ޚަބަރު
އެޗްޑީސީގެ "އެއްގެއިން އަނެއްގެއަށް" މިއަހަރުވެސް ކުރިއަށްދާނެ
ރޯދައަށް ޚާއްސަކޮށްގެން އެޗްޑީސީ އިން ކުރިއަށްގެންދަ އެއްގެއިން އަނެއްގެއަށް ހަދިޔާކުރަމާ
ރަމަޟާން މަހާ ދިމާކޮށް ގޭބީސީތަކުން އުކާލާ ތަކެތީގެ ތެރެއިން، ބޭނުންކުރެވޭ ހާލަތުގައި ހުރި ތަކެތި އުކާލުމުގެ ބަދަލުގައި ހަދިޔާކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ކުރިއަށްގެންދާ "އެއްގެއިން އަނެއްގެއަށް" ކެމްޕެއިން މިއަހަރުވެސް ކުރިއަށް ގެންދިއުމަށް ނިންމައިފިއެވެ.
ރޯދަ މަހަކީ އާއްމުކޮށް ދިވެހިން ގޭގައި ހުންނަ ފަރުނީޗަރާއި ހިފާ ގެންގުޅޭ ތަކެތި ބަދަލުކޮށް އައު ކުރާ ދުވަސްވަރެކެވެ. މިގޮތަށް އުކާލާ ތަކެތީގެ ތެރޭގައި މާބޮޑަށް ބާނުވާ، އަލުން ބޭނުންކުރެވޭނެ ގިނަ ތަކެތި ހިމެނޭތީ، އެޗްޑީސީން ބޭނުންވަނީ އެފަދަ ތަކެތި ބޭނުންވާ އެހެން ފަރާތްތަކަށް ފޯރުކޮށްދިނުމަށެވެ.
އެޗްޑީސީން ވިދާޅުވީ، މި ކެމްޕެއިނަކީ އެއްގެއިން ބޭނުން ނުވާ، ނަމަވެސް ބޭނުންކުރެވޭ ހާލަތުގައި ހުރި ތަކެތި ނެގުމަށްފަހު، އެތަކެތި ބޭނުންވާ އެހެން ފަރާތަކަށް ހަދިޔާ ކުރުމަށް ކުރިއަށްގެންދާ ޕްރޮގްރާމެއް ކަމަށެވެ. މި ޕްރޮގްރާމަށް ހުޅުމާލޭގެ ކޮންމެ ގެއަކުންވެސް ތަކެތި ހަދިޔާ ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.
#އެޗްޑީސީއާއެކު އެއްގެއިން އަނެއް ގެއަށް ހަދިޔާކޮށްލަމާ!
— Housing Development Corporation (@hdcmaldives) February 2, 2026
ރޯދަޔަށް އެއްޗެހި އާކުރާނަމަ، ބޭނުންކުރެވޭ ހާލަތުގަ ހުރި ތަކެތި އެޗްޑީސީއާއި ގުޅިގެން އެއްގެއިން އަނެއްގެއަށް ހަދިޔާކޮށްލެވިދާނެ.
ހަރަކާތް ކުރިއަށް ދާނީ 4 ފެބްރުވަރީ 2026ން 14 ފެބްރުވަރީ 2026ގެ ނިޔަލަށް.#WithHDC pic.twitter.com/8ecbT5khTR
މި ޕްރޮގުރާމުގެ ދަށުން ބޮޑަށް އަމާޒުކުރަނީ ބޭނުންކޮށްފައިވާ އަދި ބޭނުންކުރެވޭ ހާލަތުގައި ހުރި ފަރުނީޗަރާއި ގޭގައި ގެންގުޅޭ އިލެކްޓްރޯނިކްސް ފަދަ ތަކެއްޗަށެވެ. މިއީ އިސްރާފު ކުޑަކުރުމަށާއި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެހީވުމުގެ މަގްސަދުގައި ކުރިއަށްގެންދާ ހަރަކާތެކެވެ.
މި މަހުގެ 4 ވަނަ ދުވަހުން ފެށިގެން މި މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ މި ޕްރޮގުރާމުގެ ދަށުން ގޭގެއިން ތަކެތި ނެގުމަށްފަހު، އެތަކެތި ބޭނުންވާ ކޮންމެ ފަރާތަކަށްވެސް ފޯރުކޮށްދިނުމުގެ އިންތިޒާމު ހަމަޖައްސާނެ ކަމަށް އެޗްޑީސީން ވަނީ ވިދާޅުވެފައެވެ.