Ads by Stelco

ޚަބަރު

މަސްވެރިކަމުގެ ޙާލަތު ބަދަލުކުރެއްވުމަށް ރައީސް ދެއްކެވީ ހަމައެކަނި ވާހަކަފުޅެއްނޫން، ޢަމަލީ މަސައްކަތްވެސް ފެއްޓެވި: ވަޒީރު ޝިޔާމް

މަސްވެރިކަމުގެ ޙާލަތު ބަދަލުކުރެއްވުމަށް ރައީސް ދެއްކެވީ ހަމައެކަނި ވާހަކަފުޅެއްނޫން، ޢަމަލީ މަސައްކަތްވެސް ފެއްޓެވި: ވަޒީރު ޝިޔާމް

މަސްވެރިކަމާބެހޭ ވަޒީރު އަޙްމަދު ޝިޔާމް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

02 ފެބްރުއަރީ 2026، 08:52

02 ފެބްރުއަރީ 2026، 08:52

މަސްވެރިކަމުގެ ސިނާޢަތު އޮތް ޙާލަތު ބަދަލުކުރެއްވުމުގެ ވިސްނުންފުޅުގައި ރައީސް ޑރ މުޙައްމަދު މުޢިއްޒު ދެއްކެވީ ހަމައެކަނި ވާހަކަފުޅު ތަކެެއް ނޫން ކަމަށާއި އެކަމަށް ބޭނުންވާ ޢަމަލީ މަސައްކަތްތައް ވެސް ފެއްޓެވިކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ވަޒީރު ވިދާޅުވީ މަސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދީ، މަސްވެރިންގެ އުއްމީދުތަކުގައި ކުލަ ޖައްސައިދެނީ މި ސަރުކާރުން ކަމަށެވެ. 

ވަޒީރު މިހެން ވިދާޅުވީ، ގދ. ފިޔޯރީގައި ޤާއިމުކުރާ ދަޅުމަސް ބަންދުކުރާ ކާރުޚާނާއަށް ބޭނުންވާ ބިން ހިއްކުމާއި ބަނދަރު ހެދުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ވަޒީރު ވިދާޅުވީ ރާއްޖެއަކީ ދުނިޔޭގެ ދޮށީގެ މަސްވެރިކަމުގެ އެކްސްޕޯޓު މާކެޓުގައި 50 އިންސައްތަ ހިއްސާކުރާ ގައުމަކަށް ވީނަމަވެސް، މިހާތަނަށް މަހަށް އަގު ކިޔުމުގެ ބާރު ރާއްޖެއަށް ލިބިފައި ނުވަނީ ސިނާއަތުގެ އިންތިޒާމުތައް ހުރި ގޮތުން ކަމަށެވެ.

މި ހާލަތު ބަދަލުކުރުމަށް ރައީސް ކުރައްވާ މަސައްކަތްޕުޅުތަކާ ގުޅޭގޮތުން ވަޒީރު ވިދާޅުވީ، "މި ހާލަތު ބަދަލުކުރުމުގެ ވިސްނުންފުޅާއެކީގައި ރައީސް ވަޑައިގެން އެމަނިކުފާނު ހަމައެކަނި ވާހަކަދެއްކެވީކީ ނޫން. އަމަލީ ގޮތުން މި މަސައްކަތްޕުޅު ފެއްޓެވީ. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް މި ފެނިގެންދަނީ މަސްވެރިކަމުގެ ދާއިރާއަށް ފާގަތިކަން ލިބެމުންދާ މަންޒަރު" ކަމަށެވެ. އަދި މި މަސައްކަތްޕުޅުތަކާއެކު ބައިނަލްއަގުވާމީ ބާޒާރުގައި ދިވެހި މަހަށް ރަނގަޅު އަގު ލިބޭނެ ކަމުގެ އުންމީދު އާވެފައިވާ ކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ.

ސަރުކާރުގެ އަމާޒަކީ މަހުގެ އަގު ކަނޑައެޅުމުގެ ބާރު ހޯދުމަށްޓަކައި މަސް ރައްކާކުރެވޭ ކެޕޭސިޓީ މިހާރު ހުރި 9,500 ޓަނުން 25,000 ޓަނަށް އިތުރުކުރުމެވެ. ފިޔޯރީގައި ގާއިމްކުރާ 3,000 ޓަނުގެ ކޯލްޑް ސްޓޯރޭޖަކީ މި އަމާޒަށް ވާސިލްވުމަށް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ވަޒީރު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، މި މަޝްރޫޢުގެ ސަބަބުން މަސް ކިރުވުމަށް ކޫއްޑޫއަށް ކުރަންޖެހޭ 40 މޭލުގެ ދަތުރު ނިމުމަކަށް އައިސް، މަސްވެރިންގެ އަތުން ހިނގާ ޚަރަދުތައް ވަރަށް ބޮޑަށް ކުޑަވެގެންދާނެއެވެ.

މި މަޝްރޫޢުގެ ދަށުން ބިން ހިއްކުމާއި ބަނދަރުގެ މަސައްކަތް ނިމި، އަންނަ އަހަރުގެ ފަހުކޮޅަށް ފެސިލިޓީގެ މަސައްކަތް އެއްކޮށް ނިންމުމަކީ ސަރުކާރުގެ އަމާޒެކެވެ. ވަޒީރު ޝިޔާމް ވިދާޅުވީ ސަރުކާރުގެ ސިޔާސަތަކީ މަސްވެރިކަމުގެ ވަސީލަތްތައް މީހުން ދިރިއުޅޭ ރަށްތަކުގައި ގާއިމްކޮށް، އޭގެ ސީދާ މަންފާ ރައްޔިތުންނަށް ފޯރުކޮށްދިނުން ކަމަށެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450