ޚަބަރު
ޖަނަވަރީ މަހު މަސްވެރިން ކިރުވި މަހަށް 40.3 މިލިޔަން ރުފިޔާ ދޫކޮށްފި
މަސްވެރިންތަކެއް ފެލިވަރަށް މަސް ކިރުވަނީ. ފޮޓޯ: ސަން
ނިމިދިޔަ ޖަނަވަރީ މަހު މަސްވެރިން ކިރުވި މަހަށް ޖުމްލަ 40.3 މިލިޔަން ރުފިޔާ ދޫކޮށްފައިވާކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މިދިޔަ މަހުގެ ތެރޭގައި ޖުމްލަ 236 ދޯންޏަކުން މިފްކޯއަށް މަސްކިރުވާފައިވެއެވެ.
މިފްކޯއިން ހިއްސާކޮށްފައިވާ މަޢުލޫމާތަށް ބަލާއިރު، ޖަނަވަރީ މަހު ޖުމްލަ 2454.34 ޓަނުގެ މަސް ވަނީ ކިރާފައެވެ. މީގެ ތެރޭގައި ކަޅުބިލަމަހާއި، 10 ކިލޯއިން މަތީގެ ކަންނެއްގެ އިތުރުން 15 ކިލޯއިން މަތީގެ ކަންނެލި ހިމެނެއެވެ. މި މަސްކިރުވި ދޯނިތަކަށް ޖުމްލަ 40,396,111.60 ރުފިޔާ ދޫކޮށްފައިވާއިރު، އެންމެ ގިނަ ފައިސާ ދޫކޮށްފައިވަނީ ކަޅުބިލަމަހަށެވެ.
މަސްކިރުވި ބާވަތްތަކުގެ ތަފްސީލް
ތަފާސްހިސާބުތައް ދައްކާގޮތުން ކަޅުބިލަމަސް ކިރުވުމަށް 199 ދޯންޏަކުން 2301.73 ޓަނުގެ މަސް ގެނެސްފައިވެއެވެ. މީގެ އަގަށްވާ 36.9 މިލިޔަން ރުފިޔާ ވަނީ ދޫކޮށްފައެވެ. މީގެ އިތުރުން 10 ކިލޯއިން މަތީގެ ކަންނެލި ކިރުވި 168 ދޯންޏަކަށް 1.6 މިލިޔަން ރުފިޔާ ދޫކޮށްފައިވާއިރު، 15 ކިލޯއިން މަތީގެ ކަންނެލި ކިރުވި 148 ދޯންޏަކަށް 1.8 މިލިޔަން ރުފިޔާ ވަނީ ދޫކޮށްފައެވެ.
މީގެކުރިން މަސްވެރިން ކިރުވާ މަހަށް ފައިސާ ދޫކުރުމުގައި ދަތިތަކަކާއި ލަސްތަކެއް ކުރިމަތިވި ނަމަވެސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ސަރުކާރުން މިހާރު ގެންދަވަނީ މަސްކިރުވާތާ އެންމެ ލަސްވެގެން 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދޫކުރަމުންނެވެ. މިއީ މަސްވެރިންނަށް ލިބިގެންދިޔަ ބޮޑު ލުޔެއްގެ ގޮތުގައި ސަރުކާރުން ފާހަގަކުރެއެވެ.
ސަރުކާރުން ވިދާޅުވާ ގޮތުގައި މަސްވެރިންނަށް ގަވާއިދުން ފައިސާ ދޭން ފެށުމާއެކު، މާލީ ނިޒާމުގެ ތެރެއިން މަސްވެރިންނަކީ ދައުލަތް ދަންނަ ބަޔަކަށް މިހާރު ވަނީ ހެދިފައެވެ. އެގޮތުން މަސްވެރިންގެ ދަފްތަރު އެކުލަވާލައި، މަސްވެރިންގެ އާމްދަނީއަށް ބިނާކޮށް ބޭންކުތަކުން ލޯނު ލިބޭނެ މަގުވެސް މިހާރު ވަނީ ފަހިކޮށްދީފައެވެ.
ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތް އިތުރަށް ފުޅާކޮށް، މިއީ ރާއްޖެއަށް އެންމެ ބޮޑު އާމްދަނީއެއް ލިބޭ އެއް ސިނާއަތަށް ހެދުމަކީ ސަރުކާރުގެ މުހިންމު އަމާޒެކެވެ. މި އަމާޒަށް ވާސިލުވުމަށްޓަކައި މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ސަރުކާރުން ގެންދަވަނީ ހާއްސަ އިސްކަމެއް ދެއްވައިގެން ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.