ޚަބަރު
ޅ. ނައިފަރުގައި ޤުރުއާން ހިތުދަސްކޮށްދޭ މަރުކަޒު "ޝައިޚް ނާޒިލް އިންސްޓިޓިއުޓް" ރަސްމީކޮށް ހުޅުވައިފި
ނައިފަރު ގައި ބިނާކުރި ޤުރުއާން ހިތުދަސްކުރާ މަރުކަޒުގެ ކިލާސް ރޫމެއްގެ އެތެރެ ފޮޓޯ: ޕީއެސްއެމް
ޅ. ނައިފަރުގައި ބިނާކުރި ޤުރުއާން ހިތުދަސްކޮށްދޭ މަރުކަޒު، "ޝައިޚް ނާޒިލް އިންސްޓިޓިއުޓް" ރަސްމީކޮށް ހުޅުވައިފިއެވެ. މި މަރުކަޒަކީ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ އިސްލާމިކް ވަޤްފު ފަންޑާއި އާންމުންގެ ދީލަތި އެހީތެރިކަމާއެކު ބިނާކޮށްފައިވާ ތަނެކެވެ.
މި މަރުކަޒު ބިނާކުރުމަށްޓަކައި އިސްލާމިކް ވަޤްފު ފަންޑުން 302,600.00 (ތިން ލައްކަ ދެހާސް ހަސަތޭކަ) ރުފިޔާގެ އެހީއެއް ދީފައިވެއެވެ. ދަރިވަރުންނަށް އުނގެނުމުގެ ފަހި މާޙައުލެއް ލިބޭނެ ގޮތަށް ފަރުމާކޮށްފައިވާ މި ސެންޓަރުގައި ދެ ކުލާސްރޫމާއި، 100 މީހުންގެ ޖާގައިގެ ހޯލަކާއި، އޮފީހެއްގެ އިތުރުން މުވައްޒަފުންނާއި ދަރިވަރުންނަށް ބޭނުންވާނެ އެންމެހާ އަސާސީ ވަސީލަތްތައް ވަނީ ޤާއިމުކޮށްފައެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވާ ގޮތުގައި، މި މަރުކަޒުގައި ކިޔަވައިދިނުމަށް ހަމަޖެހިފައިވަނީ ތަޢުލީމާ ބެހޭ ވުޒާރާއިން ފާސްކޮށްފައިވާ މުޤައްރަރަށެވެ. މި މަރުކަޒުގެ މައިގަނޑު މަޤްސަދަކީ ޅަ އުމުރުގައި ކީރިތި ޤުރުއާނުގެ އަޑާއި، މަޚްރަޖު އަދި ތަޖުވީދާއި ރާގު ފަދަ ފަންނުތައް އުނގަންނައިދީ، ޤުރުއާން އެކީގައި ހިތުން ދަސްކޮށްފައިވާ ޙާފިޡުންގެ ގޮތުގައި ދަރިވަރުން ދަސްވެނިކުރުވުމެވެ.
ޚާއްޞަ އިނާޔަތެއްގެ ގޮތުން، މި މަރުކަޒުގައި ކިޔަވާ ދަރިވަރުންގެ ތެރެއިން 10 އިންސައްތަ ދަރިވަރުންނަށް ކިޔަވައިދެނީ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ އެހީގައި މުޅިން ހިލޭކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ. މިއީ ރާއްޖޭގައި ޙާފިޡުންގެ އަދަދު އިތުރުކުރުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތުގެ ތެރެއިން އެޅުނު މުހިންމު ފިޔަވަޅެކެވެ.
ޝައިޚް ނާޒިލް އިންސްޓިޓިއުޓްގެ ކާމިޔާބީއަށް ބަލާއިރު، މިހާތަނަށް 4 ދަރިވަރުން ވަނީ ޤުރުއާން އެއްކޮށް ހިތުދަސްކޮށްފައެވެ. އަދި ކުރިއަށް އޮތް ޖޫން މަހުގެ ތެރޭގައި އިތުރު 3 ދަރިވަރުން ޙިފްޡު ކޮމިޓީއަށް ކިޔަވައިދިނުމަށް ތައްޔާރުވަމުންދާއިރު، މިހާރުވެސް ޖުމްލަ 87 ދަރިވަރުން އަންނަނީ މި އިންސްޓިޓިއުޓްގައި ޤުރުއާން ޙިފްޡު ކުރަމުންނެވެ. މީގެ ތެރެއިން 22 ދަރިވަރުން ތިބީ ޙިފްޡު ކުރުމުގެ އެންމެ ފަހު މަރުހަލާގައެވެ.