ޚަބަރު
ދިއްދޫގެ އުއްމީދީ މަޝްރޫޢުގެ ތެރެއިން 63 ހެކްޓަރުގެ ބިން ހިއްކައިފި
ދިއްދޫ ބިން ހިއްކުމުގެ މަސައްކަތް ކުރިޔަށް ދަނީ / ފޮޓޯ: ފޭސްބުކް
ފަރުދުން
03 ފެބްރުއަރީ 2026، 12:16
03 ފެބްރުއަރީ 2026، 12:16
ހއ. ދިއްދޫގައި އެއާރޕޯޓު ތަރައްޤީ ކުރާށާއި ބޯހިޔާވަހިކަމަށް ބޭނުންވާ ބިން ހިއްކުމަށް ފަށާފައިވާ މަޝްރޫޢުގެ ތެރެއިން މިހާތަނަށް 63 ހެކްޓަރުގެ ބިން ހިއްކައިފިއެވެ.
މި ދެ މަޝްރޫޢަށް ޖުމްލަ 112 ހެކްޓަރުގެ ބިން ހިއްކުމަށް ނިންމާފައިވާއިރު، ބިން ހިއްކުމުގެ މަސައްކަތް ފެށީ މިދިޔަ މަހުގެ 5ވަނަ ދުވަހުއެވެ. އަދި އެ މަސައްކަތުގެ ތެރެއިން މިހާތަނަށް މިވަނީ މުޅި މަޝްރޫޢުގެ %56.25 ނިމިފައެވެ.
މި މަސައްކަތް ކުރިޔަށް ގެންދަނީ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމްއޭސީއެލްއާ ހަވާލުކޮށްގެންނެވެ.
އެމްއޭސީއެލްއިން ހާމަކޮށްފައިވާ ގޮތުގައި ދިއްދޫ ބިން ހިއްކުމަށް ބޭނުން ކުރާ ޑްރެޖަރަކީ ދުނިޔޭގައިވެސް ފާހަގަކޮށްލެވޭ ބޮޑު ޑްރެޖަރެކެވެ. ޓްރެއިން ސަކްޝަން ހޮޕަރ، ލެއިވް އެރިކްޝަން ނަމަކަށް ކިޔާ މި ޑްރެޖަރަކީ، 46000 ކިއުބިކް މީޓަރުގެ ކެޕޭސިޓީ ހުރި ޑްރެޖަރެކެވެ.
ދިއްދޫގެ ބިން ހިއްކުމުގެ މަސައްކަތަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އެރަށާއި ސަރަޙައްދުގެ ރައްޔިތުންނަށް ވެވަޑައިގެންފައިވާ މުހިންމު ވަޢުދުފުޅެކެވެ.
ދިއްދޫގައި ތަރައްޤީކުރާ އެއާޕޯޓާއެކު ދަތުރުފަތުރުގެ ނިޒާމު ލުއިފަސޭހަވެ އަދި މުޅި އެ ސަރަޙައްދަށް އިޤްތިޞާދީ ބޮޑެތި ކުރިއެރުންތައް ލިބޭނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.
ހއ.އަތޮޅުގައި މިހާރު އޮންނަނީ ހޯރަފުށީގައި ހިންގަމުން އަންނަ އެއާޕޯޓެވެ. 14 ރަށް އޮންނަ އެ އަތޮޅަކީ ގާތްގަނޑަކަށް 20،000 މީހުންގެ އާބާދީއެއް އޮންނަ އަތޮޅެކެވެ.