ޚަބަރު
2027 ގެ ޖުމްހޫރީ ދުވަހަށް މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކޮށް ނިންމަނީ
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ފޮޓޯ:ރައީސް އޮފީސް
މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ ބިޔަ މަޝްރޫޢު، އަންނަ އަހަރުގެ ނިޔަލަށް ނިންމަވައި، 11 ނޮވެންބަރު 2027 ގައި އެ ބަނދަރު ރަސްމީކޮށް ބަދަލުކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު އިޢުލާނު ކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ މިކަން ހާމަކުރެއްވީ މިއަދު ރައްޔިތުންގެ މަޖިލީހަށް ރިޔާސީ ބަޔާން އިއްވަވަމުންނެވެ. އެމަނިކުފާނު ވިދާޅުވީ މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަސައްކަތް މިހާރުވެސް ބާރު ދުވެލީގައި ކުރިއަށްދާ ކަމަށެވެ. އެގޮތުން، މި މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ އެންމެ މުހިންމު އެއް މަސައްކަތް ކަމުގައިވާ 125 މީޓަރުގެ އިންޓަނޭޝަނަލް ކީވޯލްގެ މަސައްކަތް މިއަދުގެ ވަގުތެއްގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބަޔަކާ ހަވާލުކުރާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން، ތިލަފުއްޓަށް ޑޮމެސްޓިކް ޕޯޓް ބަދަލުކުރުމަށް ބޭނުންވާ ދެ ކިލޯމީޓަރުގެ ކީވޯލާއި، އިމާރާތްކުރުމުގެ މަސައްކަތްތަކުގެ އިތުރުން ބަނދަރަށް ބޭނުންވާ މެޝިނަރީސް ހޯދުމުގެ މަސައްކަތް މި އަހަރުގެ މެދުތެރޭގައި ބަޔަކާ ހަވާލުކުރެވޭނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
މި ހުރިހާ މަސައްކަތެއް ނިންމާ، އިރާދަކުރެއްވިއްޔާ 11 ނޮވެންބަރު 2027 ވަނަ ދުވަހު މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލު ކުރާނަން،
ރައީސް މުޢިއްޒު
މި ބަދަލާއެކު ލިބިގެންދާނެ ފައިދާތަކަށް އަލިއަޅުއްވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ބަނދަރުގެ ޚިދުމަތްތައް އެތައް ގުނައަކަށް އަވަސްވެގެންދާނެ ކަމަށެވެ. އެގޮތުން މިހާރު 7 ދުވަހުން ހުސްކުރެވޭ ބޯޓުފަހަރު، އައު ބަނދަރާއެކު 24 ގަޑިއިރުގެ ތެރޭގައި ހުސްކުރެވޭނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި މުދާ ބެހެއްޓުމާއި ގުދަންކުރުމުގެ ފަހި އިންތިޒާމުތައް ހަމަޖެހި، މުދަލުގެ އަގުތައް ކުޑަވެގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.
މީގެ އިތުރުން، މާލޭގެ ވިޔަފާރި ބަނދަރު ސަރަހައްދުގައި މިހާރު ހިންގާ ހޯލްސޭލް ވިޔަފާރިތައް އެކީގައި ތިލަފުއްޓަށް ބަދަލުކުރެވޭނެ ކަމަށާއި، މީގެ ސަބަބުން އަތޮޅުތަކަށް މުދާ އުފުލާ ބޯޓުފަހަރަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
މި މަޝްރޫޢު ނިމުމުން، މާލޭގެ އެންމެ ކާރުބާރު ބޮޑު ސަރަހައްދަށް ބޮޑު ލުޔެއް ލިބި، އެ ސަރަހައްދަކީ ދުއްވާ އެއްޗެއްސާއި ހިނގާބިނގާވެ އުޅޭ މީހުންނަށް އަމާން އަދި ފަސޭހަ ތަނަކަށް ބަދަލުވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.