏަކަށް ހަވާލުކޮށްފި

ތިލަފުށީގައި ތަރައްގީކުރާ ރާއްޖޭގެ މައި ވިޔަފާރި ބަނދަރުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތްތައް ޗައިނާގެ ކުންފުންޏަކަށް ހަވާލުކޮށްފި

ތިލަފުށީގައި ތަރައްގީކުރާ ރާއްޖޭގެ މައި ވިޔަފާރި ބަނދަރުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތްތައް ޗައިނާގެ ކުންފުންޏަކަށް ހަވާލުކުރުން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

05 ފެބްރުއަރީ 2026، 04:12

05 ފެބްރުއަރީ 2026، 04:12

ތިލަފުށީގައި ތަރައްގީކުރާ ރާއްޖޭގެ މައި ވިޔަފާރި ބަނދަރުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތްތައް ބައިނަލްއަގުވާމީ ކުންފުންޏެއް ކަމަށްވާ ޗައިނާ ހާބަރ އިންޖިނިއަރިން ކޮމްޕެނީއާ މިއަދު ހަވާލުކޮށްފިއެވެ.

މި މަޝްރޫއަކީ ރާއްޖޭގެ އިގްތިސާދީ ދާއިރާއަށް އަންނާނެ ބޮޑު ބަދަލެއްގެ ގޮތުގައި ސަރުކާރުން ސިފަކުރެއެވެ.

މި މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތުގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު މުހައްމަދު ރިޝްވާނެވެ. ޗައިނާ ހާބަރ އިންޖިނިއަރިންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ކަންޓްރީ މެނޭޖަރު މިސްޓަރ މާއޯ ބާއޯއެވެ. މިހާރު ހަވާލުކުރެވިފައިވަނީ ޑިޒައިންގެ މަސައްކަތްތައް ކަމަށާއި، އެ މަސައްކަތް ނިމުމާއެކު އަމަލީ މަސައްކަތް ފެށިގެންދާނެ ކަމަށް އެމްޕީއެލުން މައުލޫމާތުދެއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޝްވާން ވިދާޅުވީ މިއީ ތާރީހީ ދުވަހެއް ކަމަށާއި، މިއީ ވޭތުވެދިޔަ 40 އަހަރު ދުވަހު އެމްޕީއެލް އިން ދެކެމުން އައި އުންމީދެއް ކަމަށެވެ. "ރައީސް ވިދާޅުވި ފަދައިން މިއަދަކީ ރާއްޖޭގެ ވިޔަފާރި އާއި އިގްތިސާދީ ދާއިރާއަށް ލިބިގެންދިޔަ ވަރަށް ބޮޑު ކުރިއެރުމެއް،" ރިޝްވާން ފާހަގަކުރެއްވިއެވެ.

މި މަޝްރޫއުގެ ދަށުން މިހާރު އޮތް 5 ހެކްޓަރުގެ ޕޯޓު، 20 ހެކްޓަރަށް ބަދަލުވެގެންދާނެއެވެ. މީގެ އިތުރުން 650 މީޓަރުގެ ކީ ވޯލް އަކާއި، 125 މީޓަރުގެ މަގަތު ފާލަމެއްގެ އިތުރުން އެކްސް-ރޭ ފެސިލިޓީއާއި، އޮޓޮމޭޓެޑް ވަސީލަތްތަކާއި ބޮންޑަޑް ވެއާހައުސްއެއް މި ބަނދަރުގައި ގާއިމްކުރެވޭނެއެވެ. މި ބަނދަރު ފަރުމާކުރެވެނީ ކުރިއަށް އޮތް 30 އަހަރަށް އަމާޒުކޮށްގެން ދެމެހެއްޓެނިވި ގޮތެއްގައެވެ.

އާ ބަނދަރުގެ މަސައްކަތް ނިމުމުން، މުދާ ކްލިއަރ ކުރުމަށް މިހާރު ހޭދަވާ 5 ދުވަސް 48 ގަޑިއިރަށް ކުރުވެގެންދާނެ ކަމަށް އެމްޕީއެލް އިން ލަފާކުރެއެވެ. މި ބަނދަރު ތިލަފުއްޓަށް ބަދަލުވުމުން، މިހާރު ބޭނުންކުރާ މާލޭގެ ވިޔަފާރި ބަނދަރު ސަރުކާރުގެ އެހެނިހެން ބޭނުންތަކަށް ހުސްކުރެވޭނެއެވެ. މީގެ ސަބަބުން މާލެ، ހުޅުމާލެ ވިޔަފާރި ބަނދަރު އަދި ޓީ-ޖެޓީއަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ދާއިމީ ހައްލެއް ލިބޭނެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު މިއަދު ވިދާޅުވެފައިވަނީ، މާލޭ ވިޔަފާރި ބަނދަރު އަންނަ އަހަރުގެ ނޮވެންބަރު މަހުގެ ތެރޭގައި ތިލަފުއްޓަށް ބަދަލުކުރެވޭނެ ކަމަށެވެ. މިއީ ރާއްޖޭގެ ލޮޖިސްޓިކްސް ދާއިރާ ހަރުދަނާކޮށް، ވިޔަފާރިވެރިންނަށް ލުއިފަސޭހަ ހިދުމަތްތަކެއް ފޯރުކޮށްދިނުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަޝްރޫއެކެވެ.
 

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450