ޚަބަރު
ޕްރޮކިއުމަންޓް ގަވާއިދަށް ގެނައި އާ އިސްލާހުތަކާއެކު، ދައުލަތުގެ ގިނަ މަޝްރޫއުތަކެއް ކުދި ވިޔަފާރިތަކަށް ހުޅުވާލައިފި
މާލީ ވުޒާރާ ހުންނަ އިމާރާތް
ދައުލަތުގެ ޕްރޮކިއުމަންޓްގައި ވަކި ފަރާތްތަކާއި ދާއިރާތަކަށް އިސްކަންދިނުމާބެހޭ އުސޫލަށް ސަރުކާރުން މުހިންމު އިސްލާހުތަކެއް ގެނެސް، އެކަން ސަރުކާރުގެ ގެޒެޓުގައި މިއަދު ޝާއިއުކޮށްފިއެވެ.
މި އިސްލާހުތަކުގެ މައިގަނޑު މަޤުޞަދަކީ ދައުލަތުގެ ޕްރޮކިއުމަންޓްގެ މުއާމަލާތްތަކުގައި ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ (އެމް.އެސް.އެމް.އީ) ވިޔަފާރިތަކުގެ ބައިވެރިވުން އިތުރުކޮށް، އެ ފަރާތްތަކަށް ލިބޭ ފުރުސަތުތައް ތަނަވަސްކޮށްދިނުމެވެ.
އިސްލާހުކުރެވުނު އުސޫލުގެ ދަށުން، 5 މިލިއަން ރުފިޔާއަށް ވުރެ ކުޑަ އަގުގެ ޕްރޮކިއުމަންޓްތަކަށް ކުރިމަތިލާ ފަރާތްތަކުގެ ތެރޭގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ހިމެނޭނަމަ، އެ ކެޓަގަރީގެ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ހޯދާ ފަރާތަކަށް އެ މަސައްކަތެއް ހަވާލުކުރަން ޖެހޭނެއެވެ. މި ބަދަލުގެ ސަބަބުން ދައުލަތުގެ ޕްރޮކިއުމަންޓްތަކުގައި އެމް.އެސް.އެމް.އީ ތަކުގެ ދައުރު ފުޅާވެ، އެފަދަ ވިޔަފާރިތައް ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީވުމުގެ ޤާބިލުކަން ފަހިވެގެންދާނެއެވެ.
އިމާރާތްކުރުމުގެ ދާއިރާއަށް ގެނެވުނު ބަދަލުތައް:
އިމާރާތްކުރުމުގެ ދާއިރާގެ މަޝްރޫއުތަކަށްވެސް މި އުސޫލުގެ ދަށުން ވަނީ އާ އުސޫލުތަކެއް ކަނޑައަޅާފައެވެ. އެގޮތުން 500,000 ރުފިޔާއަށް ވުރެ ކުޑަ އަގުގެ އިމާރާތްކުރުމުގެ މަޝްރޫއުތައް މިހާރު ހާއްސަކުރެވިފައިވަނީ ނޭޝަނަލް ކޮންޓްރެކްޓާސް ރަޖިސްޓްރީގެ ގްރޭޑް 7 ގައި ހިމެނޭ ކޮންޓްރެކްޓަރުންނަށެވެ. އަދި 500,000 ރުފިޔާއާއި 10 މިލިއަން ރުފިޔާއާ ދެމެދުގެ މަޝްރޫއުތައް ހާއްސަކުރެވިފައިވަނީ އެ ރަޖިސްޓްރީގެ ގްރޭޑް 4، 5، 6 އަދި 7 ގެ ކޮންޓްރެކްޓަރުންނަށެވެ.
މި އިސްލާހުތަކަކީ ދާދި ފަހުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިޔަފާރިވެރިންނާ ބައްދަލުކުރައްވައި، ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންގެ ކަންބޮޑުވުންތައް ހައްލުކޮށްދެއްވާނެކަމުގެ ޔަޤީންކަން އެރުވުމަށްފަހު ގެނެވުނު ބަދަލުތަކެކެވެ. އެ ބައްދަލުވުމުގައި ކުރެވުނު މަޝްވަރާގެ އަލީގައި ޕްރޮކިއުމަންޓް ނިޒާމަށް އިސްލާހެއް ގެންނަވާނެކަމުގެ ފެހި ސިގްނަލް ރައީސް ވަނީ ކުރިން ދެއްވާފައެވެ.
ފިނޭންސް މިނިސްޓްރީން އަންދާޒާކުރާ ގޮތުގައި، މިއަދު ގެޒެޓްކުރެވުނު މި އިސްލާހުތަކުގެ ސަބަބުން ދައުލަތުގެ ޕްރޮކިއުމަންޓް ނިޒާމުގެ ތެރެއިން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ ހިއްސާ ބޮޑުވެ، ރާއްޖޭގެ އިގްތިސާދީ ދާއިރާގައި ހުރިހާ ފަރާތްތަކެއްގެ ބައިވެރިވުން އިތުރުވެގެންދާނެއެވެ. އަދި މި ސިޔާސަތުގެ ސަބަބުން ރާއްޖޭގެ އަމިއްލަ ސިނާއަތްތަކުގެ ގާބިލުކަން އިތުރުވެ، މުޅި ރާއްޖޭގައި ހުރި ކުދި ވިޔަފާރިތަކަށް އާ ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމަށްވެސް އެ މިނިސްޓްރީން ބުނެއެވެ.
މި ބަދަލަކީ ރާއްޖޭގެ އަމިއްލަ ވިޔަފާރިތައް ބާރުވެރިކުރުވުމަށާއި، ދައުލަތުގެ މަޝްރޫއުތަކަކީ އެންމެންނަށް ހަމަހަމަކަމާއެކު ބައިވެރިވެވޭ ފުރުސަތުތަކަކަށް ހެދުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ މުހިންމު ބައެކެވެ. މިއީ ގައުމުގެ އިގްތިސާދީ ކުރިއެރުމާއި ވަޒީފާގެ ފުރުސަތުތައް އުފެއްދުމުގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަކީ މައިގަނޑު ބަހާ ކަމުގައި ބަލައިގަންނަކަން ހާމަކޮށްދޭ ކަމެކެވެ.